ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިންގްސް ކުންފުނީގެ އެކައުންޓް ފްރީޒްކުރި މައްސަލައިގައި އަލްހާން ސިވިލް ކޯޓަށް!

ކިންގްސް ކެޕިޓަލް ހޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން ނުވަތަ ޕޮންޒީ ސްކީމާއި ގުޅުން ހުރި އަމަލުތަކެއް ހިންގަމުން ދާކަމަށް ބުނެ މޯލްޑިވްސް މަނިތަރީ އޮތޮރިޓީ (އެމްއެމްއޭ) އިން އާއްމު ކުރި ބަޔާނަކަށް ފަހު، “ކިންގްސް ކެޕިޓަލް ހޯލްޑިންގްސް” ގެ ބޭންކު އެކައުންޓް ފްރީޒް ކުރި މައްސަލަ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަޔާނެއް އާއްމު ކުރި އެވެ. ސީދާ ވަކި ބައެއްގެ ނަން ނުހިމަނައި ނެރުނު އެ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ފޭސްބުކާއި، ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެކަމަށް ބުނެ އިންވެސޓު ކުރުވައި ސްކީމްގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އޭގެ ފަހުން ފުލުހުން ވެސް ވަނީ ބަޔާނެއް އާއްމުކޮށް ބުނީ ކަމާއި ބެހޭ އިދާރާތްތަކުން ދިން މައުލޫމާތުތަކަށް ފަހު، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ފާހަގަ ކުރެވިފައި ވާތީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓު ކުރުމުގައި، މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދޭކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކުރި އެވެ.

މި ތުހުމަަތުތައް ކުރެވިފައި ވަނީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ “ކިންގްސް ކެޕިޓަލް ހޯލްޑިން” ކުންފުންޏަށެވެ. ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަލްހާން ވަނީ ނިމިދިޔަ ހަފްތާގައި މީޑިއާތަކާއި ވެސް ބައްދަލުކޮށް އެމްއެމްއޭ އާއި ބީއެމްއެލްއަށް ފާޑުވިދާޅުވި އެވެ. އަލްހާން ވިދާޅުވީ، އެމްއެމްއޭ އާއި ބީއެމްއެލްގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. މާލީ ގެއްލުންތަކުގެ ދައުވާ ކޯޓުގައި ކުރިޔަށް ގެންދާނެކަން ފާހަގަކުރައްވައި އަލްހާން ވިދާޅުވީ، އެނާއަކީ އޮންލައިން ނުވަތަ ފޮރެކްސް ޓްރޭޑިންގެ މާބޮޑު އިލްމެއް އުނގެނިގެން ހުރި މީހެއް ނޫނަސް މިއީ އެއްވެސް ގޯސް މަސައްކަތެއް ނޫންކަން އެނގޭ ކަމަށެވެ.

މީގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުއިރު އޭގެ ބަދަލު ހޯދާނެކަމަށް އެ ދުވަހުގެ ޕްރެސްގައި އަލްހާން ވިދާޅުވެފައި ވެއެވެ. މިއަދު އެ މައްސަލަ ކޯޓަށް ހުށަހަޅައި އަލްހާން ވިދާޅުވީ ކުންފުނީގެ ބީއެމްއެލް އެކައުންޓް ހިފަހައްޓާފައި ވަނީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ އަމުރެއް ނެތި ކަމަށެވެ.

ކިންގްސް އިން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެކައުންޓް އަންފްރީޒް ކުރުމަށް ބީއެމްއެލްގެ މައްޗަށް އަމުރު ނެރެދިނުމަށެވެ. ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ އަމުރެއް ނެތި އެކައުންޓު ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާކަން ކަނޑައަޅައިދޭން ވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެއެވެ.

ފޮރެކްސް ޓްރޭޑު ކުރުން ރާއްޖޭގެ ގާނޫނުތަކުން މަނާ ނުކުރާކަން ފާހަގަކޮށް، އަލްހާން ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ އެމްއެމްއޭއިން މީގެ ކުރިން އާއްމު ކުރި ބަޔާނަކުން ވެސް އެކަން ސާފުވާނެ ކަމަށެވެ. ރާއްޖޭގައި ފޮރެކްސް ޓްރޭޑިން މަނާކުރާ އެއްވެސް ގާނޫނަށް މިހާތަނަށް ނެތްކަމަށް ވެސް މައްސަލައިގައި ވެއެވެ.

މައްސަލައިގައި އަލްހާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ އެވެ. އަދި ޕޮންޒީ ސްކީމްގެ އެއްވެސް ކަމެއް އޭނާ ކުރަމުން ނުދާކަމަށާއި ޓްރޭޑު ކުރަނީ އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައިކަމަށާއި، މި މަސައްކަތް ކުރިޔަށް ދަނީ އިންޓަނޭޝަނަލް ބްރޯކާސްތައް މެދުވެރިކޮށްކަން އަލްހާން ފާހަގަ ކުރެއްވި އެވެ.

އަލްހާން ވަނީ އޭނާގެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރޭޑިން ޕްލެޓްފޯމު ޑެރިވްގެ އެފިލިއޭޓު ޕާޓްނަރުކަމަށް ވިދާޅުވެފަ އެވެ. ޕޮންޒީ ސްކީމް ހިންގާ ބަޔަކަށް މިހާ ބޮޑު ކުރިއެރުމެއް ހޯދިދާނެތޯ އެމްއެމްއޭއިންނާއި ބީއެމްއެލް ވެސް ދިރާސާއެއް ހެދުމަށް އަލްހާން ގޮވާލި އެވެ.

ޕޮންޒީ ސްކީމުގެ ސިފަތަކެއް މީގައި ހިމެނޭކަމަށް ބުނެ، ފައިސާ ވެސް އެތެރެވިޔަ ނުދީ ހިފެހެއްޓިކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާއަށް މިހާބޮޑު ދަތި ކުރުމުގެ ފިޔަވަޅެއް އެޅީ، ބީއެމްއެލްގެ އެތައް ސޭވިން އެކައުންޓެއް މިކަމުގެ ތެރެއަށް ވަނުންކަމަށް އަލްހާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: