ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ޝަކުވާތައް: ހައްލު ހޯދުމަށް ރާއްޖޭގެއެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަނީ

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނުންސުރެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައިގެ އިތުރުން މަސް ގަތުމުގައި އާއި ބާނާ މަސް ރަނގަޅަށް ސްޓޯ ކުރުމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރެވެމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ އިސްވެރިއަކު “ސަންގު ޓީވީ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން މިހާރު ދަނީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އެކި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ހުރި މިންވަރު އިތުރުކުުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަމުގައި ސަރުކާރުގެ ފަރާތުން ވަނީ މައުލުމާތުދީފައެވެ. މިވަގުތު 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުރި ފެލިވަރުގެ އެކްސްޕޭންޝަން ފްރޮޖެކްޓް ނިމިގެންދާއިރު ކޯލްޑް ސްޓޯރޭޖް މިންވަރު 4000 މެޓްރިކަށް އިތުރުކުރެވިގެންދާނެކަމުގައި ވަނީ ކަނޑައަޅާފައެވެ.

މަސްވެރިން ދަނީ ބާނާ މަހުގެ ހަމަ އަގު ލިބިގެން ނުދާއިރު މަސް ރަނގަޅަށް ނުކިރޭކަމުގެ ޝަކުވާތައް ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާއިރަށް މިފަދައިން ތަކުރާރުވެގެންދާތީ އިހުތިޖާޖުކޮށް ސަރުކާރަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ. މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދަކަށް ވީއިރު މިކަން ހާސިލް ކުރުމުގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމަށް މިވީހާ ތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަންވެސް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ނަމަވެސް ސަރުކާރުން މައުލޫމާތު ދީ ބުނެފައިވަނީ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް ގިނަ ރަށްތަކެއްގައި ކުރިއަށްދާކަމަށެވެ. މިގޮތުން ކޫއްޑޫ ފެސިލިޓީގައިވެސް މި މަސައްކަތް ކުރިއަށްދާކަމުގައި ފާހަގަ ކުރައްވާ ސަރުކާރުން ވިދާޅުވީ، ގއ ކޫއްޑޫގައި މިހާރު ގާއިމްކުރެވިފައިވާ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ފެސިލިޓީ، މި މަޝްރޫއުގެ ދަށުން 4000 މެޓްރިކް ޓަނުގެ ސްޓޯރޭޖަކަށް އަޕްގްރޭޑް ކުރެވިގެންދާނެކަމުގައެވެ. އަލަށް ކޯލްޑް ސްޓޯރޭޖް ހަދާ ރަށްތަކުގެ ތެރޭގައި ކަނޑުއޮތްގިރި ހިމެނެއެވެ. ކަނޑުއޮތްގިރީގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.

މި މަސައްކަތް އިތުރަށް ކުރިއަށް ދަނީ ގދ ތިނަދޫގެ އިތުރުން މ. މުލަކުގައެވެ. މި ދެ ކޯލްޑް ސްޓޯރޭޖާއިއެކު މަސްކިރުމަށް 1500ގެ މެޓްރިކް ޓަނު އިތުރުވެގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ ކޯލްޑް ސްޓޯރޭޖްގެ އިނިޝިއަލް ކޮންސެޕްޓްސް އަދި ޓެންޑަރ ޑޮކިއުމަންޓްސް އެކުލަވާލުމުގެ މަސައްކަތްތަށް މިހާރު ކުރިއަށްދާކަމުގައި ކަމާއި ބެހޭ ފަރާތްތަކުން ވަނި ބުނެފައެވެ.

ސަރުކާރުން ލަފާކުރައްވާ ގޮތުގައި މި މަޝްރޫއު ނިމުމާއިއެކު މިފްކޯއަށް މަސްގަނެވޭ މިންވަރުގެ 61 އިންސަތަ އިތުރުވެގެންދާނެއެވެ.

މީގެ އިތުރަށް މަސް ދޯނިފަހަރުގައި އާރ އެސް ޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 2021 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ޓެންޑާއަށް ހުޅުވާލައި، އެކަށީގެންވާ ވަރަށް ބިޑް ލިބިފައިނުވީ ނަމަވެސް ސައުދީ ފަންޑާއެކު މަޝްވަރާކުރުމަށްފަހު ޕްރޮޖެކްޓްގެ ކޮމްޕޯނެންޓް ބަދަލުކޮށް އެސްޑީއެފްސީ މެދުވެރިކޮށް އާރ އެސް ޑަބްލިއު ސިސްޓަމް ހަރުކުރުމަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން 50 މަސްދޯނީގައި އާރ އެސް ޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރަށްވެސް އާރ އެސް ޑަބްލިއު ސިސްޓަމް ހަރުކުރުމަށް ހުޅުވާލުމަށް ވަނީ ޕްލޭންކުރެވިފައިކަމުގައި ސަރުކާރުން ހާމަކޮށްފައިވެއެވެ.

މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާކުރުމަށްޓަކައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިކަންތައް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރާ މިފްކޯ ގުޅިގެން ކުރެވުނު މަސައްކަތުން ވަނީ ދުވާލަކު 100 ޓަނު މަސްފިނި ކުރެވޭ ގޮތް ހަމަޖެއްސުމުގެ އިތުރަށް 300 ޓަނު މަސް ސްޓޯރު ކުރެވޭނެ ބޯޓަކާއިއެކު މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފަރ ކެރިއަރެއް ގަނެ ރާއްޖެ ގެނެވިފައިކަން ފާހަގަކޮށްލެވެއެވެ.

ރަށްތަކުގެ އައިސް ޕްލާންޓްތަކުން އައިސް ނުލިބުމުގެ މައްސަލައަކީވެސް ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުމަކަށް ވީއިރު އައިސްޕްލާންޓްތަކުގެ މަސައްކަތް ނިމިފައިވަނީ ޖުމްލަ 2 ރަށެއްގައެވެ. ރ.މަޑުއްވަރީ އަދި ކ. ގާފަރުގެ އައިސް ޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށް ފާހަގަ ކުރައްވާފައިވާއިރު ގިނަ ރަށްތަކުގެ އައިސްޕްލާންޓްތަށް ވަނީ ހަލާކުވެފައިކަމުގައި މަސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ މި މައްސަލަތަށް ހައްލު ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރެވިގެންދާތަށް ނުފެންނަނީ ކީއްވެގެންކަމާއިމެދު ސުވާލު އުފައްދަވަމުންނެވެ.

ނަމަވެސް “ސަންގު ޓީވީ” އަށް ސަރުކާރުގެ އިސްވެރިއަކު މައުލޫމާތުދީ ބުނެފައިވަނީ 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމުގައެވެ. ސައުދީގެ ފަންޑުގެ އެހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްތަކުގެ މަސައްކަތްތަށް ބޭނުންވާ ކޮންޓްރެކްޓަރެއް ހޯދުމަށް 2021 ވަނަ އަހަރު ޓެންޑާކުރެއްވިކަމުގައި ފާހަގަކޮށް، ބުނެފައިވަނީ މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތަކުން ބިޑް ހުށައަޅާފައިނުވާކަމުގައެެވެ. މިހެންކަމުން ސައުދީ ފަންޑުގެ ލަފާގެ މަތިން ބިޑް ހުށަހަޅާ ފަރާތްތަކުގެ ކޮލިފިކޭޝަން ރިކުއަޔަރމެންޓްސް ބަދަލުކޮށް އަލުން މި މަޝްރޫއު އިއުލާންކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމުގައި ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވިއެވެ.

މި މަޝްރޫއު ނިމިގެން ދިޔުމާއެކު ޒަމާނުންސުރެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށާއި، މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ބެހެއްޓުމަށްޓަކައި ރަނގަޅު ފެންވަރެއްގައި ސްޓޯ ކުރުމުގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލިޓީ ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމުގައި ސަރުކާރުން އަންނަނީ ލަފާ ކުރައްވަމުންނެވެ.

މީގެ އިތުރުން މަސްވެރިން ފާހަގަ ކުރަމުން އައި އެނެއް ކަންބޮޑުވުމަކީ މަސްކިރާ ކިރުމަށް ގެނައި ލިމިޓެވެ. އާމްދަނީ އެންމެ ބޮޑަށް ބޭނުންވާނެ މިދަނޑިވަޅުގައި މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާހަގަ ކުރަމުންނެވެ. އަދި ރަނގަޅަށް މަސް ބޭނޭ ކޮންމެ ފަހަރަކު މަސް ގަންނަ މިންވަރު ހިފަހައްޓަމުން އަންނަކަމުގައި ވެސް މަސްވެރިނަގެ ތެރޭގައި ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: