ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި، އިސްލާމް ދީނާއި ދެކޮޅު އަމަލުތައް ގިނަވެފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމާއި، ދީނަށް ފުރައްސާރަ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް އިޝާރާތްކުރައްވާ، ކަންބޮޑުވުން ފާޅުކޮށް، ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރު ވުޖޫދުގެން އައުމާއި އެކު، ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ގޮންޖެހުމުގެ އަމަލުތައް އާންމުވެފައިވާކަމަށެވެ.
ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި، އިސްލާމް ދީނަށް ފުރައްސާރަކޮށް، ގިނަ އަަދަދެއްގެ ރިޕޯޓުތައްވެސް ނެރިފައިވާކަމަށެވެ. އަދި އެކި ދަނޑިވަޅުތަކުގައި އިސްލާމް ދީނަށް ހަޖޫޖެހުމާއި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ބޮޑެތި ކުށްތަކުގެ މައްސަލަތައްވެސް ފެންމަތިވެފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރާއެކު ދީނަށް ގޮންޖެހުން ޢާންމުވެއްޖެ:
1. ދީނަށް ފުރައްސާރަކޮށް ގިނަ ރިޕޯޓްތަކެއް
2. އެކި ގޮތްގޮތަށް ދީނަށް ހަޖޫޖެހުން
3. އެއްޖިންސުން ގުޅުންހިންގުމުގެ ބޮޑު ކުށް ޢާންމުވުންހިންގަން ތިބި ދީނީ މީހުން ދިފާޢުކުރަނީ މިސަރުކާރު. ކޮންހާ ބަހަނާއެއް؟ ޒިންމާ ނަގަން ޖެހޭނެ. pic.twitter.com/XDOQHB50Vp
— Mohamed Jameel Ahmed (@MJameelAhmed) August 28, 2022
ޖަމީލު ވިދާޅުވީ، އެ ހުރިހާކަމެއް ފެންމަތިވުމުންވެސް ގައުމު ހިންގަން ތިބި ދީނީ އިލްމުވެރިންވެސް ގެންދަވަނީ ރައީސް ސާލިހުގެ ސަރުކާރު ދިފާއު ކުރައްވަމުންކަމަށެވެ. އަދި ދައްކަނީ ހުސް ބަހަނާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެ ކަންކަމަށް ސަރުކާރުން ޒިންމާ ނަގަން ޖެހޭނެކަމަށެވެ.
އިސްލާމް ދީނާއި ހިލާފު އަމަލުތައް ގިނަވެފައިވާކަމަށް ފާހަގަކޮށް، ޖަމީލުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒު ކުރިއިރު، ދާދި ފަހުން ގިނަ އަދަދެއްގެ މީހުން އެއްޖިންސުނު ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިގެންދިޔައެވެ. އަދި ދީނަށް ފުށޫ އަރާ ފަދަ ބައެއް ތަކެތި ޝާއިއުކޮށްފައިވާ ރިޕޯޓުތަކުގެ މައްސަލަތައްވެސް ރިޕޯޓު ކުރެވިފައިވެއެވެ.

