ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި އުތުރުތިލަފަޅުގެ އަސްލު އެއްބަސްވުމެއް ނޯންނާނެ، އެ ހާމަ ކުރާނަން: ރައީސް ޔާމީން

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް އާދެވިއްޖެ ނަމަ މި ސަރުކާރުން އިންޑިއާއި އެކު އެކުލަވާލާފައިވާ އެއްބަސްވުންތައް އާއްމު ކުރާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެ، އެ ގައުމުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަސްވުންތަކެއް ދިވެހި ސަރުކާރާއި ދެމެދު އެކުލަވާލާފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ސިފައިންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިގު މުއްދަތަކަށް ތިބެވޭނެ ގޮތްތަކާއި، ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފައިވާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި މި މައްސަލައިގައި އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތްތަކަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް އާއްމު ކުރެއްވި އެވެ.

އެއްބަސްވުންތައް އާއްމު ކުރުމަށް ގޮވާލުމުން ސަރުކާރުން ބުނަމުން ދަނީ، އޭގައި ހިމެނެނީ ހިއްސާ ކުރެވޭނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ވާހަކަތަކެއް އެއްބަސްވުމުގައި ނެތް ނަމަ އެ ހާމަކުރުމުގައި އުނދަގޫތަކެއް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށް ރައީސް ޔާމީން ވަނީ ޑިބޭޓަކަށް ދިއުމަށް ވެސް ގޮވާލާފަ އެވެ.

“ސަންގު ޓީވީ” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، އެއްބަސްވުންތަކުގެ ބައެއް ބައިތައްކަމަށް ބުނެ އާއްމުވެފައި ވަނީ ތެދު ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން އެއްބަސްވުމުގައި ހިމެނޭ ކަންކަން ފާހަގަކޮށް ފޯރުކޮށް ދިނީ ސައްހަ މައުލޫމާތުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ޝައްކެއްވެސް ނެތް އިންގޭތޯ، ދިވެހި ރައްޔިތުންނަށް އިނގެންޖެހޭ މައުލޫމާތޫ މީ، އެހެންވީމަ މި މައުލޫމާތުތައް އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމުގައިވަންޔާ ރައްޔިތުންނަށް އިންގޭނެ”

އިދިކޮޅުގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްނަމަ، އެއްބަސްވުން ހާމަ ނުކުރަން ޖެހޭ ސަބަބެއް ނެތްކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެއްބަސްވުމެއްގައި ހިމެނޭ ވާހަކައެއް ހާމަކުރުން އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާން ނުޖެހޭ ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ސަރުކާރުގެ އޮތް ނަމަ، ގާނޫނުގައި ބުނާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން އޭގައި ހިމެނޭ ކަންކަމަށް ރުހުން ހޯދަން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވުމުން ހުށަހެޅުމުން ސިއްރު ކޮމިޓީއެއްގައި ޕަވާ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ޑިފެންސް މިނިސްޓްރީން ހުށަހެޅި އެވެ. އެ ކޮމިޓީއަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެ ސްލައިޑުތަކުގައި ހިމެނެނީ ސަރުކާރުން ދައްކަން ބޭނުންވި މަންޒަރެއް ކަމަށެވެ. އަދި އެދުވަހުގެ ކޮމިޓީގައި ހިއްސާ ކުރީ އެ އެއްބަސްވުމެއް ނޫންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެއްބަސްވުމެއް ލިބިފައި ނެތްކަމަށް މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްއެންޑީއެފް މެދުވެރިކޮށް އެ އެއްބަސްވުމުގެ ކޮޕީ މަޖިލީހުގައި އޮވެދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިއީ އެއްވެސް ހާލަތެއްގައި ސިއްރު ކުރަން ޖެހޭ އެއްބަސްވުމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ސަރުކާރުން އެކުލަވާލާ އެއްބަސްވުންތަކުގެ މައުލޫމާތުތައް ރައްޔިތުންނަށް އެނގެން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެން ކަމުން އެމަނިކުފާނަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެއްބަސްވުން ޙާމަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި އިންޓަވިއުގައި ވެސް ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއާއި އެކު ގުޅުމެއް ބޭއްވުމުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ގޯހީ، ވަކި ގައުމެއްގެ ފައިބުޑަށް ވެއްޓި ފަސްޓް ޕޮލިސީގެ ދަށުން މަސައްކަތް ކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: