ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ހއ އަތޮޅުގައި ކަނޑައަޅާފައިވާ އަގުގައި ރަސްމީކޮށް މި މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. މީގެ އިތުރުން ހދ އަތޮޅުގެ ފެރީގެ ނިޒާމް ވެސް މާދަމާ ރަސްމީކޮށް ފެށޭނެއެވެ.
އަގުނަގައިގެން ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރިން ހއ އަތޮޅުގެ ރަށްތަކަށް އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހާ ހަމައަށް އާރުޓީއެލްގެ ދަތުރު ތައް ކޮށްދިނުމަށް ނިންމާފައިވަނީ ހިލެއެވެ. އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް އެ ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.
ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުނު ކަމުގައިވީ ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އާރުޓީއެލް ފެރީގެ ހިދުމަތަށް 3 ޖުލައި އިން ފެށިގެން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމްޓީސީސީގެ ފަރާތުން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް ކުންފުނިން މައުލޫމާތު ދީފައިވެއެވެ. އަދި ހިލޭ ދަތުރުކުރެވޭ މުއްދަތު ހަމަވުމާއެކު، ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމުގައި އެމްޓީސީސީ އިން މައުލޫމާތު ދީފައިވެއެވެ.
އާރުޓީއެލް ހއ ފެރީގެ ހިދުމަތް ހަފްތާ އަކު ފަސް ދުވަހު ސްޕީޑް ފެރީ މެދުވެރިކޮށް 8 ރޫޓަކުން ލިބޭނެ ކަމުގައި އެމްޓީސީސީ އިން ބުނެފައިވެއެވެ.

