ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤިޞާޞް ހިފުމަށް ބޭނުންވާ ވަޞީލަތްތައް އެބަހުރި، ނެތީ އެކަން ކުރަން ކެރޭނެ ވެރިއެއް: އުމަރު

ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޤައުމުގައި ހައްޤަކާ ނުލާ މީހުން މަރާ މީހުންގެ ފަރާތުން ޤިޞާޞް ހިފުމަށް ބޭނުންވާނެ ވަޞީލަތްތައް ހުރިކަމަށާއި ނެތީ އެކަން ކުރަން ކެރޭނެ ވެރިއެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

”ސަންގު” ޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމްގައި އަމަންއަމާންކަން ޤާއިމްކުރުމާއި އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ހިފުމުގެ މުހިއްމުކަމަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މި ޤައުމުގައި ތަފާތު އެކި އެކި ކުށްތައް ކުރުން މަދުވާނީ އެކަމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހައްދު ޤާއިމްކުރެވިގެން ކަމަށެވެ. އަދި އެ ބޭފުޅާ ހޯމް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި އިރު ޤިޞާޞް ހިފުމަށް ބޭނުންވާނެ ހުރިހާ ވަޞީލަތަކާއެކު މާފުށީ ޖަލު ތައްޔާރު ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

”އަޅުގަނޑު ހޯމް މިނިސްޓަރަކަށް ހުންނެވި އިރު އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް، ބޭނުންވާ ހުރިހާ ވަޞީލަތްތައް ހޯދާ، އެ ވަޞީލަތްތައް މާފުށީ ޖަލުގަ ޤާއިމްކޮށް. އެކަމަށް ބޭނުންވާ ޤަވާޢިދު ހަދާ، އެ ޤަވާޢިދު ގެޒެޓު ކުރެވި، ހުރިހާ ކަމެއް ރެޑީވި އިނގޭތޯ! ”އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އޭނާ ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އިރު، ޤިޞާޞް ހިފުމަށް ކަނޑައެޅިފައިވާ ޝަރުޢީ ތިން މަރުހަލާ ނިންމުމަށްފަހު ކުށް ސާބިތުވެ ޤިޞާޞް ހިފަން ޖެހުނު ނަމަ އެކަން ޤައުމުގެ ވަލީއުލް އަމްރުގެ ހުއްދައާއެކު ކުރައްވާނެކަމަށެވެ.

”އަޅުގަނޑު މިނިސްޓަރު ކަމުގައި ހުރި އިރުގައި ޝަރުޢީ ތިން މަރުހަލާ ނިންމާފަ، އަޅުގަނޑާ ހަމައަށް އެއްވެސް މީހަކު ނާދެ. އައިނަމަ އަޅުގަނޑު ޤިޞާޞް ތަންފީޒުކުރާނަން. ދެން ރައީސުލް ޖުމްހޫރިއްޔާ ހުއްދަ ދެއްވައިފިކަމަށް ވަންޏާ.” އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ޤިޞާޞް ހިފުމަކީ ރައީސުލް ޖުމަހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށާއި މިނިސްޓަރަކަށް ހުންނަ ބޭފުޅަކު ޤިޞާޞްގެ ހުކުމް ކިތަންމެ ތަންފީޒުކުރަން ބޭނުމަށް ޤައުމުގއ ވަލީއުލް އަމްރުގެ ހުއްދައާނުލާ އެކަން ނުވާނެކަމަށެވެ.

އުމަރު ވިދާޅުވީ މީހުން މެރުމުގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުމާއި ކުޑަކިުދިންނަށް ޖިންސީ ގޯނާ ކުރުމާއި ހަށިވިއްކުން ފަދަ މުންކަރާތްތައް އާއްމު ވުމުގެ އެއްމެ ބޮޑު އެއް ސަބަބަކީވެސް އިސްލާމީ ޝަރީޢަތް ޤާއިމު ނުކުރުން ކަމުގައެވެ.

ޤައުމުގައި ބިރެއްނެތި ބޮޑެތި މުންކަރާތްތައް އާއްމުވެފައި ވާއިރު، އެކަމަށް އެއްމެ އެކަށީގެންވާ ފިޔަވަޅެއް ނުވަތަ އެކަމަކަށް ހައްޤު އަދަބު ދެވިގެން ނުދިޔުމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މަރަށް މަރު ހިފުމަށް އުމަރުގެ ހޯމް މިނިސްޓަރުކަމުގައި މަސައްކަތްތަކެއް ކުރިއިރު އޭރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅަކީ ކޮބައިތޯ ސުވާލު ކުރުމުން އުމަރު ވިދާޅުވީ ރައީސް ޔާމީންގެ އެއްބާރުލުން ލިބުނު ކަމަށެވެ. އަދި ކެބިނެޓުގައި އެތައް ގަޑިއިރެއްގެ މަޝްވަރާތަކަށް ފަހު ވަޒީރުން ދެއްވި ލަފައަކީ ވެސް އެއީކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ބޭރުގެ އެކި ޖަމިއްޔާތަކުގެ ޕްރެޝަރު ވަރަށް ބޮޑަށް ދިމާވިކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން އެ މީހުން އޭނާއާއި ބައްދަލުކޮށް، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރެވޭނެކަމަށް ބުނަމުން ދިޔަކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ފަހުން ރައީސް ޔާމީނަށް އެކަން ނުކުރެވުނު ސަބަބު ނުވިސްނޭކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ޢުމަރު ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެކަމާ ގުޅުވައިގެން އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.

ޢުމަރުގެ ހޯމް މިނިސްޓަރު ކަމުގައި މަރުގެ އަދަބު ދީ، އެކަން ތަންފީޒު ކުރުމަށް ކުރެއްވި މަސަަައްކަތްތަކުގެ ތެރޭގައި ހުކުމް ތަންފީޒު ކުރެވޭނެ އިންތިޒާމުތަކެއް މާފުށީ ޖަލުގައި ވެސް ހަމަޖެއްސި އެވެ. ނަމަވެސް ރާއްޖޭގައި ގިސާސް ހިފުމަށް މަސައްކަތް ކުރުމާއި، ގޭންގު ކުށްތައް ހުއްޓުވުމަށް ކުށްވެރިންގެ ފައިގައި ޓެގު އެޅުވި ހިސާބުން އޭނާ މަގާމުން ވަކި ކުރީ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ވެސް ނެތެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން ގެންގުޅެނީ މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ސިޔާސަތު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: