ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތަކީ ހަމައެކަނި މުޒާހަރާ ކުރުންތަ؟

އިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިންމާދާރު އިދިކޮޅު ސިޔާސީ ޚަރަކާތް ކުރިޔަށް ގެންދާނެ ކަމަށާއި، އަދި އެކަމުގެ ނަމޫނާ ދައްކާނެކަމަށް މިއަދު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން އިއުލާނުކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެގޮތުން އެ ވިދާޅުވި ނަމޫނާދެއްކުން ފެއްޓެވީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުމުން، ރިޔާސީ އިންތިޚާބުގެ ނަތީޖަ ބަލައި ނުގަންނަ ކަމަށްބުނެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެޔަކު ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރަން ފެށި އިހުތިޖާޖުންނެވެ.

އިދިކޮޅުން އަބަދުވެސް ހަރަކާތެއް ފަށަނީ ސިލްސިލާ ގޮތެއްގައެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާތަކެއް ނުވަތަ އެބޭފުޅުން އެ ވިދާޅުވާފަދަ ސުލްހަވެރި އެއްވުންތަކެއް ބާއްވައިގެންނެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުވައި ލެވި ހަޅޭކާއި، މަގުތައް މަތީގައި ދުވި ދުވުން މަޑުވުމަށްފަހު، ޕީޕީއެމް އަނެއްކާވެސް ހޭލީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރުމުންނެވެ. ހަފްތާ ބަންދުގައި ކާނިވާ ސަރަޙައްދުގައި ޖަލްސާ ބާއްވާ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް އޮފީސް ދޮރުމަތީގައި އިހުތިޖާޖުވެސް ކުރިއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން.

މަނީ ލޯންޑަރިންގެ ހުކުމުގެ ކުރިން ނޮވެމްބަރު 27 ވަނަ ދުވަހުގެ ރޭގައި ރައީސް ޔާމީންވެސް ވަނީ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންފައެވެ. ދެރަގޮތެއް ދިމާވިޔަސް ހިއްވަރުކޮށް، ޕާޓީގެ ހަރަކާތް ހުއްޓުމަކަށް ނުގެނެސް ފޯރިއާއެކު ކުރިޔަށް ގެންދިޔުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އެ މަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ފުރަތަމަ ދެތިން ދުވަހު ދެނަކާއި ދެނެއް ނެތި މަދު މީސްކޮޅަކާއެކު ނަމަވެސް މުޒާހަރާއަށް މަގުމައްޗަށް ނިކުމެ ޕާޓީ އޮފީސް ދޮރުމަތީ ދުވުނު ނަމަވެސް ފަހުން ލީޑުކުރަން ތިބި ބޭފުޅުން ބޭނުވެލެއްވީ ޕާޓީގެ އޮފީހުގެ މީޓިން ރޫމުގައި އޭސީ ތެރޭގައި ތިބެގެން ސިޔާސީ ވާހަކަ ދައްކާށެވެ. އަދި ޓީވީންނާއި ފޭސްބުކް މެދުވެރިކޮށް އެ ސަޅި ބައިސާ ދުރަށް ދައްކާށެވެ.

ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން ފެށި “އިންޑިއާ އައުޓް” ހަރަކާތަކީ އޭގެ ލާމަސީލު ނަމޫނާއެކެވެ.

ހަރަކާތުގެ އަޑު ފަޑުވެގެންދިޔައީ ވިއެއް ނުވީއެއް ނޭގިއެވެ. އަތޮޅުތެރޭގައި އާއިއެކު ކުރިއަށްގެންދިޔަ އިންޑިއާ އައުޓް މިހާރު ވީތަނެއްވެސް ނޭގެއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން ހުއްޓުވާފައިވާކަމެއް، އަދި ގާނޫނާއި ހިލާފުކަމެއް ނުކުރައްވާނެކަމަށެވެ. ރައީސް ސާލިހު ގަރާރެއް ނެރުއްވާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމުގެ ސިޔާދަތަށް ގެއްލުވާކަމެއްކަމުގައި ކަނޑައެޅުއްވި ނަމަވެސް އެއީ އުފެދުމުގައިވެސް ބާތިލް ގަރާރެއްކަމަށާއި އެހެންކަމުން ގަރާރަށް އަމަލު ނުކުރައްވާނެކަމަށްވެސް ވިދާޅުވީ ހަމަ އިދިކޮޅު ޕީޕީއެމްގެ ލީޑަޝިޕުންނެވެ.

ގަރާރަށްފަހުގައިވެސް ރައީސް ޔާމީންގެ ގެކޮޅުގައި އެއް ލައްކައަށްވުރެ އަގުބޮޑު “އިންޑިއާ އައުޓް” ޖެހި ބެނާއެއް ދަމާ އެ ބެނާ ފުލުހުން ނެގުމުން މައްސަލަ ކޯޓަށްވެސް ހުށައެޅިއެވެ. މާލޭ މަގުތަކަށް އިންޑިއާ އައުޓް ޖެހި ކަރުދާސް އަޅާ، ކާރެއް ފާރެއް ނުބަލާ އިންޑިއާ އައުޓް ތަންތަނުގައި ޖެހީވެސް، ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ އައޫތް ހުއްޓާލި ސަބަބެއްކަމަށް ފާހަގަކުރި ގަރާރަށް ފަހުއެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ދެމި އެއް ލައްކަ ރުފިޔާގެ ބެނާ.

މިލިއަނުން ހާހުން ހަރަދުކުރިކަމަށް އަދުރޭމެން ވިދާޅުވާ ހަރަކާތްތަކުގެ ކިކް ގެއްލެން ނަގަނީ މަދު ދުވަސްކޮޅެކެވެ. ހަތް އަހަރު ދުވަސް ވާންދެން ފިނިކޮޓަރީގައި ހިހޫތަނުގައި ތިބެގެން ބޮޑާވެފަ ތިބިގޮތަށް އެ ބޮޑާ ކަންމަތިން އަދިވެސް ނުވީއްލެނީ ކަންނޭގެއެވެ.

ހިތްވަރު ހުރީ ދުލުގައެވެ. އެ ތަޅުވާނެ ގޮތަކަށް ތަޅުވައެވެ.

އިދިކޮޅު ޒިންމާދާރު ޕާޓީއަކަށް ވާނަމޭ ބުނި މީހުން އެ ހަނދާންވެސް ނެތިއްޖެއެވެ. ހިބަރު ބާނަން ވަދު ދޫކޮށްފަ ހިބަރު ނުގަންނަނީސް ނަނު ދޫކޮށްލައެވެ.

ހަގީގަތަކީ އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ އަތުން ދައުލަތަށް ނަގާ ފައިސާއިން ހަރަދުކޮށް ޒިންމާތަކެއް މަތިކުރެވިފައި އޮންނަ ބައެއްކަމެވެ. ސިޔާސީ މަންފާ ދޫކޮށްލާ ޒިންމާދާރު މަސައްކަތްތަކެއްކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަކީ އިދިކޮޅުގައި އޮންނަ ސިޠާސީ ޕާޓީއެއްގެ ޒިންމާއެކެވެ.

އިންޑިއާ އާއި މި ސަރުކާރާއި ދެމެދު ގާތްގުޅުމެއް އޮތީތީ، އެގުޅުމާއިމެދު ރައްޔިތުން ސުވާލުއުފެދޭފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި މިއަދު މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކުގެ ހައްލަށް ވާސިލްވުމަށް މަސައްކަތްކުރަން އެބަޖެހެއެވެ. މަގުމަތިން ކަންކަން ހާސިލްކުރާ ބައެއްކަމަށް ނަން މަޝްހޫރު އެމްޑީޕީގެ، އެ ލަގަބު ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، އެކަށީގެންވާ އަމަލީ މަސައްކަތްތަކެއް ސަރުކާރާއި މަޝްވަރާކޮށް ކުރިއަށް ގެންދެވޭނެ މަގު ހޯދަން އެބަޖެހެއެވެ. ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކުން ކަންބޮޑުވުން ފާޅުކުރުން އެއީ ސަރުކާރުގައި މައްސަލަ ހުށައެޅުނީކަމަށް ބެލުމަކީ ގޯސް ވިސްނުމެއްކަން ގަބޫލުކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: