ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބުގައި ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާދަ ކުރެއްވުމުގެ ވިސްނުފުޅެއް ނުގެންގުޅުއްވާކަން ޔަގީންވެއްޖެއެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ނޫހަކަށް އިންޓަރވިއުއެއްދެއްވައި، ޝާހިދުވަނީ އެމަނިކުފާނުގެ ތާއީދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އޮތް ކަމަށް ފާހަގަކުރައްވާފައެވެ. ޝާހިދު ވިދާޅުވެފައިވާގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ސާލިހެވެ. އަދި އެ މަނިކުފާނުގެ ފުރަތަމަ ދައުރުގައި ކުރައްވާފައިވާ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަންނަކަމަށްވެސް ޝާހިދުވަނީ ވިދާޅުވެފައެވެ.
ޝާހިދު ދެއްކެވި ވާހަތަކުން ދެހަވާ ގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށް ވާދަކުރުމަށް ކަނޑައެޅިފައިވަނީ ރައީސް ސާލިހުއެވެ.
ދާދި ފަހުން ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅިފައިނުވާކަމަށް ރައީސް ސާލިހުވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީއިން ކެނޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކަށް ފަހުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެމްޑީޕީގެ އިސް ސަފުގައި ހުންނަވާ މިނިސްޓަރު ޝާހިދު ކުރެއްވި އިޝާރާތާއިއެކު، އެ ޕާޓީގެ ކެނޑިޑޭޓެއް ކަނޑައެޅިފައިވާކަމަށް ދޭހަވެއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް މިނިސްޓަރ ޝާހިދު، ރައީސް ސާލިހަށް ތާއީދު ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދ ނަޝީދު ވަނީ މިނިސްޓަރ ޝާހިދު ދިވެހިރާއްޖޭގެ ވެރިކަމަށް އައުމަށް ކުފޫ ހަމަވާކަމަށް ވިދާޅުވެފައެވެ. އަދި ޝާހިދު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ގެންގުޅުއްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

