ދިވެހިރާއްޖެއަކީ ދެވަނަ ސްރީލަންކާއަށް ނުހައްދަވަން، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޖޭޕީ މޯރގަންއިން، އެމެރިކާގެ އިގްތިސާދު ނުރައްކާވެފައިވާކަމަށް ފާހަގަކޮށްފައިވަކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، ރައީސް ސާލިހު ފައިސާ ޗާޕު ކުރާ މެޝިނެއް ގެންގުޅުއްވާކަމަށެވެ. އަދި ބޮޑު މެޝިނެއް ނަމަވެސް، މި ދަނޑިވަޅަކީ، ފައިސާ ޗާޕުކޮށްގެން، ގައުމުގެ ހާލަތު ހިފެހެއްޓޭނެ ދަނޑިވަޅެއް ނޫންކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އީދު ޗުއްޓީ ނިމިގެންދާއިރު، ތަކެތީގެ އަގުތައް އިތުރަށް ގޯސްވެގެންދާނެކަމަށާއި، ރައީސް ސާލިހަކީ ”ބޯހަރު“ ބޭފުޅެއްނަމަވެސް، ރާއްޖެއަކީ ދެވަނަ ސްރީލަންކާއަށް ނުހައްދަވަން އެނާ އިލްތިމާޒް ކުރައްވާކަަމަށެވެ.
ދިވެހިރާއްޖޭގެ ހާލަތު، އަވައްޓެރި ސްރީލަންކާއާއި އެއްފަދަ ވެގެންދާން ނުދިނުމަށް ރައީސް ސޯލިހު ކައިރީ، ސައީދު އެދިލެއްވިއިރު، އެ ގައުމުގެ ހާލަތުވަނީ އިންތިހާއަށް ގޯސްވެފައިއެވެ. މާލީ އަދި އިގްތިސާދީ ހާލަތު ހީނަރުވެ، އެކަމުގެ އަސަރުތައް ރައްޔިތުންނަށް ތަހައްމަލު ކުރެވޭވަރަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން، ރުޅިވެރިކަން އިތުރުވެ އެ ގައުމުގެ ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތަކެއް ކުރަމުން އެބަދެއެވެ.
ލަންކާގެ ރައްޔިތުން، އެ ގައުމުގެ ސަރުކާރާއި، ރައީސް ގޯޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލާތާ މަސްދުވަސް ވުމަށްފަހު، އިސްތިއުފާ ނުދެއްވާ، ގައުމުގެ ހާލަތު ރަނގަޅު ކުރައްވާނެކަމަށް، އެތައް ވައުދުތަކެއް ވުމަށް ފަހު، ގައުމު ވަނީ ބަނގުރޫޓުވެފައިކަމަށް، އިއުލާނު ކުރުމުން ރުޅި އިސްކޮށް، ރައްޔިތުންތައް ވަނީ، ފުލުހުންނާއި ސިފައިން ޖަހާފައިވާ ބެރިކޭޑުތައް ފޫއަޅުވާލައި، ގޯޓަަބަޔާގެ ގެކޮޅަށާއި، އޮފީހަށްވެސް ވަދެ، އެނާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިއެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެފައިވަނީ އެއްދުވަހުގެ މަތިންނެއް ނޫނެވެ. އެ ގައުމުގެ ސަރުކާރުން، އެކި ނަން ނަމުގައި، ލޯނުތައް ނަގައި، ގައުމުގެ ދަރަނިތައް އިތުރުވެ، ސަރުކާރުގެ އިހުމާލުންނާއި، މޫސުމަށް އައި ބަދަލުތަކުގެ ސަބަބުންވެސް ލޯނުތަކުން ފެށި ބައެއް މަޝްރޫއުތައްވެސް އަޑިއަޅާލައިގެންނެވެ. އަދި އެ ގައުމުގެ ސަރުކާރުން އެތައް ފަހަރެއްގެ މަތިން ރައްޔިތުންގެ ބަހެއް ނެތި ފައިސާ ޗާޕުކޮށް، ހެދުމުގެ ސަބަބުން ފައިސާގެ އަގަށްވެސް ވަނީ 50 އިންސައްތައިގެ ވެއްޓުމެއް އައިސްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

