އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ފޮޓޯތަކާއި އެ ނޫން ވެސް އެހެން މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުގެ ކުރިން އަންގުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ސިޓީއާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެއްވެސް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ އެ ސިޓީއާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުގެ ކުރިން އަންގުމަށް އެދި މަޖިލީހުން ކޮށްފައި ވަނީ ރިކުއެސްޓެއް ކަމަށާއި އެއީ އަމުރެއް ނޫން ކަމަށެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހުގެ އެ ސިޓީއާއި ގުޅިގެން ވަކި ގޮތަކަށް އަމަލު ކުރުމަށް ފުލުހުންގެ ތަހުގީގު ޓީމްތަކަށް ވެސް އަންގާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ކަހަލަ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ފުލުހުންގެ ތަހުގީގުތަކަށް ހާޒިރު ކުރުމުގެ ކުރިން އެންގުމަކީ ބައެއް ގާނޫނުތަކުގައި ވެސް އަދި ފުލުހުންގެ އެތެރޭގައި ހަމަޖެހިފައިވާ އުސޫލްތަކުން ވެސް ކަނޑައަޅި ހަމަޖެހިފައިވާ އުސޫލްތަކެއް ކަމަށާއި ނަމަވެސް އެއީ ލާޒިމް ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ މެމްބަރުން ހަވަރަށް ނުދެވޭނެ ކަމަށާއި މެމްބަރުން ވީހަލެއްގައި އެ މަނިކުފާން ވާނެ ކަމަށެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރެއިން ފުރަތަމަ ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާރު ވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ.
އެ ފަހުން މެންބަރު ހުސައިން (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ އެފަދަ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖްތަކެއްގައި ނަޝީދު ވަނީ މެންބަރު ހުސައިންނާއި މެންބަރު ސަލީމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ނިކުންނަވާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.

