6.5 ބިލިއަން ރުފިޔާ 50 އަހަރު ދުވަހަށް ބަހާލައިން ދެއްކުމަށް އިންތިޒާމުކޮށް ނިންމުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން މި ފަހުން ވެފައިވާ އެންމެ ބޮޑު ހިޔާނާތްކަމަށް ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ އިގްތިސާދީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ސައީދުވަނީ ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑުކޮށްފައި އޮތުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ 114 ބިލިއަންގެ ދަރަނީގެ ތެރެއިން ރައީސް ސާލިހުގެ ދައުރުގައި އުފައްދާފައިވާ ދަރަނީގެ އަދަދަކީ 65 ބިލިއަނާއި ގާތްކުރާ އަދަދެއްކަމަށެވެ. އަދި އެ އަދަދުގެ ތެރެއިން އިންޑިއާއިން އެކަނި 3 ބިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޖުމުލަގޮކަށް 52.5 ބިލިއަން ރުފިޔާ އިންޑިއާއަށް ދަރާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ބޮޑު ނުރައްކަލެއް ކަމަށާއި އެ ހާލަތުގައި ސަރުކާރުންވަނީ 8 ބިލިއަން ރުފިޔާ ޗާޕުވެސްކޮށްފައިކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، އެކަން ކޮށްފައިވަނީ ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑުކޮށްގެންކަމަށާއި އެގޮތުގެ މަތީ ކަން ކުރަމުންދާތާ ހަތަރު އަހަރު ދުވަސްވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ގާނޫނު ސަސްޕެންޑުކޮށްފައިވުމުގެ ނަތީޖާއަކީ ޗާޕުކުރި 8 ބިލިއަންގެ ތެރެއިން 6.5 ބިލިއަން 50 އަހަރު ދުވަހަށް ދެމިގެންދާ ލޯނެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ދައްކަން ޖެހިފައިވުންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ ބޮޑު ވައްކަމެއްކަމަށާއި އެއީ ހިޔާނާތުގެ އަމަލެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދިގު މުއްދަތަކަށް ދައްކަންޖެހޭ ގޮތަށް އެ ފައިސާ ބަހާލުމަކީ ސަރުކާރުން މި ފަހުން ވެފައިވާ އެންމެ ބޮޑު ހިޔާނާތްކަމަށެވެ.

