ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށައަޅުއްވައިދެއްވީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް އެވެ،
ގާސިމް ހުށައެޅުއްވި ބިލުގައި ވާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންނަށް ދޭ އެލަވަންސްތަކުގެ ތެރެއިން ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.
ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމެއް ހަމަޖައްސައި ގާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.
ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައެޅުން ވެސް ހިމެނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކޮށް މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެމަގާމަަށް ކުރިމަތިލެވޭނެ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނުން ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
ދަށު ކޯޓް ތަކުގެ އިސްލާހުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތެއްނަމަ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ މާއްދާ އިސްލާހުކުރުމުގައި އެ މާއްދާގެ (ރ) ގެ (3) ވަނަ ނަމްބަރު އެހެން އޮތްކަމުގައިވީނަމަވެސް، ދަށު ކޯޓްތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކު، އެއިން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާނަމަ އޭނާ އަކީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއް ކަމުގައި ބަލަންވާނެއެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) އަށް އިސްލާހުގެނައުމުގައި 26 ވަނަ މާއްދާގެ ގެ (ށ) ގައި އެހެން އޮތްކަމުގައިވީނަމަވެސް މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 70 އަހަރު ފުރުމުން، އެމީހަކަށް ލިބިދޭނީ އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ)ގެ ދަށުން އުމުރުން 70 އަހަރު ފުރުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައެޅޭ އިނާޔަތްތަކެވެ. އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ދަށުން ފަނޑިޔާރެއްގެ އުމުރުން 65 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، އެ ފަނޑިޔާރަކަށް ލިބިދޭ އިނާޔަތްތަކަށްވުރެ މި މާއްދާގެ ދަށުން ލިބިދެވޭ އިމްތިޔާޒުތަކާއި އިނާޔާތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 65 އަހަރުވުމުން، އެމީހަކަށް ލިބިދޭނީ މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަނޑައެޅޭ އިނާޔަތްތަކެވެ.
ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭނެއެވެ. އަދި ފަނޑިޔާރެއްގެ އުމުރުން 65 އަހަރުވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައަޅައި، ޖޭއެސްސީއިން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލައަށް މަގާމުން ވަކިކުމުގެ ފުރުސަތު ލިބިގެންވެއެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 65 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެކޮމިޝަނަށް ލިބިގެންވެއެވެ.
ފަނޑިޔާރުންނަށް މެޑިކަލް ސްކީމެއް ހަމަޖައްސައި އެ ސްކީމްގެ ދަށުން ކޮންމެ ފަނޑިޔާރަކަށާއި އޭނާގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އޭނާގެ މައިންބަފައިންނަށް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ގޮތް ދައުލަތުގެ ހަރަދުގައި ހަމަޖެއްސުން ހިމެނެއެެވެ.

