ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްތަކަށް އަރައިގަތުން ގިނަވަނީ ރައްޔިތުން ނިކަމެތި ކުރުމުގެ ސަބަބުން

މާލޭގެ މަގުތައް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައުގެ ތެރޭގައި ދީނާއި ހިލާފު އަމަލުތައް، ވައްކަމާއި މާރާ މާރީ އަދި މަސްތުވާތަކެއްޗާއި ގުޅިގެން ހުރި ކުށްތަކުގެ އިތުރުން މީހުން މެރުން ފަދަ ކުށްތަށްވެސް އާންމުވެއްޖެއެވެ.

ދިވެހިރާއްޖެއަކީ މުޅި ދުނިޔެމައްޗަށްވެސް އަމާން އޮމާން ގައުމެއް ގޮތުގައި މަޝްހޫރުވެފައިވާ ގައުމެކެވެ. ދާހިލީ ހަމަޖެހުމާއި މުޖުތަމައިގެ ތެރޭގައި އެންމެހާ ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުވެ ހަމަޖެހިގެން ދިރިއުޅެމުންދާކަމަށްވެސް ނަންވެފައިވާ ގައުމެކެވެ. އެހެން ނަމަވެސް މި އަލި ކުލަތަކުން ސިފަކޮށްފައިވާ މަންޒަރު މިއަދު އަނދިރި ކުލަތަކުން ލައްޖެހި ސިފަ ބަދަލުވާން ފަށައިފިއެވެ. ދިވެހިންގެ މި ރަނުގެ ޝަހުސިއްޔަތުގައި ދަބަރު ޖަހައި ވީރާނާވާން ފަށައިފިއެވެ.

ސަނީ ސައިޑް އޮފް ލައިފް ކުރިން ސިފަވެފައި ވަނީ ދޮންވެލި ބީޗުތަކާއި އުޑުމަތި ސާފު ދުވަސްތަކެއް ހޭދަކުރާ ތަނެއް ގޮތުގައި ނަމަވެސް މިހާރު ސިފަވަނީ ހޫނު ވަމުންދާ އަވަނެއްގެ ސިފައިގައެވެ. ކޮންމެ ކަމެއްވެސް ހޫނުވެ، ޕްރެޝަރު މައްޗަށް ގޮސް އަތަށް ގޮވައި ވަށައި ތިބި އެންމެނަށް އެކަމުގެ އަސަރު ކުރާ ހިސާބަށް ގޮސްފިއެވެ.

މިފަދަ ގޮތަކަށް ކަން ދިމާވާ ސަބަބަށް ބަލާއިރު، ކޮންމެ މީހަކުވެސް ބުނާނީ ރާއްޖޭގައި ކުށްތަކަށް އަރައިގަތުން ގިނަވުމުގެ ސަބަބުން މަންޒަރު ހަޑި ވަމުންދާކަމަށެވެ. އެހެން ނަމަވެސް ވިސްނުމުން ކައްސާލާފައިވާ ހަގީގަތަކީ، އެއްވެސް މީހަކީ ޖަލުގައި އަހަރުތަކެއް ހޭދަކުރުމަށް ހިތުލައިގެން ދުވަސް ފަށާނެއް ބައެއް ނޫންކަމެވެ.

އެއްވެސް މީހަކީ، ކުށަކަށް އަރައިގަނެ އެކަން ފަޅާ އަރައި މިފަދަ ކައިރި ކައިރިން ދިރިއުޅެމުންދާ ކުޑަ މުޖުތަމައެއްގެ ތެރޭގައި އެންމެންނާއި މޫނު ކެނޑެން ބޭނުންވާނެ މީހެއް ނޫނެވެ. އަދި އެއްވެސް މީހަކީ ފުލުހެއްގެ އަތް ދަށުވެ އަނިޔާތަކެއް ހޯދުމުގެ ނިޔަތުގައި ދުވަސް ފަށާނެއް މީހެއް ވެސް ނޫނެވެ. އެހެންނަމަވެސް ކޮންމެ ދުވަހެއްގައި ވެސް އެތައް ބަޔަކު ކުށްތަކަށް އަރައިގަނެ ހައްޔަރު ކުރެވޭތަން ފެނިގެންދެއެވެ.

ފެންނަ މަންޒަރު އިންތިހާއަށް ހިތާމަވެރިއެވެ. ކޮންމެވެސް މީހެއްގެ ދަރިއެއް މައެއް ބަފައެއް ކޮއްކޮއެއް ބޭބެއް އަދި ދައްތައެއް އާންމު ހަޔާތަކާއި އަލްވަދާއު ކިޔާ މަންޒަރު ފެނިގެންދާތީއެވެ. ކޮންމެވެސް ސަބަބަކާއި ހެދި އެފަދަ ދުވަހަކާއި ކުރިމަތިލާން މަޖުބޫރުވެފައިވާތީއެވެ. ހައްޔަރު ކުރެވި ކަސްތޮޅެއްގައި ގެންދަނީ ގައުމު ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ވާގިވެރިވެވޭނެ އަތްތަކެއް ކަމަށްވުމުންނެވެ.

މީހުން ކުށްތަކަށް އަރައިގަންނަކަން ކަށަވަރެވެ. އެހެން ނަމަވެސް މިހާރު މި އިވެމުންދާ އަދި ފެންނަމުންދާ މިންވަރަށް އަރައިގަންނަ ސަބަބަކީ ކޮބައިތޯ ވިސްނާލިންތޯއެވެ. ދިވެހިރާއްޖޭގައި މިފަދަ ކަމަކަށް ދިރާސާއެއް ހެދިފައިވާކަމެއް ނުވަތަ ނުވާކަމެއް ސާފުނުވާއިރު، ދުނިޔޭގެ އެކި ގައުމުތަކުގައި މި މައުލޫއަށް ބޮޑެތި ދިރާސާތައް ހެދިފައި އެބަ ހުއްޓެވެ.

އެ ދިރާސާތައް ބުނާގޮތުން ގައުމެއްގައި ކުށްތަކަށް އަރައިގަތުން އާންމުވެގެންދަނީ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ދަތިވުމުންނެވެ. ލިބޭ މަދު އާމްދަނީއާއި ދުވާލު އަދި މަހެއްގެ ތެރޭގައިވެސް ކުރަން މަޖުބޫރުވާ ހަރަދުތަކާއި ނުބައްދަލުވުމުންނެވެ. ކޮންމެވެސް ގޮތަކުން ތިމާ އަދި ބަލަދު އަރާ މީހުންގެ ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ފިލުވުމަށް ގޮތެއް ހޯދުމަށް މަޖުބޫރުވުމުންނެވެ. މިއީ އަޑު އެހުމަށް އުނދަގޫ ނަމަވެސް ހިތި ހަގީގަތެވެ.

އެއްވެސް މީހަކީ ހެއްދެވިއިރު މުޖުރިމެއް ނޫނެނެވެ. ކޮންމެ މީހަކުވެސް އުފަންވީ މައުސޫމެއްގެ ގޮތުގައެވެ. މީހާގެ ޒާތް ނިޔާކުރާނީ ހާލަތުންނެވެ. އެ މީހަކަށް ކުރިމަތިވާ މަޖުބޫރީތަކުންނެވެ.

ދުނިޔޭގެ ގައުމުތަކުގެ ދިރާސާތަކަށް ބަލާއިރު، ގިނައިން އާމްދަނީ ލިބޭ ފަރާތްތައް ނުވަތަ އެކަށީގެންވާ އާމްދަނީ ލިބޭ މުޖުތަމައެއްގެ ތެރޭގައި ކުށްތަކަށް އަރައިގަންނަ މިންގަނޑުތައް މަދުން އާމްދަނީ ލިބޭ މުޖުތަމައަކާއި އަޅާ ކިޔާއިރު ދަށެވެ. ސަބަބަކީ، ދެކޮޅު ޖެހޭ ވަރަށް އާމްދަނީ ލިބޭނަމަ ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކައި އެފަދަ މަގެއް ހިޔާރުކުރުން މަޖުބޫރުވެފައިނުވުމެވެ.

ދެކޮޅު ޖެހޭވަރަށް އާމްދަނީ ލިބޭ މުޖުތަމައެއްގައި ދަރިއެއް އަފަދަ ކަމެއް ކުރަމުންދާނަމަ، މައިންބަފައިން އަދި އާއިލާއިންވެސް އެކަން ހުއްޓުވައެވެ. އެހެންނަމަވެސް މަދުން ލިބޭ މުޖުތަމައެއްގެ އާއިލާއެއްގެ ތެރޭގައި މީހަކު ކުށަކަށް އަރައިގަންނަ ނަމަ، ލޯމަރާލައި އެކަމެއް ނުފެންނަކަމަށް ހެދުން ނުވަތަ ނޭނގޭކަމަށް ހެދުމަކީ މަޖުބޫރީގެ ތެރެއިން ފެނިގެންދާ މަންޒަރެވެ. މިއަދުވެސް އެކަމެއް ހުއްޓިއްޖެ ނަމަ ލިބެމުންދާ ހޯދުމަށް ދަތި އެކަމު ކުޑަ އާމްދަނީވެސް ނުލިބިދާނެތީއެވެ.

ކޮންމެ މީހަކުވެސް އެދޭނީ އެމީހެއްގެ ދަރިއެއް އެންމެ ފުރިހަމަ ގޮތުގެމަތިން ބޮޑު ކުރުމަށެވެ. ކޮންމެ ދަރިއަކުވެސް އެދޭނީ މައިންބަފަައިން ހިތް ރުއްސައި އެ މީހުންނަށް އުފާވެރި ދިރިއުޅުމެއް ބިނާކޮށްދިނުމަށެވެ. އެއްވެސް މީހަކީ އާއިލާ އަދި ރައްޓެއްސަކުވެސް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ދެކެން ބޭނުންވާނެ މީހުންނެއް ނޫނެވެ.

ތައުލީމު ހާސިލުކޮށް، ގާނޫނީ އިމުގެ ތެރެއިން ސާފު ސީދާ ދިރުއުޅުމެއް އުޅޭ މައިންބަފައިންތަކެއް ހުރި ދަރިއަކަށް އެ މައިންބަފައިން، ހަމަޖެހުމެއް ނުލިބި މާލީ ދަތިކަމުގެ ތެރޭ އުޅެ ދުނިޔެ އަޅައިގެންދާ މަންޒަރު ފެނުމުން ވާނީ ކިހިނެއްތޯ އެއްވެސްބަޔަކު ވިސްނާލިންތޯއެވެ.

އަދުގެ ޒުވާނުންނަކީ އިންތިހާއަށް ހޭލުންތެރި ބައެއް ކަމަށްވާއިރު، އެ ކުދިންގެ މައިންބަފައިނަށް ރީތި ދިރުއުޅުމެއް އުޅެގެން ރީތިގޮތުގައި ވަޒީފާއަކަށް ގޮސްގެން ވީ ފައިދާއެއް ނެތްކަމަށް ފެނިގެންދިއުމުން އެ މަގުން ހިނގަން ބޭނުމެއް ނުވާނެ ކަމާއިމެދު ޝައްކެއްވެސް ނެތެވެ.

މިއަދު ފެނިގެންދާ މަންޒަރަކީ ސާފު ސީދާ ދިރިއުޅުމެއް އުޅެ ބޮޑު ދަރަނި ބޮނޑިއެއް ނެގުމަށް ފަހު މީހާ ނިމިގެންދާ މަންޒަރެވެ. އެހެން ކަމުން އެ ނޫން މަގެއް ހިޔާރު ކުރުމަށް ކޮންމެ މީހެއްގެ ވިސްނުމަށްވެސް އަންނާނެއެވެ. އެފަދަ ވިސްނުމެއް އަންނަ ކޮންމެ މީހަކުވެސް ގާނުނީ އިމުގެ ތެރެއަށް ނަޒަރު ހިންގާލުމަށް ފަހު ކޮށާ މެށިފައި އޮތް ސީދާ މަގެއް ނުފެނިއްޖެ ހާލަތެއްގައި ޖަންޖައްޔެއްގެ ތެރެއިން ނަމަވެސް އަމިއްލަ މަގެއް ކޮށާނެކަން ކަށަވަރެވެ.

ރާއްޖޭގައި މިއަދު ކުށްތަކަށް އަރައިގަންނަ ވާހަކައިގެ އަޑުތައް ގަދަވަމުންދާއިރު، އެކަމާއި އެކޮށް އެއް ބާރުމިނެއްގައި އިވެމުންދާ ވާހަކައަކީ، ދަރަނި އިތުރުވެ، އިންފްލޭޝަން މައްޗަށްގޮސް، ތަކެތީގެ އަގު ބޮޑުވެ ރައްޔިތުން ނިކަމެތިވަމުންދާ ވާހަކައެވެ. ވަޒީފާތައް ހޯދުމުގެ މަގުސަދުގައި ބޮޑެތި ހަރަދުތައްކޮށްގެން ތައުލީމު ހާސިކޮށްގެން އަންނަ މީހާ ވަޒީފާތައް ނުހައްގުން ބަހާފައިވާތީ ވަންނާނެ ދޮރެއް ނުލިބިގެން އުޅޭ ވާހަކައެވެ.

އެހެންނަމަވެސް ދިވެހިން ނިކަމެތިވެ ކުށްތަކަށް އަރައިގަތުން އިންތިހާއަށް ގިނަވެފައިވާއިރު، އަދިވެސް އިވިގެންދަނީ އިތުރަށް ރައްޔިތުން ނިކަމެތިވެދާނެކަމުގެ ވާހަކަތަކެވެ. ރައްޔިތުންގެ އެއްވެސް އިހުތިޔާރެއް ނެތި އިތުރުވެފައިވާ ދަރަނިތަކެއް ދެއްކުމަށްޓަކައި ޓެކްސްގެ ގޮތުގައި ފައިސާތަކެއް ނަގަން އުޅޭ ވާހަކައެއެވެ. ބޭރުގެ ދިރާސާތައް ރާއްޖެއަށްވެސް ފެތޭކަން ސާފުވާއިރު، އިތުރަށް ނިކަމެތިވެދާނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި އެކު ރާއްޖޭގެ ކުރިމަގު ސިފަވަނީ ބަނަކޮށެވެ.

ސިފަވާ މަންޒަރުގެ ތެރޭގައި ކިތަންމެ އަލި ކުލަތަކެއް ހުރި ނަމަވެސް، ވެރިވެފައިވާ ނިކަމެތިކަމުގެ އަނދިރިކަމުގެ ސަބަބުން ބިރުވެރި ގޮތެއްވެސް ހުރެއެވެ. ކޮންމެ ގައުމެއްގެ ކުރިމަގު ވެސް އަލިވިލޭނީ ރައްޔިތުންގެ ހިނުތުންވުމުންކަން ކަށަވަރެވެ.

ރައްޔިތުންގެ ހިނިތުންވުން ފެނިގެންދާނީ މާލީ ހަމަޖެހުމާއި މުޖުތަމެއްގެ ރައްކައުތެރިކަން ކަށަވަރުވެގެންނެވެ. ގައުމެއްގެ ވެރިން އަގުބޮޑު ކޯޓު ފަޓުލޫނުތައް ތުރުކުރައްވައިގެން ބޭރު ގައުމުތަކަށް އެކި ނަން ނަމުގައި ފުރާވަޑައިގަތުމަށް ކުރާ ހަރަދުތަކުގެ ބަދަލުގައި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ހޭދަ ކުރުންވެސް މިވަގުތު ބުއްދިވެރިއެވެ. ގައުމަކަށް ފުރާ ވަޑައިގެން ރައްޔިތުންނަށް ވާފައިދާއެއް ނެތެވެ. ހުރިތާ ހުއްޓަސް ދިވެހިރާއްޖެ ފަދަ ގުދުރަތީ ޖަވާހިރަކަށް އިންވެސްޓުކުރާނެ މީހުންވާނެއެވެ. ގައުމެއް ބިނާ ކުރެވޭނީ ރައްޔިތުން އަތު ތެރެއިން ކަމަށްވުމުން، ގައުމެއްގެ ސަރުކާރުން ރައްޔިތުން ބިނާ ކުރުން މުހިންމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: