ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ތަފާތު ވެރިއެކެވެ. އެހެނިހެން ހުރިހާ ވެރިންނަކީވެސް އިދިކޮޅުގެ ފާޑުކިޔުންތައް އަމާޒުވި ބަޔަކަށްވީއިރު، އެމަނިކުފާނު ތަފާތުވާ އެއް ސަބަބަކީ، ޕާޓީގެ އިސް މެމްބަރުން ވެސް އެމަނިކުފާނަށް އެކި ދަނޑިވަޅުތަކުގައި ފާޑުކިޔުންތައް އަމާޒު ކުރަމުން ދާތީ އެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށްވީ ހިނދު، އެންމެ ފުރަތަމަ ރައީސް ސާލިހަށް އަމާޒުވި ފާޑުކިޔުންތަކުގެ ތެރޭގައިވެސް ދީނާއި ގުޅުވައި އަމާޒުވި ފާޑުކިޔުންތަކެއް ހިމެނެއެވެ. ރައްޔިތުންގެ ނުރުހުން އަމާޒުވި އެމްޑީއެންގެ ރިޕޯޓު ވެސް އާއްމު ކުރީ އެމަނިކުފާނުގެ ބެލެނިވެރިކަމުގެ ދަށުގައި ސަރުކާރު އޮއްވާއެވެ.
އޭގެ ފަހުންވެސް އެތައް ރިޕޯޓެއް އާންމުވެއްޖެއެވެ. އެންމެ ފަހުން އާންމުވީ ހޯޕް ފޯ ވިމެން ކިޔާ ޖަމިއްޔާއަކުން އާންމު ކުރި ރިޕޯޓެކެވެ. އެ ރިޕޯޓުގައިވެސް ދީނަށް އަމާޒުކޮށް ފާޑުކިޔުންތަކެއް ހުއްޓެވެ. އެހެންނަމަވެސް މިއަދާއި ޖެހެންދެން ފިޔަވަޅެއް އެޅި ތަނެއް އަދި އެކަންކަމާއި ގުޅުވައި ބަހެއް ވެސް ވިދާޅެއް ނުވެ އެވެ.
މި ހުރިހާ ރިޕޯޓެއް އާންމުވެ ރައްޔިތުން ނުތަނަވަސްް ކަމެއްގެ ތެރޭގައި ދުވަސްތަކެއް ހޭދަ ކުރަމުންދިޔައިރު، އިތުރު އެތައް ކަމެއްވެސް ވެއްޖެއެވެ.
އެންމެ ގިނައިން މި ސަރުކާރުން ދައްކާ އެއް ވާހަކައަކީ، ހަރުކަށި ފިކުރުގެ ވާހަކައެވެ. އެކަމާއި ދެކޮޅަށް މަސަައްކަތްތަކެއް ކުރަންޖެހޭ ވާހަކައެވެ. އެގޮތުން ސަރުކާރުން ބާރުވެރި ކުރުވާފައި ހުންނަ ޖަމިއްޔާއަކުން ކުރިއަށް ގެންދިޔަ “ހަފްތާރެސް”ކިޔާ ޕްރޮގްރާމެއްގައި ސުކޫލު ކުދިން ހަރުކަށި ފިކުރަށް ގޮސްދާނެކަމަށް ފާހަގަކުރުމަށް ބޭނުންކުރާ ސިފަތަކެއް ކިޔައިދިން ދަނޑިވަޅުގެ ފޮޓޯއެއް އާންމުވިއެވެ.
”ހަފްތާރެސް“ ގައި ކިޔައިދިން ސިފަތައް ވަރަށްވެސް ހަމަނުޖެހެއެވެ. ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ހިމެނޭ ލިސްޓުގައިވާގޮތުން، ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަމަކީ، އެފަދަ އަލާމާތްތަކެކެވެ. މިއާއި އެކު ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރެއް ކަމަށްވާ، ޑރ ޝައިހު ޝަހީމް އަލީ ސައީދުވަނީ މިއީ ފިކުރީ ހަނގުރާމައެއްގެ ތެރެއިން ކުރެވެމުން އަންނަ މަސައްކަތްތަކެއް ކަމަށް ސިފަކުރައްވާފައެވެ.
ދީނާއި ގުޅުވައި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކަންކަން ފާހަގަކުރެވިގެންދިޔައިރު، އެންމެ ފާހަގަކުރެވޭ އަތި ތާރީހީ އެއް ކަމަކީ، ޔޯގާ ޑޭގެ ހަމަނުޖެހުމެވެ. ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ހަމައެކަނި ރައީސް ސާލިހުގެ ސަރުކާރުން ނޫންނަމަވެސް އެފަދަ ކަމަކާއި ގުޅުވައި ރައްޔިތުންގެ ތެރޭގައި މިވަރުގެ ރުޅިވެރިކަމެއް އުފެދިފައިވަނީ މި ސަރުކާރުގައެވެ. އިސްވެ ބަޔާންކުރެވުނު ސަބަބުތަކާއި ގުޅިގެންނެވެ.
ޔޯގާޑޭގެ ހަމަނުޖެހުން ހިނގައިދިޔައީ ސަރުކާރުގެ އިހުމާލުންނެވެ. ރަސްފަންނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި ޕްރޮގްރާމެއް ރައްޔިތުންގެ އެދުމުގެ މަތިން އެތަނުގައި ކުރިއަށް ގެންދިއުމަށް ޖާގަ ނުދިނުމުން، އެކަން ދެން ކުރިއަށް ގެންދިޔައީ ގަލޮޅު ދަނޑުގައެވެ. ގަލޮޅު ދަނޑު ވަށައި ރައްޔިތުންތަކެއް އެކަމާއި ދެކޮޅަށް އަޑު އުފުލައި އިހުތިޖާޖު ކުރަމުންދިޔަ އިރުވެސް ހުއްޓުމުގެ ވިސްނުމެއްނެތެވެ. ނަތީޖާއަކަށްވެގެންދިޔައީ ރުޅި އިތުރުވެފައިތިބި ރައްޔިތުންތަކެއް އެތަނުގެ ތެރެއަށް ވަދެ، ބޮޑު ހަމަނުޖެހުމެއް ހިނގުމެވެ. ބައިނަލްއަގުވާމީ އެތައް މަގާމުތަކެއް ތަމްސީލު ކުރާ ބަޔަކު މީހުންގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓިގެންދިއުމެވެ.
ހަމަނުޖެހުމާއި ގުޅިގެން އެތައް ބަޔަކު ހައްޔަރު ކުރި އިރު، ބޭއިންސާފުން ޝައިހުންތަކެއް ހައްޔަރު ކުރިކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ޝައިހުން ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖުކޮށް އަޑު އުފުލާފައެވެ. މިހާރު ޝައިހުން ދޫކޮށްލާފައިވާނަމަވެސް އަދިވެސް ހައްޔަރުކޮށްފާނެކަމުގެ ބިރުއެބަ އޮތެވެ. މިކަމާއި ގުޅިގެން ރައީސް ސާލިހު އަދި ސަރުކާރަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ، ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތް ދީ ގައުމު ދޫކޮށް ފުރައިގެންދިއުމަށް ފުރުސަތު ދެމުންދާއިރު، ދީނުގެ ދިފާއުގައި ނުކުންނަ ރައްޔިތުން ހައްޔަރު ކުރާ ކަމުގެ ތުހުމަތެވެ.
މި މައްސަލައާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ތެރޭގައިވެސް ކޯޅުތަންތަކެއް ހިނގިއެވެ. އަދި އެ ވާހަކަތަކުގެ ސްކްރީން ޝޮޓުތަކެއްވެސް އާންމުވިއެވެ.
ދިވެހި މުޖުތަމައުގެ ތެރޭގައި ބަޔަކު މީހުން އިސްލާމްދީނާއި ދެކޮޅު އެތައް ކަމެއް ކުރަމުންދިޔަ ނަމަވެސ އެފަދަ އަމަލެއް ހިންގި މީހެއްގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅި މަންޒަރެއް ދިވެހި ރައްޔިތަކަށް ނުފެނެއެވެ. އެންމެ ފަހުންވެސް އެފަދަ އަމަލެއް ހިންގަމުންދިޔަ މީހެއްގެ ހުރިހާ މައުލޫމާތެއް ފުލުހުންނާއި ހިއްސާކުރީ މީޑިއާއަކުން ކަމަށްވާއިރު، އެނާގެ މައްސަލަވެސް ބަލަން ފެށުނީ ފުރައިގެންދިޔަ ފަހުންނެވެ. ފުރަން އެއަރޕޯޓާއި ހިސާބަށްވެސް ދިޔައީ ފުލުހުންގެ ހިމާޔަތާއި އެކުއެވެ.
މިފަދަ އެތައް ކަމެއް ފާހަގަކުރެވޭއިރު، ދެން ފެންމަތިވީ ތާރީހީ ގޮތުން ރާއްޖޭގައި ކުރިމަތިވި އެންމެ ލަދުވެތި އެއް މައްސަލައެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން، ބަންގްލަދޭޝް ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވިއެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުން ހިމެނިފައިވާއިރު، ސަރުކާރުގެ މުއައްސަސާތަކާއި ރާއްޖޭގައި މުހިންމު ޒިންމާތަކެއް ހަވާލުވެގެންތިބި މީހުންވެސް ހިމެނެއެވެ.
އެންމެ ފުރަތަމަ އާންމުވި ވީޑިއޯތަކުގެ ތެރޭގައި ރައީސް ސާލިހުގެ ގާތް އަހެއްކަމަށްވާ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯ ހިމެނެއެވެ. އެހެންކަމުން މައްސަލަ ހޫނުވެ ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ގޮވާލީ މި އަމަލުތައް ހިންގަމުންދިޔަ މީހުން ހައްޔަރުކޮށް، ހަރުކަށި އަދަބުތަކެއް ދިނުމަށެވެ. އެފަދަ ނުބައި ކަމެއް ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރުމަށް ޖާގަ ނުދިނުމަށެވެ. ބައްޔެއް ފެތުރިފައިވޭތޯ ބެލުމަށްވެސް ރައްޔިތުން ގޮވާލިއެވެ.
ރައްޔިތުންނާއި އިދިކޮޅު މައި ޕާޓީގެ ޕްރެޝަރާއި އެކު އެ އަމަލުތައް ހިންގުމުގައި ޝާމިލުވި މީހުން ހައްޔަރު ކުރިނަމަވެސް ކަނޑައެޅިގެން ދީނާއި ހިލާފު އަމަލުތަކެއް ހިންގި މީހުންގެ ތެރެއިން އެއް ބަޔަކަށް ދިނީ މާރުކޭޓުން ރިހާކުރު ފުޅި ވަގަށް ނެގި މީހާއަށްވުރެވެސް ލުއި އަދަބެކެވެ.
އެއް ބަޔަކު ކުރު މުއްދަތައް ޖަލަށް ދިއުމަށް ހުކުމް އިއްވި އިރު އަނެއް ބަޔަކަށް އިއްވި ހުކުމެކޭ ގޭގައި އޮވެ ހޭދަ ކުރާ ޗުއްޓީއެކޭ ތަފާތެއް ނެތެވެ. ފެނިގެންދިޔައީ ”ސެލެކްޓިވް ޖަސްޓިސް“ އެވެ. އިދިކޮޅުންނާއި އާންމު ފަރުދުންވެސް ފާހަގަކުރާ ގޮތުން، މިކަމުގެ ސަބަބުން ޒުވާން ޖީލުތަކަށް ލިބިގެންދަނީ ނުބައި މެސެޖެކެވެ. އެހެން ނަމަވެސް މިއަދު އެ މައްސަލަވެސް ވަނީ ނިމިފައެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީ ނަމަވެސް އެފަދަ އަމަލެއް ހިންގުމަކީ އެވަރުގެ މައްސަލައެއް ކަމަކަށް ނުވިއެވެ. މައްސަލައިގައި ހައްޔަރު ކުރި އެކަކު މަގުމަތީގައި ހެވިފައިހުރި މަންޒަރު ހުރިހާ ދިވެހި ރައްޔިތުންނަވެސް ފެނިއްޖެއެވެ.

