ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ހަމަނުޖެހުން ހިނގީ ފަތުވާ މަޖިލިސް ހުސްކަމެއްގައި އޮތުމުންކަމަށް މިނިސްޓަރަށް ގަބޫލެއް ނުކުރެވޭ!

ޔޯގާ ހަރަކާތާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދިރާސާކުރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ހިޔާލުތަފާތުވުންތައް އުފެދޭ މައްސަލަތަކުގައި، ރައުޔު ނެރޭ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބަދަލުގައި ފިގުހު އެކަޑަމީއެއް އެކުލަވާލަން މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް އެކަޑަމީގެ މަސައްކަތްތައް ފެށެން ދެން ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ރާއްޖޭގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމައި ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ. މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު، ހަރަކާތް ކުރިޔަށް ގެންދަނިކޮށް ކުއްލިއަކަށް ދަނޑުގެ ތެރެއަށް ވަދެގަނެ އެތަނުގައި ތިބި މީހުންނަށް ޔޯގާ ކުރިޔަށް ގެންދަން ހުރަސް އެޅި އެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށް، ޓެރަރިޒަމްގެ ތުހުމަތުގައި ތިބީ ބަންދުގަ އެވެ. އަދި ބައެއް މީހުން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލި ނަމަވެސް ތަހުގީގު ދަނީ ކުރިޔަށެވެ. ސަރުކާރާއި، ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާ މި މައްސަލަ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

ޔޯގާޑޭގެ ހަމަނުޖެހުން މައްސަލައިގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުމުގައި، އިސްލާމީ ފަތުވާ ދޭ މަޖިލިސް އެކުލަވާލުމާއި ގުޅޭގޮތުން ސުވާލު ކުރެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. ތޯރިގު ކުރެއްވި ސުވާލުގައި ޔޯގާޑޭ ހަރަކަތުގެ ސަބަބުން ނިކުމެދާނެ ނަތިޖާތަކަށް ބަލައި ފުލުހަށް މިނިސްޓްރީން ފޮނުވި ސިޓީގައި ހިމެނޭ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށްދޭން އެދުނެވެ. އަދި މައްސަލަ ފެންމަތިވެގެން އައީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް ގަނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައިކަން ފާހަގަކޮށް، ތޯރިގު ވަނީ އެ މަޖިލީސް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

ފުލުހުންނަށް ފޮނުވިކަމަށް ބުނާ ސިޓީއަކީ، މިނިސްޓަރަށް ނޭނގި ތަނުގެ އާއްމު މުވައްޒަފަކު ފޮނުވި ލިއުމެއްކަމަށް ވުޒާރާއިން ބުނެ އެވެ. އަދި މިނިސްޓަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަނީ ވެސް އެ ސިޓީގެ މައްސަލައިގަ އެވެ. ނަމަވެސް ކޮމިޓީގައި މެމްބަރުންގެ ކަންބޮޑުވުމަކަށް ވީ، މިނިސްޓްރީން މިކަމުގައި ވަކި ގޮަތަކަށް އަމަލު ނުކުރުމާއި ޔޯގާއާއި މެދު މައުލޫމާތެއް ދިނުމަށް އެއްވެސް މަސައްކަތެއް ނުކުރުމެވެ.

މިއަދުގެ ކޮމިޓީގައި، ޑރ. ޒާހިރު ވިދާޅުވީ 2015 ފެށިގެން ޔޯގާ ކުރިޔަށް ގެންދިއުމާއި މެދު އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުމާއި ދެބަސްވުން އޮތް ކަމަށެވެ. އެގޮތުން ބައެއް އިލްމުވެރިން ޔޯގާއަކީ ކަނޑައެޅިގެން ހަރާމްކަމެއްގެ ގޮތުގައި ވިދާޅުވާއިރު އަނެއްބައި އިލްމުވެރިންގެ ނަޒަރުގައި ޔޯގާ ކަނޑައެޅިގެން ހަރާމްކަމަށް ބުނެވެން ނެތެވެ.

ތޯރިގު އިޝާރާތް ކުރެއްވި ސިޓީގައި ފަތުވާ މަޖިލީހުގެ އެއްވެސް ރައުޔެއް ހިމަނާފައި ނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގާނޫނުގައި ވެސް އޮންނަ ގޮތަކީ ހިޔާލުތަފާތުވުން އުފެދޭ ދީނީ މައްސަލަތަކުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދުމަށް ފަހު މިނިސްޓްރީން އެ އާއްމު ކުރުން ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ ފަތުވާ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. ނަމަވެސް ކުރިޔަށް ގެންދަނީ އެ މަޖިލީހުގެ ބަދަލުގައި ފިގުހު އެކަޑަމީއެއް އެކުލަވާލުމަށްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ފިގުހު އެކަޑަމީގެ މަސައްކަތްތައް ފެށެންދެން ނުވަތަ ތަންފީޒު ކުރެވެން ދެން ފަތުވާ މަޖިލީހެއް އޮންނަން ޖެހޭކަމަށް ދެކޭތީ މެމްބަރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ފިގުހު އެކަޑަމީ އެކުލަވާލުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭއިރު އެކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެމެދު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފިގުހު އެކަޑަމީގައި ތިބެނީ ފަސް މެމްބަރުން ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުން މިވަގުތު ހުރި ވިސްނުމަކީ 20 މެމްބަރުންގެ އެކަޑަމީއެއް އުފައްދައި ދިރާސާ ކުރެވޭނެ މަގެއް ހޯދުމެވެ. އަދި ގިނަ މެމްބަރުންނަށް ދިރާސާގައި ބައިވެރިވެވުމުގެ ސަބަބުން އޭގެއިން ނިކުންނަ ނަތީޖާ ވެސް ރަނގަޅުވާނެކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

ފިގުހު އެކަޑަމީއެއްގެ މަސައްކަތުގެ ވާހަކަތައް ފާހަގަކުރެއްވި އިރު، އެންމެ ފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވިދާޅުވީ އެފަދަ ވާހަކައެކެވެ. ނަމަވެސް އެ އެކަޑެމީ އެކުލަވާލެވެން ދެން، ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނު ކުރާނެތޯ ނުވަތަ ނޫންތޯ އޭނާ ސާފުކޮށް ނުދެ އެވެ. ފަތުވާ މަޖިލިސް ހުސްކޮށް އޮތް ސަބަބާއި، ޔޯގާ ހަރަކާތަށް ފަހު އެތަނަށް މެމްބަރުން އައްޔަނު ނުކުރާ ސަބަބާއި ގުޅޭގޮތުން ނޫސްވެެރިއެއް ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ފިގުހު އެކަޑަމީއެއް އެކުލަވާލަން ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ، އެހެންކަމުން ފަތުވާ މަޖިލިސް އުވަލުންތޯ ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ދެތަނުގެ ވެސް އޮންނާނީ ދާތީ އެއް މައްސަލަތެއް ކަމަށެވެ. އެހެންކަމުން، މިއީ ނަން ބަދަލު ކުރުންތޯ ބެލެވިދާނެތޯ ވެސް ބައެއް ނޫސްވެރިން ތަރުޖަމަނާއި ސުވާލު ކުރި އެވެ.

ޔޯގާ ދުވަސް ފާހަގަކޮށް އެކަމުގެ ހަރަކާތްތައް ސަރުކާރުން ކުރިޔަށް ގެންދިއުމުން ވެސް، އެކަމާއި ގުޅުވައި ފަތުވާ މަޖިލީހުގެ ބަހެއް ނުލިބުނީ އެ މަޖިލީހުގެ މެމްބަރުން ނެތުމުގެ ސަބަބުން ކޯރަމް ހަމަނުވާތީ އެވެ. ގާނޫނުގައި ބުނާ ގޮތުން ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި ހުރިހާ މެމްބަރުންގެ ވެސް ދައުރު ހަމަވެ، މިވަގުތު ހުންނެވީ ފަތުވާ ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމެވެ.

ފަތުވާ މަޖިލީސް އެކުލަވާލަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މަޖިލީހުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހަތަރު މެމްބަރަކާއި، މިނިސްޓަރުގެ ލަފާގެ މަތީން އައްޔަނު ކުރާ މެމްބަރެކެވެ.

މިއަދުގެ ކޮމިޓީގައި ޑރ. ޒާހިރު ވިދާޅުވީ މިއީ ކުރިން ވެސް ހިޔަލާތުފާތުވުން އޮތް މައްސަލައެއްކަމަށާއި، މިއީ ފަތުވާ މަޖިލިސް ނެތިގެން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ގޮތުގައި އޭނާގެ ނަޒަރުގައި ބުނެވެން ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: