ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއަވަތި ސިފަ ކުރެވުނީ ރިޔާސީ ކެމްޕެއިން ލޯންޗިންގެ ގޮތުގައި: އައިފާން

މާލެ ސިޓީ ކައުންސިލްގެ މެމްބަރު އައިފާން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އަތޮޅާއި ރަށު ފެންވަރުގެ ކައުންސިލަރުން އަދި އަންހެނުންގެ ހިތްވަރަށް މަސައްކަތް ކުރާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހޯދުމަށްޓަކައި “|ވިއަވަތި ރާއްޖެ” ގެ ނަމުގައި އއ. އުކުޅަހުގައި ބޭއްވި ކޮންފަރެންސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ލޯންޗު ކުރުންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ސިފަކޮށްފި އެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިފާން ވިދާޅުވީ ބޮޑެތި ނަންތައް ކިޔައި، ބައްދަލުވުންތައް ބޭއްވި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ސަރުކާރުގެ އެތެރެއިން ނުފެންނަ ކަމަށެވެ. އަދި ވިއަވަތި ސިފަ ކުރެވެނީ، ރައީސްގެ ރިޔާސީ ކެމްޕެއިންގެ ގޮތުގައިކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރިޔަށް ގެންދިޔަ ވިއަވަތި ކޮންފަރެންްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވެ އެވެ. ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކޮށް ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒު ކުރުމާއި ބެހޭ މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ބައިވެރިނުވާކަން ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކައުންސިލްގެ މެމްބަރުންގެ ޝައުގުވެރިކަން ކޮންފަރެންސްއަށް ނެތްކަމަށް ބުނެ ސިޓީއެއް ލިބިފައިވާކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެކަން ސިޓީ ކައުންސިލުން ދޮގު ކުރައްވަ އެވެ. އަދި ދައުވަތު ސިޓީ ލިބުނީ މާފަހުންކަމަށް ވިދާޅުވި އެވެ. އެކަމުގެ ސުވާލުތައް ކުރުމުން އައިފާން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ސަރުކާރުން އެދުނު ކޮންމެ ވަގުތެއްގައި ވެސް އެއްބާރުލުން ދިންކަމަށާއި، ކައުންސިލުގެ މަސައްކަތްތައް ލަސްކޮށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމުން ވާ ފައިދާތަކުގެ ވާހަކަތައް ދެއްކުމަށް ފަހު، އިދިކޮޅުގެ މެޖޯރިޓީއެއް ކައުންސިލުގައި އޮތުމުން މިއަދު އެ ނިޒާމު ތަންފީޒު ކުރުމަށް ސަރުކާރުން ބޭނުން ނުވާކަން އައިފާން ފާހަގަ ކުރެއްވި އެވެ. ވިއަވަތި ކޮންފަރެންސްއިން ވީ ފައިދާތަކަކީ ކޮބައިތޯ ސުވާލު އުފައްދައި އައިފާން ވިދާޅުވީ ކިތަންމެ ގިނަ ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެވިދާނެކަމަށާއި، އޭގެ ނަތީޖާ ނުނެރެވޭނަމަ އެ ކުރެވެނީ ބޭކާރު މަަސައްކަތަކެއް ކަމަށެވެ.

ވިއަވަތީގައި ރައީސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އައިފާން ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ ބޮޑަށް ފާހަގަ ކުރެވުނީ ރިޔާސީ ދައުރުގެ މަޝްވަރާތައް ކުރި ބައްދަލުވުމެއްގެ ގޮތުގައިކަމަށެވެ.

އައިފާން ވިދާޅުވީ ރައީސް މާލެ ސިޓީ ކައުންސިލުން ކޮންފަރެންސް “ބޮއިކޮޓް” ކުރީކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް މާލެ ސިޓީ ކައުންސިލުން މިފަދަ އެއްވެސް ކަމެއް ނުުކުރާނެކަމަށެވެ. އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލެއްކަމުގައިވީ ނަމަވެސް ސަރުކާރުން އަދާއި ހަމައަށް ހުށައެޅި ކޮންމެކަމެއްގައި އެއްބާރުލުން ދިން ކައުންސިލަކަށް މާލެ ސިޓީ ކައުންސިލްނުވާނެމަކަށާއި އެއްވެސް ކަމަކަށް ނޫނެކޭ ބުނެފައިނުވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާއާއި އެކު ބައްދަލުވުމަކަށް އެދި ސިޓީ ކައުންސިލުން ލިޔުމެއް ފޮނުވިކަމަށާއި ނަމަވެސް އަދި މިހާތަނަށް އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް ޖަވާބު ލިބިފައިނުވާކަމުގައި ފާހަގަ ކުރައްވާ އައިފަން ވިދާޅުވީ މާލޭ ކައުންސިލުން ކޮންފަރެންސް “ބޮއިކޮޓް” ކުރީކަމަށް ބުނެ ވާހަކަދެއްކެވުމުން ލަދު ގަންނަކަމަށެވެ.

އައިފާން ވިދާޅުވީ މިއަދުގެ ސަރުކާރުގައި ތިބި ބޭފުޅުން ލާމަރުކަޒީ ނިޒާމު ގެނައީ މި ނިޒާމާއި ނުލައި އިދާރީ ދާއިރާތައް ތަރައްގީ ނުކުރެވޭނެކަމަށް ބުނެ ކަމަށާއި އޮތީ ބޮޑެތި ކޮންފަރެންސްތައް ބާއްވާ ފޮނި ވާހަކަދެއްކުން ނޫންކަމަށެވެ. އަދި ކޮންމެކަމެއްގައިވެސް ސަރުކާރަށް އާދޭސް ކުރަންޖެހޭކަމަށާއި ދޭންޖެހޭ ބަޖެޓް ނުދީގެން އުޅެންޖެހޭކަމުގައި ވިދާޅުވިއެވެ.

ހަމައެކަނި ކައުންސިލް މުވައްޒަފުންގެ މުސާރައަށްވާ ފައިސާ ދޫކުރަމުން އަންނަތާ ވެސް އެތައް މަހެއްވީކަން ހާމަކުރައްވާ އޭނާ ވިދާޅުވީ މިފަދައިން އަމަލުކޮށް ދެން ލާމަރުކަޒީ ނިޒާމަށް ރައީސް އިސްކަން ދެއްވާ ވާހަކަ ވިދާޅުވުމުން ގަބޫލު ނުކުރެވޭނަކަމަށެވެ.

ކޮންފަރެންސްގައި ފާޅު ކުރި ގިނަ މައްސަލަތަކާއި ކަންބޮޑުވުންތަކުގެ ތެރެއިންވެސް އެންމެ އާންމު މައްސަލައަކަށްވެސް ވެގެންދިޔައީ ބާރުތައް ހިފެހެއްޓިފައިވާކަމުގެ ޝަކުވާއާއި މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދީފައިނުވާ ކަމުގެ ވާހަކަތަކެވެ. ކައުންސިލަރުންގެ ޝަކުވާ އަޑުއެއްސެވުމަށްފަހު ރައީސް ސާލިހު ވަނީ ކުރިން ކައުންސިލް ތަކަށް ދެމުން އައި އަތޮޅު ފިހާރަތަކުގެ ކުލީގެ އެއްބައި އެއްކޮށް ކައުންސިލްތަކަށް ދޭން ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: