ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓްތަކުގެ ކުލި ކުޑަ ކުރުމުން ގެއްލޭ އާމްދަނީއަށް ވުރެ ލިބޭ ނަފާ މާ ބޮޑުވާނެ: ޔައުގޫބު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ފަތުރުވެރިކަމުގެ ހިދުމަތް ދޭ ރިސޯޓުތަކުން ނަގަމުންދާ ކުލި ކުޑަ ކުރުމުން ލިބޭ ގެއްލުމަށް ވުރެ ލިބޭ ނަފާ މާ ބޮޑުވާނެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނުގެ އިސްލާހުގެ ބަހުސް މަރުހަލާގައި ޔައުގޫބް ވިދާޅުވީ ރިސޯޓް އެކުއިޒިޝަން ފީ ކުޑަކުރުމުގެ ސަބަބުން އެތައް ރިސޯޓަކަށް އޭގެ މަންފާވެ ވަޒީފާތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ އިތުރު ރިސޯޓުތައް ހުޅުވޭނެ ސަބަބެއްގެ ގޮތުގައި ވިދާޅުވި އެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ޓެކުހުންކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ ރިސޯޓުތައް އިތުރުވާ ވަރަކުން ޓީޖީއެސްޓީ ލިބޭ މިންވަރު އިތުރުވާނެ ކަމަށެވެ. ޔައުގޫބް ވިދާޅުވީ ރިސޯޓު ތަކާއެކު އެތަނުގެ ކައިރި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަަކަށް އެކަމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބެމުން ދާނެ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމުގައެވެ. ކޮވިޑުގައި ރާއްޖޭގެ އިގްތިސާދު ދަށްވެ ފަތުރުވެރިކަމުގެ މައްޗަށް އާމްދަނީ ބަރޯސާވެފައިވާ މިންވަރު ހާމަވެގެން ދިޔަކަމަށާއި، ދާއިރާ އާއި ގުޅުން ހުރި އެހެން އިންޑަސްޓްރީތަކަށް ވެސް ކުރިއެރުން ލިބޭނީ އެ މަގު ތަނަވަސްކޮށްދީގެން ކަމުގައި ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބްގެ ނަޒަރުގައި ރިސޯޓުތަކުގެ ކުލި ކުޑަ ކުރުމުން އާ ރިސޯޓުތައް އިތުރުވެ ދައުލަތަށް ލިބޭ އެހެން އާމްދަނީތައް އިތުރުވާނެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުން ނަފާ ލިބޭނެ މަގު ތަނަފަސްކޮށް، ޑިއުޓީ ނިންމައި ރޭގަނޑަށް ރަށަށް ދެވޭނެ ގޮތް ހަމަޖެހުމަކީ އެޖެންޑާ19 ގެ ވައުދެއްކަމަށް ޔައުގޫބް ވިދާޅުވި އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްތަކާއި ފަސް މިނެޓުން ދެވޭހާ ކައިރީ ދިރިއުޅޭ މީހާއަށް ވެސް ނައިޓަށް ގެއަށް ދެވޭނެ ގޮތް ރިސޯޓުތަކުން ހަމަޖައްސައި ނުދޭކަމަށް އޭނާ ވިދާޅުވި އެވެ. ޔައުގޫބް ވިދާޅުވީ މިއީ މާ ބޮޑު ހަރަދަކައި ނުލައި ވެސް އެކުލަވާލެވޭނެ އުސޫލެއް ކަމަށެވެ.

ޔައުގޫބު ވިދާޅުވީ އ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ އައްޑޫ އަތޮޅު މީހަކު ވަޒީފާ ނިމުމުން އައްޑޫއަށް ގެންދަން ނުޖެހޭ ކަމަށާއި ނަމަވެސް އެ ރިސޯޓެއްގެ ކައިރީގައި މީހުން ދިރިއުޅޭ ރަށަށް އެންމެ ކުޑަމިނުން ދެވެން ޖެހޭނެ މަގު މިހާރު އޮންނަން ޖެހޭނީ ހަމަޖެހިފައިކަމަށެވެ.

ރިސޯޓްތަކުގައި ދިރިއުޅޭ މުވައްޒަފުންނަށް އެމީހުންގެ އާއިލާ ކައިރަށް ދެވޭނެ ގޮތް ހަދައިދިނުމަކީ ވަރަށް ބޮަޑަށް އެދޭ ކަމެއް ކަމުގައި ޔައުގޫބު ވިދާޅުވިއެވެ.

ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް މަޖިލީހުގައި މެމްބަރުން ބަހުސް ކުރަމުން ދާއިރު ކޮވިޑުގައި އެންމެ ބޮޑެތި ލުއިތަކެއް ވެސް ލިބުނީ ރިސޯޓުތަކަށެވެ. އެގޮތުން ކުލި ފަސް ކުރުމާއި، ދޫކޮށްފައިވާ ރަށްތަކުގެ މުއްދަތު އިތުރު ކުރުން އަދި ލޯނުތައް ދޫކުރުން ހިމެނެ އެވެ.

އެންމެ ފަހުން މީޑިއާތަކުގައި އާއްމުވެފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތަށް ރިސޯޓުތައް މެދުވެރިކޮށް ލިބެން ޖެހޭ 16 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: