ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅުވެ ތިބެގެން، ޕާޓީ ލޯގޯ އާއި އެކު ވޯޓު ހޯދަން ދާން ލަދު ގަންނަން ޖެހޭ: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރަކާއި ދެކޮޅަށް މަސައްކަތްކޮށް، ވައުދު ނުފުއްދޭކަމަށް ބުނެ ވާހަކަ ދެއްކުމަށް ފަހު ޕާޓީގެ ލޯގޯ އާއި އެކު 2023 ގައި ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާން ބައެއް ބޭފުޅުން ލަދު ގަންނަން ޖެހޭނެކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތާއީދު ކުރައްވަނީ ފައްޔާޒަށެވެ. އަންނަ މަހުގެ 14 ގައި ބާއްޕާ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒްގެ އިތުރުން ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ޕާޓީގެ އެތެރޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާއި ދެކޮޅު ފެކްޝަނެއް އުފެދިފައި ވުމެވެ. ވެރިކަމަށް އައިސް މިވީ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒްގެ ފަރާތުން ވިދާޅުވާ ގޮތުގައި، ސަރުކާރަށް ކަން ނުވާކަން ދައްކައިގެން އިންތި ޓީމުގެ ބޭނުމަކީ 2023 އެމްޑީޕީއަށް ގެއްލުވާލުމެވެ. އަދި އެއީ ފިތުނަ އުފެއްދުންގެ ގޮތުގައި ސިފަ ކުރި އެވެ.

މި ހަފްތާގައި އިންތިގެ ޓީމުން އައްޑޫއަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ސަރުކާރަށް ވައުދު ނުފުއްދޭކަމަށް ވިދާޅުވެ ޕާޓީ ހިންގަން ނޫޅެ ސަރުކާރު ހިންގޭތޯ މަސައްކަތް ކުރަން ގޮވާލާފަ އެވެ. އައްޑޫއަށް ވި ބައެއް ވައުދުތައް ވަކިވަކިން ފާހަގަކޮށް އިލްޔާސް ވަނީ އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށެނީ ނާގާބިލުކަމުން ކަމުގައި ވިދާޅުވެފަ އެވެ. އިލްޔާސްގެ މި ވަހާކަތަށް މީޑިއާތަކުގައި ދެކެވި އެމްޑީޕީގެ އެތެރެ އަނެއްކާވެސް ހޫނުވެފައި ވަނިކޮށް ނިޒާރު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ނިޒާރު ވިދާޅުވީ ޗެއާޕާސަނަލަށް ވާދަކުރާ ދެ ކެންޑިޑޭޓުނާއި އެކުވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނު ކަމަށެވެ. އެހެން ކަމުން ތަޖުރިބާއަށް ބަލައި ޕާޓީގެ ހިންގުމައިގެން ކުރިޔަށް ދެވޭނެ ބޭފުޅަކީ ފައްޔާޒްކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ދާ ގޮތުގެ ތަފްސީލުތައް ވެސް ބައްލަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށް ނިޒާރު ވިދާޅުވީ އައްޑޫގެ ހުރިހާ މެނިފެސްޓޯއެއް އެކުލަވާލައި ފައިނަލް ކުރުމުގައި ފައްޔާޒް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ޕާޓީގެ އެތެރެއިން ކަންކަން ނިންމަވާއިރު އައްޑޫގެ ތަރައްގީ އާއި މެދު ފައްޔާޒް ވިސްނަވާކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

މިއީ 2023 އާއި ދުރަށް ދިއުންގެ ގޮތުގައި ފާހަގަކޮށް ނިޒާރު ވަނީ، ޕާޓީގެ އެތެރެއިން ރިޔާސީ އިންތިހާބެއް ގެއްލުވާލަން މަސައްކަތް ކުރަންޖެހޭ ސަބަބެއް ސާފު ނުވާކަމަށް ވިދާޅުވެފަ އެވެ. ނިޒާރު ވަނީ އެބޭފުޅުން އެމްޑީޕީގެ ސަރުކާރަށް ވައުދު ނުފުއްދޭކަމަށް ދެއްކުމަށް ފަހު އަނެއްކާވެސް ރިޔާސީ އިންތިހާބާއި ގާތް ވުމުން ޕާޓީގެ ލޯގޯ އާއި އެކު ދޮރުން ދޮރަށް ހިނގައި ވޯޓަށް އެދޭނެ ގޮތަކާއި މެދު ސުވާލު އުފައްދާފަ އެވެ. އެހާ ހިސާބުން އެއީ ވަރަށް ލަދުވެތި ހުތުރު މަންޒަރަކަށް ވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީއަށް ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނެ، ސިޓީއަށް ނިސްބަތްވާ މެމްބަރުން ވާހަކަ ދެއްކުމަކީ ފިތުނަވެރި އަމަލެއްގެ ގޮތުގައި ސިފަކޮށް ނިޒާރު ވާހަކަ ދެއްކެވި އެވެ.

އިންތިހާބާއި ދިމާކޮށް އެމްޑީޕީގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކައި އެއް މެމްބަރަކު އަނެއް މެމްބަރަށް ޒާތީ ގޮތުން ވެސް ދެބަސްވުންތަކެއް ކުރިޔަށް ދެ އެވެ. އަދި ދާއިރާތަކުގެ ތަރައްގީ އާއި ގުޅުވައި މެމްބަރުން ދަނީ ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެކަމަށް ރައްދު ދީ ނިޒާރު ވިދާޅުވި އެ ބޭފުޅުން އެ ވާހަކަތައް ދައްކަވަނީ ގޯސް ނިޔަތަކާއި އެކު ކަމަށެވެ. ނިޒާރު ސިފަ ކުރެއްވި ގޮތުގައި މިއީ އެމްޑީޕީއަކީ ވަކި ބައެއްގެ ޕާޓީއެއްގެ ގޮތުގައި ދެއްކުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: