ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީން ހިމާޔަތް ކުރުމަކީ، އެހެންބުނެ ޓްވީޓެއް ކުރުމެއް ނޫން: ނާޒިމް

ކުރީގެ ހެލްތް މިނިސްޓާ އަބްދުﷲ ނާޒިމް އަދި ހޯމް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީން ހިމާޔަތް ކުރުމަކީ ދީން ހިމާޔަތް ކުރަމޭ ބުނެ ޓްވީޓެއް ކުރުން ނޫންކަމަށް ވިދާޅުވެ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ އަބްދުﷲ ނާޒިމް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އަށް ރައްދުދެއްވަފައިފިއެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ކުރިއަރުވާ ދިފާއުކުރުމުގެ ނަމުގައި އުފެއްދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ދީނުގެ ދިފާއުގައިކަމަށް ބުނެ ސިޔާސީ ޕާޓީއެއް އުފައްދަވާ ދީން ހަތިޔާރަކަށް ހެއްދެވިކަމުގެ ފާޑުކިޔުންތައް އަމާޒުވެގެންދާ އިމްރާން އަބްދުﷲ ދަނީ، އަނެއްކާވެސް އެފަދަ މަސައްކަތްތަކެއް ކުރައްވަމުންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެގޮތުން ސޯޝަލް މީޑިއާގައި މީގެ ކުރީގައި އެހާ ހަރަކާތްތެރިކޮށް ފެނިފައިނުވާ އިމްރާން އަންނަނީ، ދީނުގެ ދިފާއުގައި އަދާލަތު ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްދެއްވިކަން ސާބިތުކޮށްދެއްވުމަށްޓަކައި ފާހަގަވާހާ، ގިނަ އަދަދަކަށް ޓްވީޓުތަކެއް ކުރައްވަމުންނެވެ.

އެގޮތުން ބަޔަކަށް ގަބޫލު ނުކުރެވުނުކަމުގައިވީ ނަމަވެސް ހަގީގަތަކީ 2005 ވަނަ އަހަރު އަދާލަތު ޕާޓީ އުފެދުމާއި ހަމައިން ފެށިގެން މިއަދާއި ހަމައަށްވެސް ދިވެހިރާއްޖޭގައި އެ ޕާޓީހައި ދީނަށް ހިދުމަތްކޮށްދެއްވި ޕާޓީއެއް އަދި ޖަމާއަތެއްވެސް ނޯންނާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. މި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވުމާއިއެކު، އިމްރާން އަބްދުﷲ ވަނީ އެ ފާޑުކިޔުންތަކައް ރައްދު ދެއްވުމަށްޓަކައި އަނެއްކާވެސް އިތުރު ޓްވީޓެއްކުރައްވާ މަދު ބަޔަކު ރުހުނު ނަމަވެސް ހައްގުވާނީ ހައްގައްކަމަށާއި، ކިތައްމެ ގިނަ ބަޔެއްގެ ތާއީދު އޮތް ނަމަވެސް ބާތިލްވާނީ ބާތިލަށްކަމަށް ވިދާޅުވެފައެވެ.

މި ދަނޑިވަޅުގައި ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ދީނަށް ހިދުމަތްކުރުމަކީ އެހެން ބުނެ ޓްވީޓުތަކެއް ކުރުން ނޫންކަމަށް ވިދާޅުވެފައެވެ. މިފަދައިން ޓުވީޓު ކުރެއްވި ނަމަވެސް ދީނާއި ހިލާފް އެތައްކަމެއް ދިވެހިރާއްޖޭގައި ހިގައިދިޔައިރު، ދީނުގެ ދިފާއުގައި އަދާލަތު ޕާޓީން، ޕާޓީއެއްގެ ސިފައިގައި ކުރެއްވި މަސައްކަތެއް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ދީނަށް ފުރައްސާރަ ކުރުން ފަދަ ކަންކަމާއި އަދި ދީނަށް ފުށުއަރާ ނުވަތަ ގޮންޖަހާ ނެރެވިގެން ދިޔަ ރިޕޯޓްތަކެވެ. އަދި މިކަންކަމަށް އަދާލަތުން ރައްދެއް ނުވަތަ އެކަށީގެންވާ ހުއްޖަތެއްވެސް ދައްކާފައި ނުވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

” މި 3 އަހަރާއި ބައިގެ ތެރޭގައި، ދީނަށް ގޮންޖެހުން ހުރި އެތައްކަމެއް އަޅުގަނޑުމެންނަށް ފެނިގެން ހިގައްޖެ، ދިޔައިރު އަދާލަތު ޕާޓީން ޕާޓީއެއްގެ ސިފައިގައި މީން އެއްވެސްކަމަކަށް އެކަށީގެންވާ ހުއްޖަތެއް ނޫނީ ރައްދެއް ނުވަތަ ނަސޭހަތެއް ނޫނީ މިފަދަ ކަމެއް ކުރިތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، ދީން ހިމާތޔަތް ކުރުމަކީ ހަމައެކަނި ތިމަނަންނަމެންނަކީ ދީނެއް ހިމާޔަތް ކުރާ ޕާޓީއެކޭ ބުނެފަ ޓްވީޓުކުރުމެއް ނޫން، އެއީކީ ދީން ހިމާޔަތް ކުރުމެއް ނޫން”

ނާޒިމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން އޮޕޮޒިޝަންގައި އޮތްއިރު މަސައްކަތްތަކެއް ކުރެއްވިކަމަށާއި، ނަމަވެސް މިއަދު އެފަދައިން މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެ ނާޒިމް ދޭހަކޮށްދެއްވީ މިއަދުގެ ސަރުކާރާއި އެއްކޮޅަށް އޮތީތީ ސަރުކާރުން އެފަދަ ކަންކަން ހިންގާތީ، ސަރުކާރާއި ދެކޮޅަށް މަސައްކަތް ނުކުރަނީކަމަށެވެ.

ނާޒިމް ވިދާޅުވީ މިއަދު ރާއްޖޭގެ އިލްމްވެރިންވެސް ވިދާޅުވަމުން އަންނަނީ މިވާހަކަ ކަމަށާއި، އަދާލަތު ޕާޓީގެ މަސައްކަތްތައް އިލްމްވެރިންވެސް ސިފަ ކުރަމުން އަންނަނީ ދީނާއި ހިލާފު ކަންތައް ފޮރުވަން ފަސް އަޅާ އުދައްޔެއްގެ ގޮތަށްކަމަށެވެ. އަދި ނާޒިމް ފާހަގަކުރެއްވީ ދީނީ ކަންތައްތަކުގައި އަދާލަތަށް، ޕާޓީއެއްގެ ސިފައިގައި މަސައްކަތް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އިލްމްވެރިން ޕާޓީން ވަކިވެވަޑައިގެންނެވިކަމަށެވެ.

މީގެ އިތުރުން ނާޒިމް ވަނީ ދައުލަތުގެ ވަޒީރުންނަށްވެސް ފާޑު ވިދާޅުވެ ޒިންމާދާރު ނޫންކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. ދިވެހިރާއްޖޭގައި އެތައް ބޮޑު މައްސަލަތަކެއް ފެންމަތިވެގެން ދިޔައިރުވެސް ދައުލަތުގެ ވަޒީރުން ނިކުމެ މައުލޫމާތު ދިން މަންޒަރުވެސް ނުފެންނަކަމަށާއި، ކަމެއް ދިމާވާ ހާލަތެއްގައި ރައްޔިތުން ނިކުތީމައި ގަދަބާރު ބޭނުންކޮށްގެން ވަގުތީ ހައްލެއް ލިބުނު ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ޒިންމާ ނަގާނެ ބަލަދުވެރިއެއް ނެތްކަމަށް ވިދާޅުވެ ނާޒިމް ފާހަގަކުރެއްވީ އެމްޑީޕީގެ ވެރިކަމެއް އޮތްއިރު، އެ ޕާޓީން ސަރުކާރުގެ ސިޔާސަތުތަކުގެ ޒިންމާ ނުނަންގަވާކަމަށެވެ.

ވަޒީރުންވެސް ތިއްބެވީ އެކި ބައިބަޔަށް ބެހިފައިކަމަށާއި، ދައުލަތެއްގެ ސިފާގައި ކަލެކްޓިވްކޮށް އެއް މިސްރާބެއްގައި މަސައްކަތް ކުރާ ސިސްޓަމެއް މި ސަރުކާރުގައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: