ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިންގްސް ކުންފުނީގެ އެކައުންޓް ބީއެމްއެލްއިން ފްރީޒްކުރީ ގާނޫނާއި ހިލާފަށް، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ކުންފުންޏަށް ލިބިގެންވޭ: ސިވިލް ކޯޓް

ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން ނުވަތަ ޕޮންޒީ ސްކީމާއި ގުޅުން ހުރި އަމަލުތަކެއް ހިންގަމުން ދާކަމަށް ބުނެ މޯލްޑިވްސް މަނިތަރީ އޮތޮރިޓީ (އެމްއެމްއޭ) އިން އާއްމު ކުރި ބަޔާނަކަށް ފަހު، “ކިންގްސް ކެޕިޓަލް ހޯލްޑިންގްސް” ގެ ބޭންކު އެކައުންޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފްރީޒް ކުރީ ގާނޫނާއި ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑަޅައި ހުކުމް ކޮށްފިއެވެ.

ރާއްޖޭގެ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަޔާނެއް އާއްމު ކުރި އެވެ. ސީދާ ވަކި ބައެއްގެ ނަން ނުހިމަނައި ނެރުނު އެ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ފޭސްބުކާއި، ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެކަމަށް ބުނެ އިންވެސޓު ކުރުވައި ސްކީމްގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އޭގެ ފަހުން ފުލުހުން ވެސް ބަޔާނެއް އާއްމުކޮށް ބުނީ ކަމާއި ބެހޭ އިދާރާތްތަކުން ދިން މައުލޫމާތުތަކަށް ފަހު، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ފާހަގަ ކުރެވިފައި ވާތީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓު ކުރުމުގައި، މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދޭކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކުރި އެވެ.

މި ތުހުމަތުތައް ކުރެވިފައި ވަނީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ “ކިންގްސް ކެޕިޓަލް ހޯލްޑިން” ކުންފުންޏަށެވެ. ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަލްހާން މީޑިއާތަކާއި ބައްދަލުކޮށް އެމްއެމްއޭ އާއި ބީއެމްއެލްއަށް ފާޑުވިދާޅުވި އެވެ. އަލްހާން ވިދާޅުވީ، އެމްއެމްއޭ އާއި ބީއެމްއެލްގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. މާލީ ގެއްލުންތަކުގެ ދައުވާ ކޯޓުގައި ކުރިޔަށް ގެންދާނެކަން ފާހަގަކުރައްވައި އަލްހާން އޭރު ވިދާޅުވީ، އެނާއަކީ އޮންލައިން ނުވަތަ ފޮރެކްސް ޓްރޭޑިންގެ މާބޮޑު އިލްމެއް އުނގެނިގެން ހުރި މީހެއް ނޫނަސް މިއީ އެއްވެސް ގޯސް މަސައްކަތެއް ނޫންކަން އެނގޭ ކަމަށެވެ.

ކިންގްސް އިން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެކައުންޓް އަންފްރީޒް ކުރުމަށް ބީއެމްއެލްގެ މައްޗަށް އަމުރު ނެރެދިނުމަށެވެ. ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ އަމުރެއް ނެތި އެކައުންޓު އިންއެކްޓިވްކޮށް އެކައުންޓުގައިހުރި ފައިސާ ބޭންކް އޮފް މޯލްޑިވްސް އިން ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާކަން ކަނޑައަޅައިދޭން ވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެއެވެ.

ފޮރެކްސް ޓްރޭޑު ކުރުން ރާއްޖޭގެ ގާނޫނުތަކުން މަނާ ނުކުރާކަން ފާހަގަކޮށް، އަލްހާން ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ އެމްއެމްއޭއިން މީގެ ކުރިން އާއްމު ކުރި ބަޔާނަކުން ވެސް އެކަން ސާފުވާނެ ކަމަށެވެ. ރާއްޖޭގައި ފޮރެކްސް ޓްރޭޑިން މަނާކުރާ އެއްވެސް ގާނޫނަށް މިހާތަނަށް ނެތްކަމަށް ވެސް މައްސަލައިގައި ވެއެވެ.

މައްސަލައިގައި އަލްހާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ އެވެ. އަދި ޕޮންޒީ ސްކީމްގެ އެއްވެސް ކަމެއް އޭނާ ކުރަމުން ނުދާކަމަށާއި ޓްރޭޑު ކުރަނީ އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައިކަމަށާއި، މި މަސައްކަތް ކުރިޔަށް ދަނީ އިންޓަނޭޝަނަލް ބްރޯކާސްތައް މެދުވެރިކޮށްކަން އަލްހާން ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްއާއި ދެކޮޅަށް ކިންގްސްއިން ހުށަހެޅި މައްސަލައިގައި މިއަދު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު އެ ހުކުމުގައި ބުނެފައިވާ ގޮތުގައި ބީއެމްއެލްއިން ކިންގްސްގެ އެކައުންޓް ފްރީޒް ކޮށްފައި ވަނީ އެކައުންޓުތައް ފްރީޒް ކުރުމަށް ކަނޑައެޅިފައިވާ ގާނޫނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށެވެ. ނަމަވެސް، ކިންގްސްއިން ހިންގަމުން ދިޔަ ސްކީމަކީ ނުވަތަ އޮންލައިން ޓްރޭޑިންގއަކީ ސީއެމްޑީއޭގައި އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަން ޖެހޭ ސްކީމެއް ނުވަތަ ވިޔަފާރިއެއް ކަމަށް ބުނެ ބީއެމްއެލްއިން ކިންގްސްއަށް އީމެއިލް އެއް ފޮނުވުމަކީ ކިންގްސް އިން ކުރަމުންއައި އޮންލައިން ޓްރޭޑިންއަކީ ގާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސިކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ސީއެމްޑީއޭގައި އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓްރީކުރަންޖެހޭ ކަމަށް ކަނޑައެޅުން ކަމަށް ޝަރީޢަތަށް ބުރަވެވެން ނެތަތީ، ކިންގްސް އިން ކުރަމުންއައި އޮންލައިން ވިޔަފާރިއާ ރަޖިސްޓްރީ ކުރަންޖެހޭކަމަށް ބޭންކުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާ ބަޔާމެދު ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ކަމަށް ނުފެންނަކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރަށް ހުކުމުގައި ބުނެފައިވާ ގޮތުގައި ބީއެމްއެލްއިން ކިންގްސްގެ އެކައުންޓްތައް ފްރީޒް ކުރީ އެމްއެމްއޭގެ ދަށުން ހިންގަމުން ގެންދާ އެފްއައިޔޫގެ އެންގުމަކަށް ކަމަށް ބީއެމްއެލްއިން ބުނި ނަމަވެސް އެފަދަ އެންގުމެއް އެފްއައިޔޫއިން ބީއެމްއެލްއަށް އެންގިކަން ސާބިތުވާ އެއްވެސް ލިއުމެއް ބީއެލްއެލްއިން ޝަރީޢަތަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި އެފަދަ އެންގުމެއް އެފްއައިޔޫއިން އެންގިކަން ބީއެމްއެލްއަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކިންގްސް ކުންފުނީގެ އެކައުންޓު ހުޅުވިއިރު ދީފައިވާ މައުލޫމާތުގައި އެނުއަލް ރެވެނިއުގެ ގޮތުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ ބޮޑެތި ޓްރާންސެކްޝަންތަކެއް ހިންގަމުންދާކަން ބޭންކަށް ފާހަގަކުރެވުނުތާ 4 މަސްވެގެންދިޔައިރު ވެސް ބޭންކުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އަންގާފައި ނުވާކަމަށާއި، 4 މަސް ފަހުން ކިންގްސްގެ ޓްރާންސެކްޝަންތަކާ ގުޅޭގޮތުން ބޭނުކުން އެމްއެމްއޭ އަށް ފޮނުވާފައިވާ ސިޓީއަކީ ގާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ބޭންކާ މަތިކޮށްފައިވާ ޝައްކުކުރެވޭ މުއާމަލާތްތަކާމެދު ފަރުވާތެރިވުމުގެ ގޮތުން ބޭންކުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެން ނެތްކަމަށާއި، އަދި ހަމަ އެގޮތަށް ކިންގްސްއާ މެދު ބޭންކުން ފިޔަވަޅު އެޅުމުގެގޮތުން އެފަރާތުގެ އެކައުންޓް އިންއެކްޓިވްކޮށް ފްރީޒްކޮށްފައިވަނީ އެމްއެމްއޭ އިން ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ކަމަށް ބޭންކުން ބުނިނަމަވެސް، އެ ސިޓީއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެފްއައިޔޫއިން ފޮނުވާފައިވާ ސިޓީއެއް ކަމަށް ބެލެވެން ނެތްކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ. ސަބަބަކީ އެފްއައިޔޫއަކީ އެމްއެމްއޭގެ ދަށުން ހިންގަމުންދާ ތަނެއް ކަމަށް ވީނަމަވެސް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެއީ ވަކި ގާނޫނީ ބާރުތަކެއް ލިބިގެންވާ މިނިވަން ތަނެއްގެ ގޮތުގައި ބަޔާންކޮށްފައިވާއިރު، އެފަދަ އެންގުމެއް އަންގަން ޖެހޭނީ އެފްއައިޔޫއިން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކުރާފަދަ ޝައްކުކުރެވޭ ކަމެއް ނުވަތަ މުއާމަލާތެއް ކިންގްސްއިން ކުރަމުންދާކަން އެފްއައިޔޫއިން ބީއެމްއެލްއަށް އެންގިކަން އަންގައިދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ކޯޓުން ކުރި ހުމުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކިންގްސްއިން އިން ކުރަމުންދިޔަ ވިޔަފާރިއަކީ ދިވެހިރާއްޖޭގެ މާލީ ސިކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގަންޖެހޭފަދަ އިންވެސްޓްމަންޓް ފަންޑެއްކަމަށް ސީއެމްޑީއޭ އިން ބޭންކަށް އެންގިކަން ބޭންކަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ހަމައެގޮތަށް ކިންގްސް އަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާފަދަ ރިޕޯޓިންގ އެންޓިޓީއެއް ކަމަށް އެފްއައިޔޫއިން ބޭންކަށް އަންގާފައިވާކަން  ސިވިލް ކޯޓުގެ ހުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

މައްސަލައިގައި ބަޔާނެއް އާމުކޮށް ކިންގްސްއިން ބުނެފައި ވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުން ނިންމައިގެން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކުރަން ފެށި އޮންލައިން ޓްރޭޑިންގެ ވިޔަފާރި އަކީ އިންވެސްޓަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކުން ދެފަރާތުގެ ދެމެދު ލިޔުމުން ވާހަކަ ދެކެވިގެން، ދެފަރާތުން ރުހި ޤަބޫލުވެ އެއްބަސްވެގެން، ދެފަރާތުގެ ދެމެދު ދެކެވުނު ވާހަކައާއި އެއްބަސްވުމުގެ ސޮފްޓް ކޮޕީ އަދި ޓެލެގްރާމް މުއާމަލާތްކުރުމުގައި ދެއްކި ވާހަކަ ރައްކާކުރެވިފައިވާ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ.

މި ވިޔަފާރިއަށް އިންވެސްޓްކުރި ފަރާތްތަކަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާދެމުން ދަނިކޮށް އެމްއެމްއޭއިން ކުންފުންޏަށް އަމާޒުކޮށްގެން ނުސީދާ ގޮތެއްގައި މަކަރާހީލަތުން ފައިސާ ނަގަމުން ދާކަމަށް ބަޔާން ނެރެ، އާންމު ރައްޔިތުންނާއި މި ވިޔަފާރިއަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ހިތްތަކުގައި ކުންފުންޏާއި މެދު ނުރަނގަޅު ތަސައްވުރެ އުފައްދައި، އަދި ދައުލަތުގެ މުއައްސަސާތަކުން މި ވިޔަފާރީގައި ކުށުގެ އަމަލު ހިމެނޭކަމަށް ދައްކުވައިދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކުންފުނިން ޓްރޭޑްކޮށްގެން ޖަމާކުރުމަށް ބެންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކަށް ފޮނުވި ފައިސާ އަނބުރާ ފޮނުވާލައި، ކުންފުނިން ބޭނުން ކުރި އެކައުންޓްތަށް ބްލޮކްކޮށް ކުރަމުން ދިޔަ ޓްރޭޑިންގެ ވިޔަފާރީގެ މަސައްކަތް ހުއްޓުމަކަށް އައިސް، އެ ވަގުތު އިންޓަރނޭޝަނަލް ޕްލެޓްފޯމް އާއި އެކު ވެފައިވާ ޕާރްޓްނާޝިޕް އުވި ބޮޑެތި ގެއްލުންތައް ލިބުނު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުންފުނީގެ ޓްރޭޑިންގ އެކައުންޓްތައް ބަންދުކުރެވި އޮންލައިން ޓްރޭޑިންގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި ދުވަސްތަކެއް ހޭދަވެ ކުންފުނީގެ ވިޔަފާރިއަށް އިންވެސްޓު ކުރި ފަރާތްތަކަށާއި ކުންފުންޏަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.

އަދި ބަޔާނުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޮފީސް ބަލައި ފާސްކޮށްފައި ވާތީ އެކަން ވެސް ފާހަގަ ކުރި އެވެ. ކުންފުނީގެ މި ވިޔަފާރިއަކީ އެއްވެސް ހާލެއްގައި މަކަރާ ހީލަތްހެދުމުގެ ނިޔަތުގައި ކުރިއަށްގެން ދިޔަ ވިޔަފާރިއެއް ނޫންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 56%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދިވެހިންގެ ބެންކޭ ތިކިޔާ ބެންކަކީ އެއްގޮތަކަށް ވެސް އިތުބާރު ކުރެވޭނެ ބެންކެއް ނޫން! ހިތަށް އަރަނީ މިމައްސަލައިގެ ހަގީގަތް އެންގެން މިހާގިނަ ދުވަސްތައް ނެގީމަ! އެމީހެއްގެ ލާރި އެމީހަކަށް ރައްކާތެރި ގޮތުގަ އިންވެސްޓް ކުރެވޭނެ ނިޒާމެއް ހުރުމަކީ ގަައުމެއްގެ ބޭންކިން ނިޒާމުގެ ޒިންމާއެއް! ކޮވިޑު ދުވަސްވަރު ޑޮލަރު ތާށިއޭ ކިޔާފަ އެތަށް އިންވެސްޓިން ޕްލެޓްފޯމް ތަކެއް ބްލޮކްކުރި ބޭންކަކަށް ދިވެހިންގެ ބޭންކެކޭ ކިޔަން ލަދުގަންނަން ޖެހޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: