ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަނުން އުޅެނީ ގާނޫނީ ޒިންމާ ބޮލުން ދަމައިގަންނަން: މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ ސައްކަން ކަށްވަރު ކުރުމުގެ ބަދަލުގައި ކޮމިޝަނުން މަސައްކަތް ކުރަނީ ގާނޫނީ ޒިންމާއިން ބޯދަމައިގަންނަން ކަމަށް ވިދާޅުވެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން ކޮމިޝަނާއިމެދު ނުރުހުން ފާޅުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވެލިދޫ ދާއިރަގެ މެންބަރު މުހައްމަދު ޝަފީގު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމުގައި މަސައްކަތް ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް ޝަފީގު ފާހަގަކުރެއްވިއެވެ.

ޝަފީގް ވިދާޅުވީ އޮޅުވާލައިގެން މީހަކު ޕާޓީއަކަށް ވައްދާފައި އޮވެއްޖެ ނަމަ، އެމީހަކު އަމިއްލައަށް އެދިގެން ވެސް އެ ޕާޓީއަކުން ވަކިވުމަކީ ވަރަށް އުނދަގޫ މަސައްކަތަށް ވެފައިވާކަމަށެވެ. އަދި އަމިއްލައަށް އެދުމުން، މިހާރަށްވުރެ ފަސޭހަކޮށް ޕާޓީން ވަކިވެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ޝަފީގު އެދިވަޑައިގެންނެވިއިރު އެހެން މެންބަރުންވެސް މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިލެކްޝަންސްއިން މިޙާރު އަމަލު ކުރަމުން އަންނަ އުސޫލު ފާހަގަކުރައްވާ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޕާޓީއަކަށް ވަންނަން ފޯމު ފުރުމަށްފަހު، އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަނީ ޕާޓީތަކުގެ ރަޖިސްޓްރާއަކަށް ހުންނަ ކަމުގައިވާއިރު އެގޮތަށް އެކަން ކުރާއިރު، ފޯމުގައިވާ ނަންބަރަކީ އެއީ ފޯމުގައިވާ މީހާގެ ނަންބަރު ނޫނަސް އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ކޮމިޝަނުގައި ނޯންނަކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ޕާޓީގެ ރަޖިސްޓްރާއަށް ވެސް ފޯމު ވެރިފައި ކުރެވޭނީ ފޯނު ނަންބަރުން ކަމަށާއި އީސީން ވެސް ވެރިފައި ކުރަނީ އެގޮތަށް ކަމަށެވެ. އަދި ފޯނު ނަންބަރުން ނޫން އެހެން ގޮތަކަށް ފޯމުތައް ވެރިފައި ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ދިމާވުމުން ރަޖިސްޓްރާ ޖޫރިމަނާ ކުރުން ނޫން ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ.

ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިވުމުގެ ކަންކަމުގައި އީސީން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ މައްޗަށް އޮތް ގާނޫނީ ޒިންމާ ބޮލުން ދަމައިގަންނަން އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ މައްސަލާގައި ގިނަ މެންބަރުންގެ ނުރުހުން އީސީއަށް އަމާޒުކޮށްފައިވާއިރު، އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ރައްދުގައި ވިދާޅުވީ އޮޅުވާލައިގެން މީހުން ޕާޓީއަށް ވައްދާ މައްސަލަ ހަމައެކަނި އީސީގެ ބޮލުގައި އެޅުވުން ގޯސްކަމަށާއި، އެކަމުގެ ޒިންމާ ޕާޓީތަކުން ވެސް ނަގަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް އަމަލުނުކޮށް ހެދޭނެ އެއްޗެއް ނެތް ކަމަށާއި ޕާޓިތަކުން މީހުން ވަކިކުރުމަކީ ފަސޭހަ މަސައްކަތެއްގެ ގޮތުގައި އޮންނަ ނަމަ މީހުންނަށް ނޭނގި ޕާޓީތަކުން ވަކިކުރެވޭނެ ކަމަށެވެ.

އޮޅުވާލައިގެން މީހުން ޕާޓިތަކަށް ވައްދަނީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާތީ ކަމަށް ބެލެވޭ ކަން ފާހަގަކޮށް އީސީން ވަނީ މިކަން ހައްލު ކުރެވޭނެ ގޮތްކަމަށް އެބޭފުޅުން ގަބޫލުކުރައްވާ ކަންތައްތައް ކޮމިޓީއަށް ހުށައަޅާފައެވެ. އެގޮތުން ދައުލަތުން ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލައިފިނަމަ އޮޅުވާލައިގެން ޕާޓިތަކަށް މީހުން ވައްދާ މައްސަލަވެސް ހައްލުވާނެ ކަމަށާއި ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގެ ދަފްތަރަށް ބަލާފައި ނޫން ކަމަށް ކަނޑައަޅައިފި ނަމަވެސް އެކަން ހައްލުވެދާނެ ކަމަށް އީސީން ބުނެފައިވެއެވެ.

އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ބަޔަކު އިިހްލާސްތެރި މަސައްކަތްތަކެއް ކޮށްފައި ނުވާކަމަމަށް ފާހަގަކޯށް ކޮމިޝަނުގެ މެންބަރު އަލީ ނަޝާތު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން ފޯމުތައް ވެރިފައި ކުރުމަށާއި މައްސަލަޖެހޭ ފޯމުތައް އިތުރަށް ވެރިފައި ކުރުމަށް މީގެ ކުރިން ފުލުހުންނާއެކު މަޝްވަރާކުރިކަން ނަޝާތު ފާހަގަ ކުރެއްވިއެވެ.. ނަޝާތު އިތުރަށް ވިދާޅުވީ ފުލުހުންނާއެކު ކުރި މަޝްވަރާތަކުން، ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ވަސީލަތްތައް ފުލުހުންގެ އަތުގައި ނެތްކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި ފިންގާޕްރިންޓް އަޅާކިޔާނެ ޑޭޓާބޭސްއެއް ނެތް ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އީސީން ބުންޏެވެ. އަދި ފުލުހަށް މިފަދަ މައްސަލައެއް ތަހުގީގުކުރުމަށް ހުށައެޅުމުން ކޮމިޝަނުގެ ބަދަލުގައި އެ ފޯމްގެ ވެރި ފަރާތުން މައްސަލަ ހުށައެޅުމަށް ބުނާކަމަށްވެސް އީސީން ބުނިއެވެ.

މީގެ އިތުރުން، ފިންގާޕްރިންޓް ވެރިފައި ކުރުމަށް ޑީއެންއާރުގައި ހުރި ޑޭޓާބޭސްއަކީވެސް އީސީން ކުރާ ޓެކްނިކަލް މަސައްކަތަކަށް އެކަށޭނެ ފެންވަރަކަށް  ހެދިފައި ހުރި އެއްޗެއް ނޫން ކަމަށް އެ މުއައްސަސާއާ ހަވާލާދީ އީސީން ބުނެފައި ވެއެވެ.

އީސީން އިތުރަށް ބުނީ ދިވެހި ރައްޔިތުންގެ އިނގިލީގެ ނިޝާނުގެ ޑޭޓާބޭސްއެއް އަލުން އެކުލަވާލަން ވެއްޖެނެމަ އެ ވާނީ ދައުލަތަށް ވަރަށް ބޮޑު ހަރަދަކަށް ކަމަށެވެ. އެތައް ބައިވަރު މެޝިންތަކެއް ހޯދަންޖެހޭ ކަން ފާހަގަކޮށް އީސީން ބުނީ 2010 ވަނަ އަހަރުން ފެށިގެން އެ މެޝިންތައް ހޯދުމަށް އީސީން މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް ވަކިހިސާބަކަށް ދިއުމުން ފިނޭންސް މިނިސްޓްރީން އެ މަސައްކަތް ހުއްޓުމަކަށް ގެންނަކަމަަށް ކޮމިޝަންގެ ރައީސް ފުއާދު ވަނީ ފާހަގަކުރައްވާފައެވެ. : ފޮޓޯ މަޖ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: