ބަންޑާރަ ބޮޑެތި ވަޒީފާތަކުގަ ތިބޭ ބޭފުޅުން ވާ ވައުދު ނުފުއްދުމުން އެވާހަކަ ދެއްކުން އެއީ އެންޓި ކެމްޕެއިން ނޫން ކަމުގައި ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ތަރުޖަމާނު އަދި އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށް ފަހު“ ޕްރޮގްރާމްގައި ވައްޑެ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވާ ދެ ކެޑިޑޭޓުން ކަމުގައިވާ އިންތި އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ދެ ބޭފުޅުން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ކިޔަމުންދާ ފާޑު ކިޔުންތަކާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
”ދައުލަތުގެ ވަޒީފާތަކުގެ ރައްޔިތުންގެ ނަމުގައި ތިބޭ ބޮޑެތި އުޖޫރަ އާއި މުސާރަ އާއި އިނާޔަތްތަކާއި ބާރާއި އިހްތިޔާރު ލިބޭ ބަންޑާރަ ބޮޑެތި ވަޒީފާތަކުގަ ތިބޭ ފަރާތްތަކުގެ މަސްއޫލިއްޔަތު ނުއުފުލެއްޏާ ނުވަތަ އެފަރާތްތަކުން ވާ ވައުދު ނުފުއްދައްޔާ އެ ވާހަކަ ދެއްކުން އެއީ އެންޓި ކެމްޕެއިނެއް ނޫން“ ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ދައްކަން ޖެހޭ އަސާސީ ވާހަކައެއް ކަމަށާއި ނުދައްކައިފިނަމަ ނުރައްކާ ވާނެ ފަދަ ވާހަކައެއް ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުމުންނާއި އެއާއި ހިލާފަށް އަމަލު ކުރައްވަމުން ގެންދާތީ ދައްކާ ވާހަކަ ތަކަކީ ޒާތީ ވުން ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިއީ އެންމެންނަށްވެސް އޮންނާނެ ހައްގެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ގަދަ މީހާގެ ގަދަ ކަން ދައްކައިގެން އެކަމުގެ ފައިދާގައި އޭނަ ކަން ކުރައްވާނަމަ އެޔައް ވުރެ ދަށް މީހާވެސް އޭނާ އަށް ލިބިފައިވާ ހަތިޔާރުގެ ބޭނުން ކުރައްވާނެ ކަމުގައި ވައްޑެ ވިދާޅުވިއެވެ. އަދި އެ ހަތިޔާރަކީ ގަދަ މީހާ އޭނާގެ ގަދަ ބާރުން ހިންގާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކުން ކަމުގައި ފާހަގަ ކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ނުވެ ހުރި ކަންކަމާއި ވައުދު ތަކުގެ ވާހަކަ ފާހަގަ ކުރައްވައި ވައްޑެ ވިދާޅުވީ ހިންގަންވީ ފުރަތަމަ ބޮޑު މުސާރައަށް ދީފައި ހުރި މަގާމުގެ މަސްއޫލިއްޔަތު ކަމަށެވެ. މިނިސްޓްރީގެ ކަންކަން ނުބެލެހެއްޓި ދާއިރު ޕާޓިގެ ކަންކަން ކުރުމަށް ވަޒީރު ހޮވައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށް ވައްޑޭ ވިދާޅުވި އެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ ވާދަވެރި ކެމްޕެއިން ޓީމުން މިފަދަ ވާހަކަތައް މާބޮޑަށް ދައްކަވަމުން ގެންދަވާކަމަށާއި އެގޮތުން ޕާޓީގެ މެންބަރުންނަށް އިދިކޮޅަށް ގޮވަމުންދާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިފަދަ ވާހަކަތައް ދައްކަވަމުން ރޮޒެއިނާ ގެންދާވާއިރު އެބޭފުޅާގެ މާޒީގައި އުޅުއްވި ގޮތް ދިވެހިންގެ އިތުރުން އެމްޑީޕީގެ މެންބަރުން ހަދާންނެތިގެން ދާނެކަމަށެ ހީކުރައްވައިގެން ނުވާނެ ކަމުގައި ވައްޑެ ވިދާޅުވިއެވެ. ރޮޒެއިނާ ފަދަ ބޭބޭފުޅުންނަކީ އެމްޑީޕީގެ ކުލަ ފޮހެލަން މަސައްކަތް ކުރެއްވި ބޭފުޅުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އިންތިހާބުގެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އުޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައާއި ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. މި ތުހުމަތުތަކަކީވެސް އިންތިގެ ކެމްޕެއިން ޓީމުން ފައްޔާޒުގެ ބޮލުގައި އަޅުވަމުންދާ ތުހުމަތުތަކެއްކަން ހާމަވެއެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.
ހަމަ މިދަނޑިވަޅުގައި ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ދެން ވާދަ ކުރާ މަގާމު އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވާ ރޮޒެއިނާ އާދަމް ވަނީ ނަފްރަތު ނުއުފައްދާ ރީތި ގޮތުގައި އިންތިހާބު ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.
މިކަމަށް އިލްތިމާޒް ކޮށް ރޮޒެއިނާ ކުރެއްވި ޓްވީޓުގައި މިއީ އިދިކޮޅު ޕާޓީގެ ބަޔަކާއި ދެކޮޅަށް ކުރާ މުޒާހަރާއެއްތޯ ސުވާލު އުފައްދާފައި ވެއެވެ.
Idhikolhu partyge bayakaa dhekolhahkuraa muzaahara ehthomee?
Mee ethereyge inthihaabeh. Dhogu hadhaa fithuna ufahdhan masakkai kurumaky party ah hama enme faidhaa hurigoiba? Thigothah party therey nafrathu ufahdhavan noolhuvva reethikoh campaign kuravvan Inthi ah ilthimaaz kuran. https://t.co/TcmdfIdcgk— ???????? ???????????????????????????? ???????????????? ???? (@Roxeyna) March 18, 2022
އެމްޑީޕީގެ އެތެރޭގެ މި އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރެ ވަނީ ބޮއްސުންލައި މަސްލަހަތު ގޯސްވެފައެވެ. މިގޮތުން ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަ ޖެހިފައިވާ މި އިންތިހާބު ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް ބަދަލުކުރެވިފައިކަންވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތަށް އިންތިހާބު ފަސް ކުރުމަށް އެދިފައިވަނީ މިނިސްޓާ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން ކަމަށް ވާއިރު އިންތިހާބު ފަސް ކުރުމާއި މެދު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބޭއްވުނު ބަހުސްގެވެސް މަސްލަހަތު ބޮޑުތަނުން ގެއްލިގެން ދިޔަތައް އާންމުނަށްވެސް ވަނީ ފެނިގެން ގޮސްފައެވެ.
މިގޮތަށް އިންތިހާބު ފަސް ކުރެއްވުމުން އިންތިގެ ކެމްޕެއިން ޓީމުން ވަނީ ވަރަށް ބޮޑަށް ނުރުހުންވުން ފާޅު ކުރައްވާ މިކަމަށް ފާޑު ވިދާޅުވެފައެވެ.

