ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި އިސްލާމްދީނަށާއި ކީރިތި ގުރުއާނަށް ހަޖޫޖަހައި ފުރައްސާރަ ކުރަމުން ގެންދިޔަ ހުސައިން ޝައިހާން ރާއްޖެއިން ބޭރަށް ފުރީ އޭނާ ފުރުން މަނާކުރުމުގެ އަމުރު ހޯދަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
ޔޯގާޑޭގެ ހަމަނުޖެހުމާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ޝައިހާން ފުރައިގެން ދިޔައީ ދީނަށް ފުރައްސާރަކުރި މައްސަލައިގައި އޭނާ ފުރުން މަނާކުރުމުގެ އަމުރު ހޯދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކަމަށެވެ.
ފުރުން މަނާކުރުމަކީ ވަރަށް އާދައިގެ ކަމެއް ގޮތުގައި ހީވެފައި އޮތަސް، މިހާރުގެ ޖިނާއީ އިޖުރާތު އޮންނަ ގޮތުން ޕާސްޕޯޓެއް ހިފެހެއްޓުމަށްޓަކައި މުހިންމު ބައެއް މައުލޫމާތާއި ސަބަބުތައް ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދެނީ އެކަންކަން ކަމާބެހޭ ފަރާތުން ހޯދައި، ހެއްކާއެކު ވެރިފައި ކުރުމަށްފަހު އެވެ.
ރިޔާޒް ވިދާޅުވީ އެހެން އެއްވެސް ބާވަތެއްގެ މައްސަލައަކަށްވުރެ އިސްލާމްދީނަށަށް ތައުހީނު ކުރުމުގެ މައްސަލަތަކަށް ފުލުހުންދޭ އަހަންމިއްޔަތުކަން ކުޑަނުވާނެ ކަމަށާއި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ހޯދަންޖެހޭ ކަންކަން ހޯދުމުގައި ލާ އެފޯޓްވެސް ކުޑަ ނުވާނެ ކަމަށެވެ.
”މިފަހަރު މި ދިމާވި ހާދިސާ ކަމުގައިވިޔަސް ވެސް، އަދި މިހާރު އަޅުގަނޑުމެން މީގެ ކުރީގެ ބައެއް މައްސަލަތައް ބަލަން ފަށާފައި ހުއްޓާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިހުރި ފަރާތްތައް ކަމުގައިވިޔަސްވެސް، އެއިން އެއްވެސް މައްސަލައަކީ އަޅުގަނޑުމެން ދޫކޮށްލާނެ މައްސަލައެއް ނޫން،“ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް
ޓުވިޓާގައި ކުރެދިކުރި ގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ރަސޫލާ އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުރުވަ ހިމެނޭ ގޮތަށް ކާޓޫނު ތައްޔާރުކޮށް ހިއްސާކުރަމުން އައީ ޝައިހާނުކަން ހާމަވެފައިވަނީ އަމިއްލަ ފަރާތްތަކުން ކުރި ތަހުގީގުންނެވެ.
އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ޓުވިޓާ އެކައުންޓު ޑިއެކްޓިވޭޓު ކުރުމަށްފަހު ފުރުވާލާފައިވަނީ އަވައްޓެރި ސްރީލަންކާއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

