ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބު ކުރުމުން މަގާމުން އިސްތިއުފާ ދިނުމަކީ، ވޯޓު ދޭ ރައްޔިތުންގެ މޫނުމަތީގައި ކޮޅު ފައިން ޖެހުންފަދަ ކަމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނު (އީސީ) ގެ ރައީސް ފުއާދު ތައުފީގު ސިފަކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އީސީ ހާޒިރުކުރެވިފައިވާއިރު، ކޮމިޝަނުގެ ފަރާތުން ފާހަގަކުރައްވާފައިވަނީ ގާނޫނުގައި ހުރި ކަންތައްތަކުގެ ސަބަބުން ކޮމިޝަނުން ކުރުމަށް މަޖުބޫރުވާ ހަރަދުތަކުގެ ވާހަކައެވެ. އަދި އީސީގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަަގަކުރެއްވީ މަގާމުތަކައް ބޮޑު ހަރަދު ކޮށްގެން ހޮވާ ފަރާތްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމެވެ.
ފުއާދު ވިދާޅުވީ މިހާރު ބާއްވާ ބައި އިލެކްޝަންސްތަކަށް ހަރަދު ވާނެ ފައިސާ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގައި ހިމަނާފައި ނެތްކަމަށެވެ. އެހެންކަމުން މި އިންތިހާބުތައް ބާއްވަނީ ފިނޭންސް މިނިސްޓްރީގައި އެދިގެން އިތުރަށް ފައިސާ ހޯދައިގެންކަމަށް ވިދާޅުވިއެވެ. އާދައިގެ ގޮތެއްގައި ބާއްވާ ބައި އިލެކްޝަންތަކަށް އެކަނި ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވާކަމަށާއި އާބާދީ ބޮޑު ރަށްރަށުގެ ބައި އިލެކްޝަންތައް އާދަޔާ ހިލާފަށް ހަރަދު ބޮޑުކަމަށް ފުއާދު ފާހަގަކުރެއްވިއެވެ.
”މިސާލަކަށް އައްޑޫ ހިތަދޫ ދާއިރާގަ. އެ ދާއިރާ ބެހިފަ އޮންނަ ގޮތުން ވާ ގޮތަކީ ހުރިހާ މެންބަރުންނަކީވެސް ހަމަ މުޅި ހިތަދޫ ވޯޓު ލައިގެން ނެގިފަ ހުންނަ ގޮތަށް، ހިތަދޫގަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެންމެ ގޮޑިއެއް ހުސްވި ނަމަވެސް ގާތްގަނޑަކަށް 10 ވަރަކަށް ހާސް މީހުން ވޯޓު ލާނެ“
އެތައް ހާސް މީހުންނެއްގެ ތެރެއިން ކިތައްމެ މަދު ބަޔަކު ވޯޓުލާން ނިކުތް ނަމަވެސް ވޯޓު ލާ މީހުންގެ އަދަދަށް ވޯޓު ކަރުދާސް ޗާޕު ކުރަންޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައިވެސް ބައެއް މެންބަރުން ފާހަަގަކުރެއްވި ކަންބޮޑުވުމަކީ މިއީއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ވަނީ އިންތިހާބުތައް ބާއްވާ އެހިސާބުގައި މަންދޫބުން ކިތައްމެ ގިނަ އިރެއް ހޭދަކުރެއްވި ނަމަވެސް ވޯޓުލާނެ މީހަކު ނާންނަކަމަށް ފާހަގަކުރައްވާފައެވެ.
މީގެ ކުރީގައި ވޯޓު ކަރުދާހެއް ޗާޕު ކުރެވެނީ 39 ރުފިޔާއަށްކަން ފާހަގަކޮށް ފުއާދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރާ ފަރާތްތަކާއިއެކު އެތަކެއް މަޝްވަރާތަކެއްކޮށް މި އަދަދު މިހާރު 19 ރުފިޔާއަށް ދަށްކުރެވިފައިވާކަމަށެވެ. ހަރަދުތަކަށް ބަލައި، މިވެސް ބޮޑު އަދެއްކަމަށް ފުއާދު ވިދާޅުވި އެވެ.

