އެމްޓީސީސީން މިދިޔަ އަހަރުގެ ތެރޭގައި ވިއްކާފައިވާ ކޮންމެ ހިއްސާއެއްގެ ފައިދާގެ ގޮތުގައި އެކުންފުނިން 3.50 ރުފިޔާބެހުމަށްޓަކައި ނިންމައި އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ފާސްކޮށްފިއެވެ.
އެމްޓީސީސީން މި އަދަދަށް ކޮންމެ ހިއްސާއަކަށް ފައިސާ ބެހުމަށް މަޝްވަރާކޮށް ހަމަޖައްސާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. ޖަލްސާގައި ނިންމާފައިވާ ގޮތުގައި 28 މިލިއަން ރުފިޔާ ހިއްސާތަކަށް ބެހިގެންދާނެ އެވެ.
ހިއްސާގެ ފައިސާ ލިބިގެން ދާނީ ހިގަމުންދާ އޭޕްރިލް މަހުގެ 18 ކުރިން ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށެވެ.
ހިއްސާގެ ފައިދާއަށް ބަހާ އަދަދު ފާސްކުރާނީ މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ކަމުގައި ބުނެފައިވީ ނަމަވެސް އެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީއަށް ވަނީ ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާގެ އަދަދަކަށް ފައިސާ ލިބިފައެވެ. މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނިން ވަނީ ތާރީހުގައިވެސް ފާހަގަ ކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތައް ހޯދާފަ އެވެ. ހާއްސަކޮށް ކޮވިޑުގެ ތެރޭގައި އެއްވެސް ހުއްޓުމެއް ނެތި މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ހަމައެކަނި ކުންފުންޏަކީ އެމްޓީސީސީ އެވެ.
މަސައްކަތުގެ ސްޕީޑުތައް އަވަސްވުމާއި އެކު، އެމްޓީސީސީން ނިންމި ގިނަ މަޝްރޫއުތަކުން މިދިޔަ އަހަރަކީ ކުންފުނީގެ މިވީ އަހަރުތަކުގައި އެންމެ ބޮޑު ފައިދާ ލިބުނު އެއް އަހަރެވެ. އަދި މިއަހަރު ވެސް ދަނީ މިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް ހޯދަމުންކަމުގައި ފާހަގަކޮށްލެވެއެވެ.

