ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށްގެންދާނީ އީއައިއޭ ހަދައި ތިމާވެށްޓަށް ކުރާ އަސަރު އެންމެ ކުޑަވާގޮތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އައްޑޫ ސިޓީ ރައްޔިތުންގެ މާހެފުން ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ހަނދާންތައް އައު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ކެންޕެއިންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް މިހާރު ސަރުކާރުން އެކަންކަން ފުރިހަމަކުރަމުން އަންނަކަމުގައެވެ.

އެގޮތުން އޭގެ ތެރެއިން މަސައްކަތްތަކެއް މިހާރު ފަށައިގަނެވިފައި ވާކަން ފާހަގަކުރައްވައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުރަތަމަ އިސްކަންދޭން ޖެހުނީ އޭރު ގިނަ ރަށްތަކެއްގައި ނުލިބި ހުރި އަސާސީ ޚިދުމަތްތައް ދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ އައްޑޫ ސިޓީގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިނުލައްވާކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގައި ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ފެށިފައިވާކަމަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާކަމަށާ ލަސްތަކެއްނުވެ އެ މަޝްރޫއު ބިޑުކުރެވި އަމަލީ މަސައްކަތް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިންހިއްކުމަކީވެސް އައްޑޫ ތަރައްޤީގެ ވަޢުދު ނާމާގައި ހިމެނޭކަމެއްކަމަށާއި އަދި މިއަދު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢު ކުރިޔަށްގެންދާނީ އީއައިއޭ ހަދައި ތިމާވެށްޓަށް ކުރާ އަސަރު އެންމެ ކުޑަވާގޮތްތަކަށްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބިން އިތުރުކުރެވޭއިރު ސަރުކާރުގެ ވަޢުދާ އެއްގޮތަށް ފަތުރުވެރިކަމަށް 5 ރަށް ތަރައްޤީކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަޒީފާގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހެރެތެރެ ރިޒޯޓްގެ އެއްބައި މިހާރު ހުޅުވައި ޚިދުމަތްދެމުން އަންނަކަމަށާއި ލަސްތަކެއް ނުވެ ޝަންގްރިއްލާ ވެސް އޮޕްރޭޝަނަށް ގެނެވޭނެކަމަށާއި އަދި ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ގަން އިންޓަރނޭޝަން އެއަރޕޯޓަށް ދިނުމަށް މިއަދު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާކަމަށާއި ކުރިޔަށް އޮތް 7 މަހެއްހާ ދުވަހުގެ ތެރޭގައި 41 މެގަވޮޓުގެ ކެޕޭސިޓީއާއެކު އައު އިންޖީނުގެއެއް އަޅައި އައްޑޫސިޓީގެ ނެޓްވޯޓް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެގޮތަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓުން އެހޮސްޕިޓަލަށް އެންމެ ދަތިވާމައްސަލަތަކުގެ ގޮތުގައި ފާޙަގަކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަމާއި އެމްބިއުލަންސްގެ ދަތިކަން ފަދަ މައްސަލަތައް ޙައްލުކުރުމަށް މެނޭޖްމަންޓުން އެދިވަޑައިގެންނެވި މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށްދީ އެމްބިއުލަންސް އިތުރުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ ތަފްޞީލުތައް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކަ އިމާރާތާއި އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިރޭ އެމަނިކުފާނު ވަނީ އައްޑޫގައި އިމާރާތްކޮށްފައިވާ މަސްޖިދު އިބްރާހީމް ހުޅުވައިދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: