ސޯޝަލް މީޑިއާގައި މިހާރު އާންމުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯތައް ލީކުކޮށް ބްލެކްމެއިލް ކުރާ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯތައް ލީކުކޮށް ބްލެކްމެއިލް ކުރާ މައްސަލައިގެ ތުހުމަތަށް ބަޔަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ ހަފްތާއިން ފެށިގެން ބައެއް ސިޔާސީ އިސް މީހުންނާއި އަދި އެ ނޫންވެސް ބައެއް މީހުންގެ ބަރަހަނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެމީހުންނަށް ވީޑިއޯތައް މެދުވެރިކޮށް ބްލެކްމެއިލް ކުރަމުން އަންނަ ކަމަށް ވެއެވެ.
އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ ވީޑިއޯތަކުގެ މައްސަލައިގައި ބަޔަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ މިދިޔަ މާޗް މަހުން ފެށިގެންނެވެ.
އެކަމަކު އެ މައްސަލައިގައި ދެނެގަނެވިފައި ވަނީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރައްވަ އެވެ. ސަބަބަކީ އެމައްސަލަ ތަހުގީގު ކުރަމުންދާތީ އެމައުލޫމާތު ހާމަކުރެވެން ނެތް ކަމުގައި ރިޔާޒް ވިދާޅުވިއެވެ.
އެ ބާވަތުގެ މައްސަލަތަކާ ގުޅިގެން ބައެއް ފަހަރު މީޑިއާތަކުން ހޯދަން އުޅޭ މައުލޫމާތު ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ރިޔާޒު ވިދާޅުވީ މީޑިއާ އަށް މައުލޫމާތުދީ، ސުރުހީ ހަދަން ފުރުސަތުދީ، މީހުން ކިޔަން އެ މައުލޫމާތުތައް ދެވިދާނެ ކަމަށެވެ. އެކަމަކު އޭރުން މައްސަލައިގެ ނަތީޖާ އަށް ވާސިލުނުވެވޭ ކަމަށް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގުން ފަދަ މައްސަލަތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަކަށްވާއިރު، އެފަދަ މައްސަލަތަކުގައި ހިމެނޭ ހުރިހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ. ވަކި މީހަކަށްވީތީ އަދި ވަކި މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވީތީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެ އެވެ.
ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަނދުން ހުސެއިންގެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

