ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ދާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ ސަރުކާރުން ހަވާލުކުރާ ހުރިހާ މަސައްކަތެއް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނިންމޭނެ ކުންފުންޏެއްކަމަށް ސީއީއޯ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ތާރީހުގެ ތެރޭގައި ވެސް ހޯދި އެންމެ ބޮޑު ކާމިޔާބީ އާއި އެކު އެމްޓީސީސީ ފާއިތުވި ދެ އަހަރެއްގެ ތެރޭގައި ފާހަގަ ކުރެވިފައި ވަނީ ބާރު ސްޕީޑެއްގައި މަސައްކަތް ނިންމި ކުންފުންޏެއްގެ ގޮތުގަ އެވެ. އަދި ދާދިފަހުން ބޭއްވި އެމްޓީސީސީގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ފާހަގަކޮށް، އެމްޓީސީސީއަކީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، އެމްޓީސީސީއަށް ފުނިފުންޏަށް ކޮންޓްރެކްޓުތައް ދިން ނަމަވެސް ކުންފުންޏަށް މަސައްކަތްތައް ނުހިންގޭނެ ކަމަށެވެ. ރަށް ގިރުމުގެ މައްސަލައިގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް އަސްލަމް ވިދާޅުވީ، އެހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ބަނދަރުތައް ހެދުން ކަމަށެވެ.
މޮޅަދޫ ރަށް ގިރުމުގެ މައްސަލައަށް އަވަސް ގޮތެއްގައި ހައްލު ކުރުމަށް ޝިފާއު އެދުމުން އަސްލަމް ވިދާޅުވީ މިފަދަ ހާލަތްތަކުގައި އެންމެ ރަނގަޅު ގޮތަކީ އެވަގުތަކު އެ މަސައްކަތް ކުރާ ބަޔަކު ހައްލު ގެނައުން ކަމަށެވެ. މިފަދަ މައްސަލަތަކުގައި ޑައިރެކްޓް އެވޯޑު ކުރެވޭނެ ގާބިލުކަން ހުރި ކޮންޓްރެކްޓަރުން މަދުކަމަށް އަސްލަމް ވިދާޅުވި އެވެ. މަސައްކަތް ކުރެވޭނެ ކުންފުންޏަކަށް އޮތީ ހަމައެކަނި އެމްޓީސީސީކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، އެގޮތަށް ފުންޏަކަށް މަސައްކަތްތައް ދީގެން ކުރިޔަށް ނުދެވޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ސަންގުގެ ސުވާލަކަށް އާޒިމް ވިދާޅުވީ ޕްލޭންކޮށް މަޝްވަރާކޮށްގެން ކިތަންމެ ބައިވަރު ޕްރޮޖެކްޓެއް ވެސް އެމްޓީސީސީއަށް ހިންގޭނެ ކަމަށެވެ.

