ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އިންޑިއާ އެކު ވެފައިވާ އެއްބަސްވުންތައް އުވާލާނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އެކު އެކުލަވާފައިވާ އެއްބަސްވުންތަކުގެ ގައުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހަރަކާތްތައް ވަރުގަދަކޮށް ރާއްޖޭގެ ރަށްތަކަށް ރައީސް ޔާމީން ރަށްތަކަށް ދަތުރު ކުރައްވާތީ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މަގްސަދަކީ ނަފްރަތު އުފައްދައިގެން ގައުމުގެ ވެރިކަމަށް އަލުން އައުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ހަރަކާތްތަކެއްގެ ގޮތުގައި ވިދާޅުވި އެވެ
މި މައްސަލައިގައި ދެ ބޭފުޅުންގެ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދު ކުރުމަށް ފަހު، ރޭ އޮތް އެމްޑީޕީގެ އިވެންޓެއްގައި ރައީސް ނަޝީދު ވަނީ އަނެއްކާ ވެސް އިންޑިއާ އައުޓް ހަތަކާތުން ރައީސް ޔާމީން ބޭނުން ވަނީ އެހެން ގައުމުތަކުގެ ވެރިންނާއި މެދު ދިވެހީންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުންކަމަށް ވިދާޅުވެފަ އެވެ.
މިއަދު ނައިފަރަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ގައުމަށް ގެއްލުން ވާ ގޮތަށް އިންޑިއާ އެކު މި ސަރުކާރުން އެކުލަވާލި ހުރިހާ އެއްބަސްވުމެއް ބާތިލު ކުރައްވާނެ ކަމަށެވެ. އިންޑިއާއިން މި ގައުމުގެ ރައްޔިތުންނަށް ދޭ ހިތްދަތިކަމަށް ފަހު އެފަދަ ބަޔަކާއި އެކު ބާއްވަން ޖެހޭ އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ލިޔުންތައް ހޯދައި، އެއްބަސްވުންތައް އުވާލާނެކަމުގެ ވައުދާއި އެކު ރައީސް ޔަމީން ވިދާޅުވީ ގައުމުގެ ހިންގުމުގެ ތެރެއަށް ނުފޫޒު ފޯރުވައި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލުކޮށް މަގާމުތަކަށް އަންނަންވާ މީހުންނާއި ދިވެހީންގެ ހާލަތު އޮންނަންވާނެ ގޮތް އިންޑިއާއަށް ބުނެ ނުދެވޭނެ ކަމަށެވެ.
އިންޑިއާ އަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް ގައުމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ މި ސަރުކާރު އިންޑިއާގެ އަޅުންގެ ގޮތުގައި ތިބެން ލަދުގަންނަން ޖެހޭ ކަމަށެވެ. މަޖުބޫރު ކަމެއްގެ ތެރެއިން، އިންޑިއާ ބުނާ ހުރިހާ ކަމެއް ކުރަން ޖެހެނީ، ވެރިކަން ހޯދައި ދިން ބަޔަކީ އެއީކަމަށް ވާތީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ހުއްދަ ނުހޯދައި ވެސް އިންޑިއާގެ އުޅަނދުތަކަށް ރާއްޖެއަށް ވަދެވޭކަމަށް ވިދާޅުވުމުން ރައީސް ނަޝީދު އެކަން ދޮގު ކުރެއްވި ނަމަވެސް، އެ ވާހަކަ މިއަދު ވެސް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވީ އެއްބަވުމުގައި އޮތީ ހަމައެކަނި އަންނަކަން އަންގާލަން އެކަނި ކަމަށެވެ. އިތުރު އެއްވެސް ހުއްދައެއް ނަގަން ޖެހޭ ވާހަކައެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، މިއީ އެއްވެސް އަމިއްލަ އެދުމެއްގެ ސަބަބުން ދައްކާ ވާހަކައެއް ނޫންކަމަށާއި އެއްބަސްވުންތަކުގެ ހަގީގަތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ގައުމާއި މެދު ގޮތް ނިންމާނީ ދިވެހި ރައްޔިތުންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަނޑުތަކަށް ބާރު ފޯރުވުމުގެ ފުރުސަތު އިންޑިއާއަށް ދީގެން ނުވާނެ ކަމަށެވެ.
މިއަދު ވެސް ގައުމުގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ތިބީ ހަތިޔާރާއި އެކުކަމަށް ވާއިރު މިއީ ވަރަށް ނުރައްކާތެރި ވާހަކަތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެގްރިމެރިމެންޓުތަކާއި ގުޅުވައި، ޑިފެންސް މިނިސްޓްރީން ވެސް މީޑިއާތަކާއި އަދި އާއްމުންނާއި ހިއްސާ ކުރަނީ ދޮގު މައުލޫމާތުތައް ކަމަށެވެ.

