ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުން ވައްކަން ކުރީ މި ސަރުކާރުން: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ވޯސްޓް ކޭސް ސިނާރިއޯއަކަށް ރިއާޔަތްކޮށް ރާއްޖެ ގެނައުމަށް ނިންމި ވެންޓިލޭޓަރަށް ހިޔާނާތްވެ ވައްކަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި އިމްތިޔާޒް ފަހުމީގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ “ވެންޓިލޭޓަރ ގެ މައްސަލައަކީ މި ސަރުކާރު” ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ ތެރެއިން ހިނގައިފައިވާ ކަމަކަށް ވީ ހިނދު މައްސަލަ ބަލައި ތަހުގީގު ކުރެވި އިންސާފު ގާއިމު ނުކުރެވި އޮތުމަކީ އެމްޑީޕީގެ މެމްބަރުން އެ ޕާޓީއަށް ކުރަމުން ދާ ތާއިދާއި އިތުބާރު ގެއްލިދާ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

“ވެންޓިލޭޓަރުގެ މައްސަލައަކީ މިސަރުކާރު، ސަރުކާރުގެ ތެރެއިން ހިނގައިފައިވާ ކަމެއް” ހަސަން ލަތީފް

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތައް އަދި ކޮރަޕްޝަންގެ އަމަލުތައް ބަލައި އިންސާފު ގާއިމު ކުރުމާއި އެފަދަ އަމަލުތައް ހިންގަން ބޭނުންކުރާ މަގުތައް ބަންދު ކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދުކަން ފާހަގަކޮށް ހަސަން ވިދާޅުވީ، މައްސަލައިގައި ވަކި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި އޮތް ނަމަވެސް އަދި އެއީ އިންސާފު ލިބުން ނޫން ކަމަށެވެ. އަދި ހާއްސަކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވަކި ބައެއް ސަލާމަތް ކުރުމަށް ސަރުކާރުގެ އެތެރެއިން މަސައްކަތްތައް ކުރަމުން ދިއުމަކީ އޭގެ އަސަރު އެމްޑީޕީއަށް ގެއްލިގެންދާ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

“އެ ބޭފުޅުންނަކީ ކޮން ބޭފުޅުންނެއްކަން އަޅުގަނޑުމެންނަށް އިންގި، އެބޭފުޅުންގެ ތަހުގީގު ކުރެވި، އެ މީސް މީހުނާ އިންސާފު އަރާ ހަމަކުރާތަން ނުފެނި އޮންނަ އޮތުން އެއީ ކަންބޮޑުވާ ކަމެއް، އަޅުގަނޑުމެންނަށް ވަކި ބަޔަކު އޭގެ ތެރެއިން ސަލާމަތްކުރަން، ކުރެވޭ މަސައްކަތް ފެންނަގޮތަށް އެކަން ކުރެވޭތަން ފެނުނީމާ، އެއީ އަޅުގަނޑުމެންނަށް އިތުބާރު ގެއްލޭ ކަމެއް”

މި ސަރުކާރާއި އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ މީހުންނާއި ގުޅުން އޮންނަކަމަށް ތުހުމަތުކޮށް ހަަސަން ވިދާޅުވީ އެ ބޭފުޅުންގެ “ޖާނާއި މާލުން” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނެއްކާވެސް ވެރިކަމުގެ ދެވަނަ ދައުރަަކަށް އިންތިހާބު ކުރަށްވަން އެ “މާލުން” ހަރަދުތައް ކުރަމަށް ތައްޔާރަށް ތިއްބެވި ކަމަށް އަޑުހަރުކޮށް ބުނަމުން ދާކަމާއި މެދުވެސް ކަންބޮޑުވާ ކަމަށެވެ.

“އޭގެ ތެރެއިން ބައެއް ބޭފުޅުން ވަރަށް އަޑު ހަރުކޮށް އެ ވިދާޅުވަނީ، ތިމަންނާގެ ޖާނާއި މާލުން، މާލުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، ތިމަންނާގެ މާލުން މިހުރީ ރައީސުލް ޖުމުހޫރިއްޔާ ކަމަށް، އަނެއްކާވެސް، އަނެއް ދައުރަށް، މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ ހޮވުމަށް ހަރުދު ކުރާށޭ”

ހަސަން ވިދާޅުވީ ސަރުކާރުން މިދިއަ 4 އަހަރު ތެރޭގައި އެތަކެއް ތަރައްގީތަކެއް ގެނެސްފައިވާ ކަމަށް ބުނުއްވަމުންދާ ކަމަށެވެ. އެހެންކަމުން އެނާއަކީ ސަރުކާރުގެ ވަޒީރުކަން ކުރެށްވި ބޭފުޅެއް ނޫންނަމަވެސް ފާއިތުވެދިއަ އަހަރު ތަކުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ގޮތުގައި ހުންނެވީ އޭނާ ކަމަށް ވީ ހިނދު “ހިންގާލަން” ޓީމުން ވިދާޅުވަމުންދާ ކަމަށް ތުހުމަތުކުރަށްވާ “ދައުލަތުގެ ވަޒީރެއް އެމްޑީޕީގެ ޗެއަރޕާސަންގެ ގޮތުގައި ނުހޮވައިފި ނަމަ ތަރައްގީ ހުއްޓީދާނެކަމަށް” ދައްކަވަމުންދާ ވާހަކައަކީ ދެކޮޅު ޖެހޭވާހަކައެއް ނޫންކަމަށެ.

މީގެ އިތުރުން “ހަމައެކަނި” ކަރަންޓާއި ނަރުދަމާ ގާއިމުކޮށް މަގުތަކުގައި ތާރައެޅުމުން ވައުދުތައް ފުއްދުންކަމަށް އެމްޑީޕީގެ މެމްބަރުން އަދި ދިވެހި ރައްޔިތުންވެސް ބަލައި ނުގަންނާނެކަމަށްވެސް ހަސަން ވަނީ މި ދަތުރުފުޅުގައި ފާހަގަކުރަށްވާފައިއެވެ. އަދި ސަރުކާރުން ރާއްޖޭގައި ކުރަށްވަން ނިންމަވާފައިވާ މަސައްކައްތަައް ކުރުމަށް ދައުލަތުގެ ވަޒީރެއް އެމްޑީޕީގެ ޗެއަރޕާސަންގެ ގޮތުގައި ހުންނަވަން މުހިއްމު ނޫންކަމަށްވެސް އެނާ ވަނީ ވިދާޅުވެފައިއެވެ.

އެމްޑީޕީގެ ތެރޭގައި މޭ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއަރޕާސަންގެ އިންތިހާބާއި ގުޅިގެން ވަނީ ބޮޑެތި ބައިބައިވުންތައް އުފެދި، ދެ ފެކްޝަންގެ ތެރޭގައި ޒާތީ ޒުވާބުތައްވެސް ކުރެވިފައިއެވެ. ބައެއް ބޭފުޅުން އަނެކާއަށް ޒިނޭ ފަދަ ތުހުމަތުތައް ކުރަށްވަމުން ދާއިރު އަނެއް ބޭފުޅުންދަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކޮށް ޕާޓީއަށް 2023ގެ އިންތިހާބު ނާކާމިޔާބު ކުރަށްވަން ގަސްތުގައި އުޅުއްވާ ކަމުގެ ތުހުމަތުތައްވެސް ރައްދު ކުރަށްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: