ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މީހުން ދޫކޮށްލަން، ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ގޮވާލާފައިވަނިކޮށް، ނާޒިމް ދޫކޮށްލައިފި!

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ހިއުމަން ރައިޓްސް ވޮޗްގެ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ ޕްރޮގްރާމްގެ ޑިރެކްޓަރު ގްރައެމް ރީޑް، ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައިވަނިކޮށް، އަލަމްގިރިއާއެކު އެއްޖިސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނޭހެން އިތުރު ފަރާތްތަކެއް އަލަމްގިރި ކިޔާ ބަންގްލަދޭޝް ފިރިހެނަކާއިއެކު، އެއްގިންސުން ގުޅުން ހިންގާފައިވާކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުމާއި އެކު، ރައީސް ނަޝީދުވަނީ އެ މަނިކުފާނުގެ ކޮއްކޮ ހައްޔަރު ކުރެވިފައިވަނީ، ސިޔާސީ މަގުސަދެއްގެ އިތުރުން ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިރިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ބުނެފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރު ކުރެވި، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު، މިހާރު މިނިވަން ކުރެވިފައިވަނީ، އެނާގެ ބަންދުގެ މުއްދަތު ހަމަވުމުންނެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކޮށްފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ. ނާޒިމްގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި، ހައްޔަރު ކުރެވިފައިވާ ފުލުހުންގެ ބޭފުޅަކުވެސް ބަންދުން ދޫކޮށްލެވިފައިވާކަމަށް ބައެއް ފަރާތްތަކުން ރިޕޯޓު ކުރެއެވެ.

ނާޒިމްގެ އިތުރުން ހައްޔަރު ކުރެވިފައިވާ ފަރާތްތައް ދޫކޮށްލާފައިވާކަން ކަށަވަރު ކުރުމަށް، ސަންގުން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން އެނާ ފޯނު ނަންގަވާފައެއް ނުވެއެވެ.

ނާޒިމް ހައްޔަރު ކުރެވުމާއި އެކު، ރައީސް ނަޝީދު އިންގިރޭސިން ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓްގައި ރައީސް ނަޝީދުވަނީ، ރައީސް ސާލިހާއި ސަރުކާރަށް ގިނަ ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން، ރައީސް ނަޝީދު އިންގިރޭސިން ޓްވީޓް ކުރެއްވިީ މި މައްސަލައިގައި، ސަރުކާރަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ޕްރެޝަރު ފޯރުވުމުގެ މަގުސަދުގައެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ހިއުމަންރައިޓްސް ވޮޗް އިން ނެރިފައިވާ ބަޔާނެއްގައި، އެ ޖަމިއްޔާއިން ވަނީ، ރައީސް ނަޝީދު ސަރުކާރަށް ކުރެއްވި ތުހުމަތުތައް ތަކުރާރުކޮށްފައެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުން ނާޒިމް ސައްތާރު ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގެ ދަށުން ކަމަށާއި، ހަރުކަށި ފިކުރުގެ ފަރާތްތަކެއް ރުއްސުމުގެ މަގުސަދުގައިކަމަށްވެސް ބެލިވިދާނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ ޕްރޮގްރާމްގެ ޑިރެކްޓަރުވެސް ވަނީ ރައީސް ސާލިހުގެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން އެއްޖިންސުން ގުޅުންހިންގި ފަރާތްތައް ހައްޔަރު ކުރެވިފައިވަނީ ނުހައްގުން ކަމަށާއި، ސިޔާސީ މަގުސަދެއްގެ ދަށުން ކަމަށް އެނާ ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ރައީސް ސާލިހަށް އަމާޒު ކުރެއްވި ފާޑުކިޔުންތަކުގެ ތެރޭގައި ބުނެފައިވާގޮތުން، ދިވެހިރާއްޖޭގައި މިނިވަންކަމާއި އެކު ހިޔާލު ފާޅު ކުރުމުގެ ހައްގަށް “އިސްލާމީ ގުރޫޕުތަކުން” އަޅަމުންދާ ހުރަސްތައް ނަތާލުމަށް ރައީސް ސާލިހަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވެއެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ވޮޗްއިންވަނީ އެއްޖިންސުން ގުޅުން ހިންގުން މަނާ ކުރުމަށް ދިވެހިރާއްޖޭގައި ވުޖޫދު ކުރެވިފައިވާ ގާނޫނުތައް އިސްލާހު ކުރުމަށް ގޮވާލާފައެވެ. އަދި ، އެއްޖިންސުން ގުޅުން ހިންގުން މަނާ ކުރެވިފައިވުމަކީ، އދއިން ބަލަހައްޓަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ހިލާފުވާކަމެއް ކަމަށާއި، އދ އިން ބަލައިގަންނަ ބައެއް އެއްބަސްވުންތަކާއި ހިލާފުވާކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 77%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންސާނީ ޙައްގުތަކާބެހޭ އަލިފުދާލުގެ މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފަ ވާނީ އެ މުޢާހަދާގައިހުރި އިސްލާމްދީނާއި ފުށުއަރާ ކަންތައް ތަންފީޒު ނުކުރެވޭގޮތައް ރިޒަވޭޝަން ނަގާފައެވެ. ވީމަ ދިވެހިރާޖެއަކު ފިރިހެންކުޅި ނުކުޅެވޭނެއެވެ. އެކަންކުރަން ކޮންމެސް އެހެންގައުމަކަށް ދާންވީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: