ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިއުޓި ޕްރޮސިކިއުޝަން ކުރިން އޮތީ ބޮޑު އޮޅުންބޮޅުން ގަނޑެއްގަ، މިހާރު ވަނީ އެކަން އިސްލާހުކޮށްފަ: ޝަމީމް

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގމާއި ހަވާލުވެ ވަޑައިގެންނެވިއިރު ޑިއުޓީ ޕްރޮސިކިއުޝަންގެ ކަންކަން އޮތީ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށާއި ނަމަވެސް މިހާރު އެކަންކަން ހައްލުކޮށް ޑިއުޓި ޕްރޮސިކިއުޝަންގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ ވަކި އުސޫލެއް ލިޔެ އަމަލުކުރަން ފަށާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ގިނަ މައްސަލަތަކެއް ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާއަށް ފޮނުވާފައިވާކަން މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވާތީ ޑިއުޓީ ޕްރޮސިކިއުޝަންއާއި ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލު ކުރަމުންދާ ކަމަށް ވިދާޅުވެ ޕީޖީ ޝަމީން ވަނީ ޑިއުޓީ ޕްރޮސިކިއުޝަންއާއި ބެހޭ ގޮތުން އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުމެއް ލިޔުއްވާފަ އެވެ.

ޕީޖީ އޮފީހަށް، ތަޙްޤީޤީ އިދާރާތަކުން ހުށަހަޅާ މައްސަލައެއްގައި ނިންމާނެ އޮންނަނީ ތިން ގޮތެއް.

1. ތަޙްޤީޤު ފުރިހަމަވެފައި، އެމައްސަލައިގައި ދައުވާއެއް ކޮށް ސާބިތުކުރެވިދާނެކަމަށް ފެންނަނަމަ، އެމައްސަލައެއް ކޯޓަށް ހުށަހެޅުން؛ ނުވަތަ

2. ތަޙްޤީޤު ފުރިހަމަވިއިރު، އެމައްސަލައިގައި ދައުވާއެއްކޮށް، ކުށް ސާބިތުކުރެވިދާނެކަމަށް ނުފެންނަނަމަ، އެމައްސަލައެއް އަނބުރާ ތަޙްޤީޤީ އިދާރާއަށް ފޮނުވުން؛ ނުވަތަ

3.ތަޙްޤީޤު އިތުރަށް ފުރިހަމަކުރަންޖެހޭނަމަ، އަލުން ހުށަހެޅުމަށްޓަކައި އެމައްސަލައެއް ތަޙްޤީޤީ އިދާރާއަށް އަނބުރާ ފޮނުވާލުމެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ތައާރަފް ކުރެވުނީ ތަޙްޤީޤު އިތުރަށް ފުރިހަމަ ކުރަން ޖެހޭނަމަ، އަލުން ހުށަހެޅުމަށްޓަކައި އެ މައްސަލައެއް ތަހުގީގީ އިދާރާއަށް އަނބުރާ ފޮނުވާލުމުގެ މަރުހަލާގައި ހިނގާ އިދާރީ ކަންކަމަށްދާ ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނެވެ. އެގޮތުން މައްސަލައެއް ޕީޖީ އޮފީހަށް ބަލައިގަނެ، ދިރާސާކޮށް ނިމޭއިރު، އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލަން ޖެހޭނަމަ، އެ މައްސަލައެއް ފޮނުވާލައި، އެ މައްސަލަ އަލުން ގޮސް ތަހުގީގު ކުރާ މީހާގެ އަތަށް އެރުމާއި ދެމެދު، އިދާރީ ގޮތުން ލިޔެކިޔުން ބަދަލު ކުރުމުގައި އެތައް ވަގުތެއް ހޭދަވާކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ފަރުމާ ކުރެވުނު ގޮތަކީ، ޑޮކްޓަރުންގެ ޑިއުޓީއެއް ގޮތަށް، ކޮންމެ ދުވަހަކުވެސް، ތިން ޕްރޮސިކިއުޓަރުން ޑިއުޓީގައި، އެކަމަށް ހުސްވެ ތިބުމެވެ. ފުލުހުންގެ ތެރެއިން ތަހުގީގު ފުރިހަމަވާ މައްސަލަތައް، އެދުވަހަކަށް ޝެޑިއުލް ކޮށްގެން ގެންނަވާނީއެވެ. ލިޔުންތައް ހިއްޕަވައިގެން ދަނީ އިންވެސްޓިގޭޓަރެވެ.

އެ ލިޔުންތަކާ ހަވާލުވެ، ވަގުތުން ވަގުތަށް، އެއްތަނެއްގައި ތިބެގެން ލިޔުންތައް ދިރާސާކޮށް، ގެންނަންޖެހޭ އިސްލާހުތައް ޕްރޮސިކިއުޓަރުން ފާހަގަ ކުރައްވާނީއެވެ. އިސްލާހު ކުރަންޖެހޭ ކަންކަން، ވަގުތުން ފާހަގަ ކުރުމަށްފަހު، އިޞްލާޙާއެކު އަލުން ޑިއުޓީއަށް ޝެޑިއުލްކުރަން ބުނަނީއެވެ. ލިޔުންތައް ފުރިހަމަނަމަ، ވަގުތުން މައްސަލަ ބަލައިގަނެ، ޖެހިގެން އަންނަ ދުވަހު، އެ މައްސަލަ ކޯޓަށް ހުށަހަޅާނީއެވެ.

މިގޮތަށް ނިޒާމު ބައްޓަންކުރުމުން، ކުރިން ބޭކާރުވަމުން ދިޔަ ވަރަށް ގިނަ އިދާރީ ވަގުތުތައް ސަލާމަތްވާނެކަމަށް ހިސާބުތަކުން ދެއްކިކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ޕީޖީ އޮފީހުން ބޭރުގައި އުޅުމަށްފަހު، 8 ޑިސެމްބަރ 2019 ދުވަހު އަލުން މަގާމާ ހަވާލުވެގެން ބެލިއިރު، ޑިއުޓީ ޕްރޮސިކިއުޝަން ހިނގާ ގޮތް އޮތީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ. އެގޮތުން 2019 ގައި ފެނުނީ، ތަހުގީގު ކުރުމުގެ ތެރެއަށް ޕްރޮސިކިއުޓަރުން ވަންނަން ފެށާފައި އޮތްތަން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޕްރޮސިކިއުޓަރުންނަކީ ތަޙްޤީޤުކުރުމުގެ ހުނަރު ތިބޭ ބައެއްނޫން ކަމާއި އެހުނަރު ހުންނާނީ އިންވެސްޓިގޭޓަރުންގެކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. ޕްރޮސިކިއުޓަރަށް ކުރެއްވޭނެ ކަމަކީ، ތަޙްޤީޤީ ހޯދުންތަކުގެ މައްޗަށް ބަލައި، ދައުވާއެއް ކުރާއިރު، އިތުރަށް ހޯދަންޖެހޭކަމަށް ފެންނަ ކަންކަން ހޯދައިދިނުމަށް ދެންނެވުން ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ޑިއުޓީ ޕްރޮސިކިއުޝަން އޮތީ ބޮޑު އޮޅުންބޮޅުން ގަނޑެއްގައިކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އެ އޮޅުންބޮޅުން ގަނޑުގެ ތެރޭގައި ބައެއް އިންވެސްޓިގޭޓަރުން ވަރަށް ކަންނެތްވެސް ވިކަމަށެވެ. ޕްރޮސިކިއުޓަރު ވިދާޅުވާ އެއްޗެއް ނޫން އެއްޗެއް ނުހޯއްދަވާ ބައެއް އިންވެސްޓިގޭޓަރުންވެސް އުޅުނުކަން ޝަމީމް ފާހަގަ ކުރައްވާފައިވެއެވެ. ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ޕީޖީ އޮފީހަކީ، ފުލުހުންގެ ތަޙްޤީޤު ހިނގާނުހިނގާ ގޮތް ބެލުމުގެ އޯވަރސައިޓް ދައުރެއް އޮތް އޮފީހަކަށްވާތީ، ތަޙްޤީޤުގެ ޢަމަލީ ކަންކަމަށް ވަނުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން، އޭރު ހިނގަމުންއައި ގޮތް ބަދަލުކުރަން ޖެހުނުކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ހަރަދުދަނާ ކުރުމަށް ކުރެއްވި މަސައްކަތްތަކާއި ބެހޭ ގޮތުން ޝަމީމް ވިދާޅުވެފައި ވަނީ ޑިއުޓީ ޕްރޮސިކިއުޝަންގެ ކަންކަން ކުރާނެ މެނުއަލްއެއް ލިޔެ، ޢަމަލުކުރަން ފަށައިފައިވާ ކަމަށާއި ޕްރޮސިކިއުޓަރުގެ ދައުރަކީ ލަފާ ދިނުންކަމާއި، ތަޙްޤީޤުކުރުމަކީ އިންވެސްޓިގޭޓަރުގެ ކަމެއްކަމަށް ލިޔެފައިވާ ކަމަށެވެ.

ތަހުގީގުތައް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓަރަށް ކުރެވެން ހުންނަ ކަންކަން ވީހާވެސް އަވަހަށް ކޮށްދިނުމަށް ބާރު އަޅަންވާނެކަމަށްވެސް ލިޔެފައިވާނެކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ ތަޙްޤީޤީ އިދާރާތަކުން މަޝްވަރާއަށް އެދޭ މައްސަލަތަކުގެ ތަފާސް ހިސާބުތައް ނަގާ ކަމަށެވެ.

މީގެއިތުރުން އެންމެ ރަނގަޅަށް ތަޙްޤީޤު ކުރައްވާ، އެއް ފަހަރުން މައްސަލަ ބަލައިގަނެވޭ ފެންވަރަށް މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުން ޕީޖީ އޮފީހަށް މިހާރު އެނގޭ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ. ޙާދިސާ ހިނގާ ދުވަހުން ފެށިގެން މައްސަލަ ކޯޓަށް ހުށަހެޅި، މައްސަލައިގައި ޙުކުމްކުރާ ދުވަހާ ދެމެދު ހިނގާ މުއްދަތުތައްވެސް ބެލޭނެ ނިޒާމު ޤާއިމުކުރެވިފައިވާކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޕީޖީއަށް ލިބޭ ހިސާބުތަކުގެ އަލީގައި މަސައްކަތް ހަރުދަނާކުރަން އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: