އައްޑޫސިޓީ ހިތަދޫ އަދި ޅ ހިންނަވަރުގައި ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި، އެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި އިއްޔެ ހިންގި އޮޕަރޭޝަނަކީ އެ ރަށު ފަޅު ގޯއްޗެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އަދި އެ އޮޕަރޭޝަނުގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު އުމުރުން 24 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކާއި 41 އަހަރުގެ މ ީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުން މި މީހާ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 34 ސްލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން، ހިންނަވަރުގައި މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅުގައި އޮތް ދޯންޏަކުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ދޯނި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ
މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

