ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރަން ސަރުކާރުން އަދިވެސް ވަގުތު ބޭނުންވޭ!

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސްވެރިންގެ ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރިކަމަށާއި، ނަމަވެސް އެ ހުރިހާކަމަކަށް ހައްލު ގެނައުމަށް އަދިވެސް ވަގުތު ބޭނުންވާކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެންގުޅުނު، ބެޔަސް ނުބެޔަސް 10،000 ރުފިޔާގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިއައި އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި މަސްވެރިކަމަށް ގެންނާނެ އިންގިލާބީ ގިނަ ބަދަލުތަކެއް ހިމަނާފައި ވެއެވެ. އެގޮތުން މަސްވެރިންނަށް ހަމައަގު ހޯދައިދިނުމާއި، ކޯލްޑް ސްޓޯރޭޖުތައް އިތުރު ކުރުމާއި މަސް ފެކްޓްރީތައް އަޕްގްރޭޓު ކުރުމުގެ މަސައްކަތް ހިމަނާފައި ވެއެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ ފިޝަރީޒް މިނިސްޓަރަކަށް ކޯލިޝަން ޕާޓީ، އެމްއާރުއެމްގެ ސްލޮޓުގައި ހުންނެވި ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލުކޮށް އެ މަގާމަށް އައްޔަނު ކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޑރ. ހުސެއިނެވެ. ނަމަވެސް މިވީ ހަތަރު އަހަރުގެ ތެރޭގައި މާބޮޑެތި ބަދަލުތަކެއް ގެނެވިފައި ނެތެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ މަސްވެެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށެވެ. އަދި ރޭ އޮތް ރަސްމީ ޖަލްސާގައި މިނިސްޓަރު ވެސް ވިދާޅުވީ ކަންބޮޑުވުންތައް ހައްލު ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެވެ.

މަސްވެރިންގެ ޝަކުވާތަކާއި، ކަންބޮޑުވުންތައް ހުރި ނަމަވެސް ހައްލު ގެނައުމަށް އަދިވެސް ވަގުތު ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވެރިކަމަށް އައިފަހުން ކޮންމެ މަސްވެރިންގެ ދުވަހެއްގައި ބާއްވާ ފޯރަމަށް އިޝާރާތްކޮށް ޑރ. ހުސެއިން ވިދާޅުވީ ފާއިތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ އެކަމަކު ނުދެކެވި ހުރި ވާހަކަތައް މަޝްވަރާ ކުރެވުނު ކަމަށެވެ.

ވެރިކަމަށް އައުމަށްޓަކައި މަސްވެރިނަށް ވީ އެންމެ ބޮޑު ވައުދަކީ ހަމައަގު ހޯދައިދިނުމަށްވާއިރު އެންމެ ފުރަތަމަ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އަންނަ ސުވާލަކީ އެއީކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ޝަކުވާއަކީ މާކެޓަށް މަސް ވިއްކުމުގައި އޮތް ފުރުސަތު ކުޑަވުން ކަމަށެވެ. އަދި ދިވެހި މަހަށް ނިސްބަތުން ބޮޑު އަދަދެއް ޑިއުޓީއެއްގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ދައްކަން ޖެހުމާއި ސީފްރައިޓް އާއި އެއާފްރައިޓް ބޮޑުވުން ކަމަށެވެ.

މީގެއިތުރުން މަސްވެރިކަމުގެ ހަރަދުތައް ބޮޑުވެ، ތެލާއި އަދި އެހެނިހެން ވަސީލަތްތައް ހޯދުމަށް ދިމާވަމުންދާ ގޮންޖެހުންތައް ހައްލުވާން މަސްވެރިން ބޭނުންވާކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

ބާނާމަހުގެ ނިސްބަތުން ބޮޑު އިންސައްތައެއް މަތީ އަގު ލިބޭ ގޮތަށް ޕްރޮސެސް ނުކޮށް ރޯ މެޓީރިއަލް ލިބޭގޮތަށް އެކްސްޕޯޓު ކުރާ ކުރުން ހިމެނޭ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި.. ރާއްޖޭގެ މަސްވެރިން ރަނގަޅު ކުރުމަށްޓަކައި މަތީ އަގު ހޯދުމަށްޓަކައި ރާއްޖޭގައި ބާނާ މަސް ރޯ މެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓު ކުރުން މަދުކޮށް ނޫނީ ހުއްޓާލާ ރާއްޖޭގައި މަތީ އަގު ލިބޭ ގޮތަށް އުފެއްދުން މުހިންމުކަމަށް ފާހަގަކުރެވެމުން ދިޔަ

ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރިޔަށް ގެންދާ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ޑރ. ހުސެއިން ފާހަގަކުރެއްވީ ކޫއްޑޫ މަސް ފެކްޓްރީ އަޕްގްރޭޑު ކުރުމެވެ. އަދި މަސް ގަންނަ ފެސިލިޓީއަކަށް ރޯ މަސް ގަނެވޭނީ، އެތަނެއްގެ ފްރީޒިން ކެޕޭސިޓީއާއި އެއްވަރަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން މަސް ޕްރޮސެސް ކުރުމަށް ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މުހިންމުކަމަށް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ. މި ވަސީލަތްތައް ނެތުމާއި އެކު، ދެން ޖެހެނީ ފްރީޒް ކުރުމަކާއި ނުލާ ޕްރޮސެސް ކުރުމަށް ނަމަވެސް އެ މަރުހަލާއާއި ހަމައަށް ދެވެން އޮތީ ކޭނަރީއެއް ނުވަތަ ޕައުޗް ޕްލާންޓެއް ހުރެގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެއަށް ހައްލު ގެނެސްދޭނެ ސަރުކާރެއްކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮންމެ މަސްވެރިއަކު ވެސް ހިއްސާ ކުރަން ބޭނުންވާ ވާހަކައެއް ރައީސް އަޑުއައްސަވާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު މަސް އެކްޕޯޓު ކުރުމުން އޭގެއިން ފައިދާ ނަގަނީ ތައިލޭންޑާއި އިރުމަތީ އޭޝީއާގެ ގައުމުތަކަށްވާއިރު އެކަމުގެ ޝަކުވާތަކަށް މިނިސްޓަރު ވިދާޅުވީ މި ސިޔާސަތަށް ބަދަލު ގެނެސް ދެވެހި މަހުން ލިބޭ ފައިދާ ރައްޔިތުންނަށް ސަރުކާރުން ހޯދައިދޭނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ އިންވެސްޓުމަންޓުތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށް ވެސް ވިދާޅުވި އެވެ.

ރޭ ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ފަރެސްމާތޮޑާ އާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަސް ކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މިދަތިތައް ދާދިއަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: