2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ރައްޔިޔުންނަށް ވީ ވައުދުތައް މި ސަރުކާރަށް ނުއުފުއްދޭކެމަށް ބުނެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީގެ އެތެރޭގައި ދެބަސްވުން އުފެދި ސަރުކާރާއި އެއްކޮށް އަދި ދެކޮޅު ފެކްޝަނެއް ވަނީ އުފެދިފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވެރިކަމަށް އައުމަށްޓަކާ ވީ ވައުދު ފުއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމާއި، އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފަށް މަސައްކަތް ކުރުމެވެ. އޭގެ ސަބަބުން ޕާޓީގެ އާއްމު މެމްބަރުންގެ ކަންބޮޑުވުންތަކާއި އެކު 2023 ގެއްލުމުގެ ފުރުސަަތު ބޮޑުކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ސަރުކާރުގެ ތާއީދާއި އެކު މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވާ ގޮތުގައި އިންތިގެ ޓީމުން އެފަދަ ވާހަކަތައް ދައްކަވަނީ ސަރުކާރަށް ޖެއްސުން ކުރުމުގެ ބޭނުމުގަ އެވެ. އަދި ސަރުކާރަށް ވައުދު ނުފުއްދޭކަމަށް ރައްޔިތުންނަށް ދައްކައި ފިތުނަ އުފައްދަނީކަމަށް ސިފަ ކުރި އެވެ.
އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެ ކެމްޕެއިނުގެ ފޯރިގަދަކަމުގެ ތެރެއިން އައްޑޫގައި މިވަގުތު ތިއްބެވި އިންތިގެ ޓީމުން ވަނީ ރައްޔިތުންނާއި ބައްދަލުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރޭގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ޕާޓީ ”ހިންގާލަން“ ކަމަށް ބުނެ ވާހަކަ ދައްކަވާ ބޭފުޅުން ފުރަތަމަ ހިންގަން ވީ ސަރުކާރު ކަމަށެވެ. ވޭރިކަމަށް ހަތަރު އަހަރުވާން ކައިރިވާއިރު ރައްޔިތުންނަށް ވީ ވައުދުތައް ވީ ހިސާބާއި މެދު ސުވާލު އުފައްދައި އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުންނަށްޓަކައި ވެސް ކުރިއެރުމެއް ގެނެސް ނުދެވުނު ކަމަށެވެ. ސަރުކާރުން ހިންގާލުމުގެ ބަދަލުގައި، ”ހިންދާލީ“ ކަމަށް ބުނެ އިލްޔާސް އިދިކޮޅުން ވެސް ސަރުކާރަށް އަމާޒު ނުކުރާ މިންވަރަށް ފާޑުވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އައްޑޫއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، މި ސަރަހައްދުގައި އޮތް ދެ ރިސޯޓު ވެސް ހުޅުވަން ކުރި އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އެހެން ކަމުން ވާދަވެރި ޓީމުން އައްޑޫއަށް ވަޑައިގެން ”ހިންގާލަން“ ކަމަށް ބުނެ ވާހަކަ ދެއްކޭނެ ގޮތަކާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.
”އައްޑޫގައި ކޮންކަމެއްތޯ ކުރެވުނީ؟ ހިނގަ ހިނގާ އޮތް ދެ ރިސޯޓު… ޝަންގްރިއްލާ އާއި، ހެރެތެރެ.. ބަންދު… ވެރިކަމަށް އައިސް ހަތަރު އަހަރު މި ނިމެނީ. އަދިވެސް ބަންދު… ދެން ކޯއްޗެއް ހިންގާ ވާހަކަތޯ؟“ އިލްޔާސް
އައްޑޫ އާއި ހުވަދޫ ދެމެދު ސީޕްލޭން ދަތުރުތައް ކުރުމަށް ދެ ފަހަރެއްގެ މަތީން ސޮއި ކުރިކަން ފާހާގަކުރައްވައި އިލްޔާސް ވަނީ އެ މަސައްކަތް ވެސް ކުރިޔަށް ނުދާކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން އައްޑޫގައި ހުރި މަސް ފެކްޓްރީ އަޕްގްރޭޓު ކުރާނެކަމަށް އެކި ފަހަރު މަތީން ވައުދުވުމަށް ފަހު އެކަމުގައި އަމަލީ ސިފަ ނުޖެހޭކަމަށް އިލްޔާސް ވިދާޅުވި އެވެ. މިއީ ހައްތާ ވެސް ލަދު ގަންނަން ޖެހޭ ފަދަ ވާހަކަތަކެއް ކަމަށާއި އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ނެތުމާއި އައްޑޫއަށް ވެފައިވާ އިހުމާލުގެ ޒިންމާ ފައްޔާޒް ނަގަން ޖެހޭނެކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އައްޑޫގައި އެއްވެސް މަޝްރޫތަކެއް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާއިރު، ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައިކަމަށެވެ.
ސަރުކާރަށް ފާޑުވިދާޅުވެ އިލްޔާސް ވާހަކަ ދެއްކެވިއިރު، މިވަގުތު އިންތިއާއި އެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ކުރީގެ ޗެއާޕާސަން ހަަސަން ލަތީފާއި ޓީމާއި އެކު މަސައްކަތް ކުރައްވާ މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވީ އައްޑޫގަ އެވެ. ހުރިހާ މެމްބަރުންގެ ވާހަކައިގައި ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ، ސަރުކާރަށް އެކަށީގެންވާ ނަތީޖާ ނުނެރެވޭކަމެވެ.

