ހެއްކާއި ބެހޭ ގާނޫނުން ނޫސްވެރިންނަށް މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ނޫސްވެރިންގެ ހައްގުގައި ނިކުންނަނީ ތިމާގެ މޮޅު ވާހަކަ ލިޔެދޭތީތޯ ނުވަތަ ތިމާ ހިތްއެދޭ ގޮތަށް އެތައް ބަޔެއްގެ އަބުރުކަތިލައިދޭތީތޯ، މަޖިލީހުގެ ކުރީގެ ނައިބް ރައީސްކަން ކުރައްވާފައިވާ މޫސާ މަނިކު އައްސަވައިފިއެވެ.
މި ގާނޫނުގައި 151 މާއްދާ ހިމެނޭއިރު، މި މާއްދާތަކުގެ ތެރެއިން ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުތައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށްވެސް މާއްދާއެއްވެއެވެ.
2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެވިގެންދިޔަ މި ބިލު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގުކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް، ނޫސްވެރިންގެ ހައްގުގައި ވާހަކަދައްކަވަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ކޮންގްރެސް ކޯލިޝަގެ އިސް ފަރާތްތަށްވެސް ހިމެނެއެވެ. އަދި އެ ފަރާތްތަކުން ދަނީ ނޫސްވެރިން މި ބިލާއި ދެކޮޅަށް ކުރިއަށްގެންދާ އިހްތިޖާޖްތަކުގައި ބައިވެރިވެސްވަމުންނެވެ. އަދި ހަމައެއާއިއެކު ސޯޝަލް މީޑިއާގައިވެސް ދަނީ ބިލާއި ދެކޮޅަށް ހިޔާލު ފާޅުކުރަމުންނެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި މި ގާނޫނުގެ މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރުކުރުވާ މާއްދާ އުވާލާނަންކަމަށްވެސް ޕާޓީގެ އިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި މިކަންތައް ސިފަކުރަމުންދިޔައީ ސަރުކާރުން ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށްޓަކައި ހިންގާ އަމަލެއްގެ ގޮތުގައެވެ. ނުވަތަ ސަރުކާރުގެ ތެރޭގައި ހިގާ ނޭންގާނީ ކަންކަމުގެ ވާހަކަތައް ރިޕޯޓް ކުރާ ނޫސްވެރިންގެ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ގެނައި އިސްލާހެއްގެ ގޮތުގައެވެ. އެހެންކަމުން އިދިކޮޅުން ދަނީ ނޫސްވެރިންނަށް ގާނޫނުން ލިބިދޭންޖެހޭ ހައްގުތައް ނިގުޅައިނުގަތުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
މި ދަނޑިވަޅުގައި ޓްވީޓެއް ކުރައްވާ މޫސާ މަނިކު ވަނީ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރެއްވުމަށްޓަކައި ނިކުންނަނީ، ތިމާގެ މޮޅު ވާހަކަ ލިއެދޭތީތޯ ނުވަތަ ތިމާ ހިތްއެދޭގޮތަށް ބަޔެއްގެ އަބުރު ކަތިލައިދޭތީތޯ ސުވާލުއުފައްދަވާފައެވެ. މޫސަ ކުރެއްވި ޓްވީޓުގައި ބަސްމަގު ގެންގުޅުއްވާފައިވަނީ، ނޫސްވެރިން ހިމާޔަތްކުރުމުގެ މަގްސަދުގައި މިއަދު މަސައްކަތް ކުރައްވާ ފަރާތްތަކުން މީގެ ކުރީގައި ބަހެއް ނުބުނާކަމަށް ވިދާޅުވާފަދަ މޭރުމަކުންނެވެ.
ތިމާމީހާގެ މޮޅުވާހަކަ ލިއެދޭ ނޫސްވެރިޔާ ، ތިމާ ހިތްއެދޭގޮތަށްއެތަށްބައެއްގެ އަބުރުކަތިލާދޭތީ ތޯ އޭނަގެ ޙައްގުގަ ވަކާލާތުކުރަން ތެދުވަނީ؟ ނޫސްވެރިންހިމާޔަތްކުރުމަށްމަޤްސަދު އޮތްނަމަ އެތަށްނޫސްވެރިންނެއް ހައްރުކޮށްއަނިޔާދޭއިރު ބަހެއްނުބުނެވެ،
— Moosa Maniku (Reeko) (@ReekoMoosa) July 22, 2022
ނޫސްވެރިންގެ ދިފާއުގައި ޕީޕީއެމްގެ ފަރާތުން ނިކުރުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެ ޕާޓީއަށްވެސް ފާޑުކިޔުން އަމާޒުކޮށް، އެބޭފުޅުންގެ ވެރިކަމުގައި ނޫސްވެރިން ޖަލައްލައި، ނޫސްވެރިންނަށް ބިރުދެއްކިކަމުގެ ވާހަކަތައް ފާހަގަކުރަމުންނެވެ.


One Response
އެކްސްޗޭންޖް ރޭޓް ބަދަލުކޮށްފަ ގެއްލުންމޭކިޔާފަ 52 މިލިއަން ރުފިޔާ ނޫސްވެރިންނަކަށް ނުލިބޭނެ .ނޫސްވެރިޔާ އަށް މައުލޫމާތު ދިނީ ކާކުތޯ ބަލާކަށް ނުޖެހޭނެ. ބަލަންޖެހޭނީ ނޫސްވެރިޔާ ގެނެސްދިނީ ތެދުމައުލޫމާތެއްތޯ. ތެދު މައުލޫމާތެއްނަމަ މައްސަލަ ތަހުގީގު ކުރަންވީ. ކޮންމެހެން ބުނިމީހަކާ ލިއުނު މީހަކާ އެ ތަހުގީގަކަށް ބޭނުމެއްނުވާނެ.