މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިނީ ބަސް މަޝްރޫއުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އެކުންފުނިން ދޮގުކޮށްފި އެވެ.
މިނީ ބަސް ރާއްޖެއަށް ގެނައުމުގައި، އެމްޓީސީސީން ކޮރަޕްޝަނަށް މަގުފައިވާ އަމަލުތައް ހިންގާފައިވާކަމަށް ބުނެ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ސިއީއޯ އާދަމް އާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީކޮށްފަ އެވެ. އޮންލައިން ނޫސް ”ދިޔަރެސް“ ގެ ރިޕޯޓު ދޮގުކޮށް އެ ކުންފުނިން އާއްމު ކުރި ނޫސް ބަޔާނެއްގައި ބުނީ އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ އިސްތިރާޖީ ރޭވުންތައް ތަންފީޒު ކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން ފެށި މިނީ ބަހުގެ ހިދުމަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ރާއްޖެ ޓްރާސްޕޯޓު ލިންކު (އާރުޓީއެލް) މެދުވެރިކޮށް ދޭ ބަހުގެ ހިދުމަތް ބަދުނާމު ކުރުމުގެ ނިޔަތުގައި ގެނެސްދީފައިވާ ހަބަރުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީގެ ބަޔާނުގައި ވަނީ، އެ ހަބަރަކީ ކުންފުނިން ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާއްމު ދަތުރުފަތުރުގެ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި އޮތް އިތުބާރާއި ގަދަރު ފަނޑުކޮށްލުމަށް ބަޔަކު ކުރި މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް އޮތް އިރު، އޭގެއިން ބޭރުވެ ނޫސްގައި ގެނެސްދީފައިވާ ހަބަރަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެމްޓީސީސީން ސިފަ ކުރި އެވެ. އަދި އެކަމުގެ މަގްސަދަކީ، ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުންކަމަށް އެމްޓީސީސީން ބުންޏެވެ. އާއްމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަކަށް އެފަދަ ހަގީގަތާއި ހިލާފު ދޮގު ހަބަރުތައް ނުފެތުރުމަށް އެމްޓީސީސީން ވަނީ ގޮވާލާފަ އެވެ.
މި ބަޔާނުގައި އެމްޓީސީސީން ވަނީ އާއްމު ރައްޔިތުންގެ ފަރާތުން ކުންފުންނަށް އޮތް އިތުބާރާއި، މިނީ ބަހުގެ ހިދުމަތަށް ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

