ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ސިޓީއެއް ފޮނުވި ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިޔުމަށް އެއްވެސް މިނިސްޓްރީއަކުން އެދިފައިވޭތޯ ”ސަންގު ޓީވީ“ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ އިންޓަނޭޝަނަލް ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވުމަށް އެއްވެސް މުއައްސަސާއަކުން ފުލުހުންގެ އިދާރާއަށް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއް ކަމަށް ބުނެ މީސްމީޑއާގައި ދައުރުވަމުންދާ ސިޓީއަކީ ފުލުހުންގެ އިދާރާއަށް ލިބިފައިވާ ސިޓީއެއްކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި ސިޓީ ލިބުނީ 15 ޖޫން ގައި ކަމަށާއި ނަމަވެސް މިނިސްޓްރީން އެ ސިޓީ ދޮގު ކުރާކަމަށް ބުނާތީ އެއީ އެ ސިޓީ އޮތް ހާލަތުކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.
ޔޯގާ ހުއްޓުވުމަށް ރަސްމީކޮށް އެއްވެސް މުއައްސަސާއަކުން އަންގާފައި ނުވާކަމަށް ރިޔާޒް ވިދާޅުވި ނަމަވެސް ފުލުހަށް ލިބިފައިޥާކަމަށް ރިޔާޒް އެއްބަސްވެވަޑައިގެންނެވި ސިޓީގައި ވަނީ ރާއްޖެއަކީ %100 މުސްލިމު ގައުމަކަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް ކަމަށް ވެސް މި ސިޓީގައި ފަށަމުން ފާހަގަކޮށްފައިވެއެވެ. އެކަމަކު މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށް ވެސް ސިޓީގައިވެއެވެ.
މިނިސްޓްރީން ބުނީ މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފައެވެ.
މިނިސްޓްރީ އިން ވަނީ ސިޓީ ދޮގުކޮށް ބަޔާނެއް ނެރެފައެވެ. މިކަމާއި ގުޅިގެން މިނިސްޓްރީއަށް ”ސަންގު ޓީވީ“ ފަރާތުން ގުޅައި ސުވާލުކުރެއްވުމުން ވިދާޅުވީ އެ ސިޓީ އަކީ މިނިސްޓްރީ އިން ފޮނުވި ސިޓީ އެއް ނޫން ކަމަށެވެ. ނަމަވެސް ސިޓީގައި ސޮއި ކޮށްފައިވާ ހިޝާމް މުހައްމަދަކީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ އިސް މުވައްޒަފެއް ކަމަށާއި އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް އިން ފެންނަން ހުންނާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނޫސްބަޔާން: ދުނިޔޭގެ ޔޯގާދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން މި މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވިކަމަށް ބުނާ ސިޓީއާ ގުޅޭ. pic.twitter.com/nY1fwwvWYD
— Ministry of Islamic Affairs (@MVIaffairs) June 27, 2022
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީޯ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށްކަމަށެވެ. އަދި ޔޯގާގެ ޝަރުއީ ހުކުމައިމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުޥާއެއް ހޯދުމަށް ފަހު އާންމު ކުރާާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
”އެއްވެސް ފަރާތަކުން“ ޔޯގާ ޑޭ ފާހަގަކުރުން ހުއްޓުވުމަށް އެދިފައި ނުވަތަ އަންގާފައި ނުވާކަމަށް ރިޔާޒް ވިދާޅުވި ނަމަވެސް، ރާއްޖޭގައި މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވާކަން ޔޯތް މިނިސްޓްރީން ހާމަ ކުރުމާއިއެކު އާންމުވެސް ވަނީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި މިފަދަ ހިންދޫ ދީނަކަށް ނިސްބަތްވާ ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އެދި ފުލުހަށާއި މާލެ ސިޓީ ކައުންސިލަށްވެސް ހުށައަޅާފައެވެ.

