ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި މެދު ބަހުސްކޮށް، އެކަމަށް ވޯޓަކަށް ދިއުމަށް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވި ހުށަހެޅުން އަނބުރާ ގެންދަވަން ނިންމަވައިފި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ހުށަހަޅުއްވައި ރައީސް ނަޝީދު ވަނީ އެކަމުގެ ބޮޑެތި ބަހުސްތަކެއް ކުރައްވާފަ އެވެ. ހާއްސަކޮށް އެމްޑީޕީގެ ހަރުގޭގައި އެކަމުގެ ބައްދަލުވުންތައް ކުރިޔަށް ގެންދެވުމާއި، ސަރުކާރާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް ފާޑުވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހުށަހެޅުން ކުރިޔަށް ނުގެންދެވިއްޖެ ނަމަ، ސަރުކާރާއި ދެކޮޅުވާނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަަށް ކުރިއެރުމެއް ނެތްކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއްކަމަށް ރައީސް ވިދާޅުވީ ސަރުކާރުގެ އެތެރެ ގޯސްވެފައި އޮތުމާއި ތާއީދު ދަށްވުމެވެ.
ކޮންގްރެސް ފެށުމަށް ފަހު ވެސް، ދެބަސްވުންތަކެއް ފެނިގެން ދިޔަ އެވެ. ނަމަވެސް މިއަދުގެ މެންދުރުގެ ވަގުތެއްގައި ދެ ރައީސުންގެ ދެމެދުގައި ކުރި މަޝަވަރާތަކަށް ފަހު ކުއްލިއަކަށް ރައީސް ނަޝީދު ހިޔާލު ބަދަލު ކުރައްވައި ގަރާރު އަނބުރާ ގެންދަވަން ނިންމެވީ އެވެ.
ވޯޓަށް ހުޅުވާލުމުން ސްޓޭޖަށް އަރާވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ނިންމެވީ މަޝްވަރާ ކުރައްވައިގެން ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ހުށަހެޅުއްވުމަކީ ވެސް އެއީކަން ފާހަގަ ކުރެއްވި އެވެ.
އެއަށް ފަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮންގްރެސް ފެށީގެން ދިޔައީ ހޫނުކަން މަތީގައި ނަމަވެސް އެކުވެރިކަމާއި ބަދަހި ގުޅުމެއްގެ ތެރެއިން ކޮންގްރެސް ނިމިގެން ދިއުމަކީ ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ. އަދި އެމްޑީޕީގެ އެންމެ ހާއްސަ ސިފައަކީ އެއީކަން އެމަނިކުފާނުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
ރައީސް ނަޝީދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ، ރަނގަޅު ގޮތުގައި ގާނޫނު ތަންފީޒު ނުކުރެވޭކަމަށް ވިދާޅުވެ އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެވޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށެވެ.
ނިޒާމާއި ބެހޭ ބަހުސްއަށް ދިއުމުގެ ކުރިން، ރައީސް ނަޝީދު ގަރާރު އަނބުރާ ގެންދަވަން ނިންމެވިކަން މީޑިއާތަކުން ރިޕޯޓު ކުރި އެވެ.


2 Responses
އެނޫން ގޮތެއްނެތީ.އުނބަށްޖެހީ.ލަނދެއގަ ބެދުމުގެ ކުރިން ގޮތް ދޫކުރީ.ތިވަރަކުން އަދި ނުނިމޭނެ.
ކީއްކުރާނީ މިއަދު ބްރޯ ބުނާބަސް އަހަގެން އުޅުންނޫންގޮތެއް އެފަކީރަކަށް ނެތް.