ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރު މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގައި ބައިވެރިވިކަން ސާބިތުވި ކުއްޖާ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ނުވަ އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅައިފި އެވެ.
އައްޔުބެއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ތިން ކުއްޖެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އޭގެ ތެރެއިން ދެ ކުއްޖަކަށް ދައުވާ ވަނީ ސާބިތުވެފައެވެ.
މި މައްސަލަ ނިމިފައި އޮތް ނަމަވެސް އައްޔުބެގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭތީ ޖުވެނައިލް ކޯޓުން އޭރު ނިންމީ އެ ކުއްޖާ ބޮޑު ވަންދެން އަދަބު ކަނޑައެޅުން ލަސްކޮށްލާށެވެ. އަދި އެ ކުއްޖާއަށް ހުކުމް ކުރެވެންދެން ދައުވާ ސާބިތުވި މީހުން ޖަލުގައި ބަންދުކުރާށެވެ.
އޭގެތެރެއިން އެއް ކުޑަކުއްޖަކާއި ގުޅޭ ގޮތުން މިދިޔަ އަހަރު ހައިކޯޓުން ނިންމާފައިވަނީ ކުށް ސާބިތުވިޔަސް އިސްލާމީ ޝަރީއަތުން އެކުއްޖާއަށް މަރުގެ އަދަބު ދެވެން ނެތް ކަމަށެވެ.
އެހުކުމަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ނިންމީ އެ ކުއްޖާއަށް ގާނޫނީ އަދަބެއްގެ ގޮތުން ހަތަރު އަހަރާއި ތިން މަހާއި ހަ ދުވަހަށް ޖަލަށް ލާށެވެ. އެކަމަކު، އެކުއްޖާ ވަނީ ޖަލުގައި 9 އަހަރު ހޭދަކޮށްފައެވެ.
އެހެންކަމުން ޖުވެނައިލް ކޯޓުން ނިންމާފައިވަނީ އެކުއްޖާ އަށް ދޭނެ އިތުރު އަދަބެއް ނެތް ކަމަށެވެ.
އެގޮތަށް ޖުވެނައިލް ކޯޓުން ނިންމުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކުއްޖާ ހުރީ ބަންދުން ދޫކޮށްލައިފައެވެ.
އެ މައްސަލާގައި ކުށް ސާބިތުވި ދެވަނަ ކުއްޖާ ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ މިނިވަންކޮށްފައެވެ.

