ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހުރުވެރި ދިވެހި އާއިލާތައް އަދިވެސް އޮތީ މެނިފެސްޓޯގައި، ގައުމަކު ނެތް!

ރައީސް އިބްރާހިމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި ހަމަ އިސްކޮޅަށް ތެދުވެތިބި ދިވެހި ޢާއިލާ އަކީ ޙަޤީޤަތަކަށް ހެދުން މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުވަތަ އެމްޑީޕީ ސަރުކާރުގެ ގުޅިފައިވާ ސިޔާސީ ޕާޓީގެ މެނިފެސްޓޯއިން ފެންނަ ކަންތައްތަކެވެ.

އަޑު އަހާލަން ފަސޭހަ ކަންތައްތަކެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެމްޑީޕީ އިން ރައްޔިތުންނަށް ވިއްކި މޮޅެތި ސްލޯގަންތަކެވެ. މިއަދު ރާއްޖޭގެ ހާލަތާއި، އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތައް އޮތީ ދިމާ އިދިކޮޅަށެވެ.

އެންމެހައި ފަރުދުން މާތް ﷲ ފިޔަވައި ޖެހިލުންވާ، ނޫނީ ދަރަނަވެރިވާ ފަރާތެއް ނުވާނެފަދައިން މުޅި ޤައުމީ ނިޒާމު ބައްޓަންކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމުގައިވާއިރު، މިއަދު އިވޭ އަޑަކީ ނުވިހާ ދަރީގެ ބޮލުގައިވެސް ދަރަނި އަޅުވާފައި އޮތްކަމުގެ ވާހަކައެވެ. އަދާ ކުރާ އާދައިގެ ވަޒީފާއިން އުއްމީދުކުރާ، ހުވަފެންދެކޭ ދިރިއުޅުން ބިނާކުރަން އެކަށޭނެ އާމްދަނީއެއް ނުލިބެއެވެ. މިނިމަމް ވޭޖް ކަނޑައަޅާ، މުސާރައަށް އެއްހާސް ދެހާސް ރުފިޔާ އިތުރުވީ ނަމަވެސް، އެއީ ފުދޭ މިންވަރެއްނޫނެވެ. ދެން ޖެހެނީ ދަރަނިވެރިވާށެވެ. ވިޔަފާރިއެއް ނަމަވެސް އަދި އެނޫންވެސް އަމިއްލަ މަސައްކަތެއް ފެށުމަށްޓަކައި އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ، ލޯނު ނަގާށެވެ. ގައުމުގެ ހާލަތު އޮތް ގޮތުން، އަމިއްލަ މަސައްކަތެއް ފެށި ނަމަވެސް ވަނީ ބަނގުރޫޓެވެ. ނެގި ދަރަނި ނުދެއްކި، ދެން ޖެހެނީ އަތުގައި ހުރި ހަރުމުދާ ވިއްކާށެވެ. ދައުލަތަ ްދަރަނިވެރި ކުރުވީ ހަމައެކަނި މިސަރުކާރެކޭ ބުނަނީއެއް ނޫނެވެ. މިއީ ނިދިމިދިޔަ ހުރިހައި ސަރުކާރެއްގެ ވެސް ހާލަތެވެ. ކަންކަން ކުރަމުން އަންނަ ގޮތުގެ ނަތީޖާއެވެ.

ސަރުކާރުން ކުރާ ހަރަދުތައް ފޫބައްދަން، ނުވަތަ ދަރަނި ދައްކަން ފަހުރުވެރި ދިވެހި އާއިލާތަކުގެ އަތްމަތި ހުސްކުރާ ވާހަކަ މިއީ މިއަދު އާންމު ވާހަކަތަކެކެވެ. ސަރުކާރުން ދިވެހި އާއިލާތަކަށް ދޭ ފައިސާއިން ނުފުދިގެން އުޅޭއިރު، ސަރުކާރަށް ދިވެހި އާއިލާތަކުން ނަގާ ފައިސާ މާ ބޮޑެވެ. އަދިވެސް މަޝްވަރާތައް ކުރަނީ އެ އަދަދު ބޮޑުކުރުމަށެވެ.

ލިބިހުރި ހުނަރާއި ކުރާ މަސައްކަތުގެ ހަމައަގު ލިބި، ނަޒާހާތްތެރިކަމާ ޤަދަރުވެރިކަމާއެކު ގޭބިސީގެ ޚަރަދުބަރަދު ހަމަޖައްސައި ބާކީ ރައްކާކުރާ ޢާއިލާތަކެއް ކަމުގައި ހެދުމަށް މަގުފަހިކުރުން މިއީ މެނިފެސްޓޯއިން މިއަދުވެސް ފެންނަން ހުރި ކަންތައްތަކެވެ. ނަމަވެސް މިއަދު މަތީ ތައުލީމު ހާސިލްކޮށް، އެތަކެއް ސެޓިފިކެޓެއް ހޯދައިގެން އަންނަ ހުނަރު ހުރި ކުއްޖާ އަށްއަދާކުރާނެ ވަޒީފާއެއް ނޯވެއެވެ. ވަޒީފާ ލިބި، މުސާރަ ކަށަވަރު ވަނީ ސަރުކާރަށް ސަނާ ކިޔާ، ނުވަތަ އެމްޑީޕީގެ “ސަރުކާރު ފެކްޝަން” ތަމްސީލު ކުރާ ބޭފުޅުންނަށާއި، ބޭފުޅުންގެ އަބިދަރިންނަށާއި، އާއިލާ ފަރާތްތަކެވެ.

މިއަދު މި ވާހަކަތައް ދައްކަވަނީ އިދިކޮޅުގައި އޮތް ޕީޕީއެމަށްވުރެ ގަދަޔަށް އެމްޑީޕީގެ މެންބަރުންނެވެ. ކޮންމެ މަސައްކަތެއް ކުރާ ބަޔަކު ނަމަވެސް، އަދި ކޮންމެ ސިނާޔަތެއްގެ ބައެއް ނަމަވެސް ފާހަގަކުރާ ވާހަކައަކީ އެކުރާ މަސައްކަތުގެ ހަމަ އަގު ނުލިބޭ ވާހަކައެވެ. ލިބޭ އާންދަނީ އިން ގޭބިސީގެ ހަރަދު ބަރަދު ހަމަނުޖެއްސިގެން އުޅޭއިރު، ބާކީ ކުރާނީ ކޯއްޗެއްތޯއެވެ؟

ކޮންމެ ޢާއިލާއަކީވެސް ދިވެހި އިޤްޠިޞާދުގެ ނާރެހުގެ ތެރެއިންވާ ޢާއިލާއެއްކަމުގައި ހެދުމަށް މަސައްކަތްކުރުންވެސް މިއީ، ފަހުރުވެރި ދިވެހި އާއިލާތަކުގެ ލޮލުގައި އަނދުން އެޅުވުމަށް ހެއްދެވި މެނިފެސްޓޯގައި އޮތްކަމެކެވެ. ގަބޫލުކުރާ، ދެކޮޅު ނަހަދާނެ ހަގީގަތަކީ އިގްތިސާދުގެ ނާރެހުގެ ތެރެއިން އާއިލާގެ ހުރިހާ މެމްބަރުންނަށް ވަޒީފާ ހަމަ އާއިލާތައްވެސް އެބަތިބިކަމެވެ. ސަރުކާރު ކުންފުނިތަކާއި ވުޒާރާތަކާއި، މުއައްސަސާތަކުން ދިވެހި ރައްޔިތުންނަށް ވަޒީފާ ދީފައި އެބަހުރިކަމެވެ. ނަމަވެސް އަދާކުރާނެ ވަޒީފާއެއް ނެތި، މަގުމަތީ ސަލާން ޖަހަންޖެހޭ ފަރާތްތައްވެސް އެބަތިބިއެވެ. އަމާޒަކީ ހުރިހާ ދިވެހި އާއިލަތަކެއް ފަހުރުވެރި އާއިލާތަކަކަށް ހެދުންނަމަ، އެފަދަ ހާލަތުގައި ތިބި ފަރާތްތަކަށް ހާއްސަކޮށް ވަޒީފާ ޕްރޮގްރާމްތަކާއި، އޯޕަންޑޭސް ނުހިންގެންވީ ކީއްވެގެން ހެއްޔެވެ؟

ދިވެހި ފަހުރުވެރި އާއިލާތަކެއް އުފެއްދުމުގެ ތެރޭގައި ދުޅަހެޔޮކޮށް ހެޔޮލަފާކޮށް އުޅޭ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުންވެސް ހިމެނެއެވެ. ނަމަވެސް އަދި އަދާއި ހަމައަށްވެސް އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ހުރި އެންމެ ބޮޑެތި ހުރަސްތަކެއް ހައްލެއް ހޯދިފައެއް ނެތެވެ. ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ފަރާތްތަކަށްވެސް އިންސާފުވެރިކަމާއިއެކު ތައުލީމު ފޯރުކޮށްދީ، މިއަދުގެ ޒުވާން ޖީލަކީ، މާދަމާގެ މުސްތަގުބަލުކަމުގައިވާއިރު، ޒުވާނުން މުޖުތަމައުއަށް ހޭލުންތެރިކޮށް އުފެއްދުންތެރިކުރުވުމަށް ކުރީ ވަކި ކީއްހެއްޔެވެ؟

ކުށުގެ ވެށީގައި ޒުވާން ޖީލުގެ ބޯޑު އާބާދީއެއް ހިއްސާކުރާއިރު، އެފަދަ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކަށް ފަރުވާ ނުދެވޭންވީ ކީއްވެގެން ހެއްޔެވެ؟ ޖަލަށްލުމަށްފަހު ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމުގެ ބަދަލުގައި އޭގެ ކުރިން ދުރާލާ އެކަމަށް ފިޔަވަޅުތަކެއް ނޭޅެންވީ ކީއްވެގެންތޯއެވެ؟ މަސްވުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުމަކީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ކުރުމަށް ވަރަށް ދަތިވާނެ އަދި އެކީ ހުއްޓުވުމަށް އުދަގޫވާނެކަމެއްކަމަށް މިއަދު ފާހަގަކުރި ނަމަވެސް މެނިފެސްޓޯގައި އޮތީ މަސްވުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުމެވެ. ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދޭން ވެވަޑައިގެން ވައުދުފުއްދަވައިދެވިދާނެކަމުގެ ޔަގީންކަން ދެއްވަން ސަރުކާރަށް ދަތިކަން މިއީވެސް އޮޅުވާނުލެވޭނެ ހަގީގަތެވެ.

ފަހުރުވެރި ދިވެހި އާއިލާތަކެއް ބިނާކޮށް، އެ މަގަށް އާއިލާތަކަށް މަގުފަހިކުރުމަށް ވަޑައިގެން ސަރުކާރުގެ ތެރޭގައި ދިރިއުޅުމުގެ އަސާސީ ކަންކަން ހަމަނުޖެހި، އެކަށީގެންވާ އާމްދަނީއެއް ނުލިބި، ހަރަދުތައް ހަމަނުޖެއްސޭތީ އުފެދުނު ހަމަނުޖެހުމުގެ ތެރެއިން ރޫޅިގެން ދިޔައީ ކިތައް އާއިލާތޯއެވެ؟

ބޯހިޔާވަހިކަމާއި އަދި އެނޫންވެސް އިތުރު މައްސަލަތަކެވެ. ގެދޮރު ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަގުފަހި ކުރުމަށްޓަކައި ފައިސާ ރައްކާކުރެވޭނެ މަގު ތަނަވަސްކޮށްދިނުން މެނިފެސްޓޯގައި އޮތްއިރު، އެކަމަށްޓަކައި ކުރެވުނީ ކޮން މަސައްކަތެއް ހެއްޔެވެ؟ މިއީ މިއަދު ޖަވާބު ބޭނުންވެފައިވާ ސުވާލުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: