ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: ލަމްހާ ބޭނުންވީ ހެކިބަސް ނެގުން ސިއްރު ކުރަން!

މޭރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ޝަރީއަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރިޔަށް ގެންދާ ހަލީމަތު ލަމްހާ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުން ކުރިއަށް ގެންދަން އެދިއްޖެއެވެ.

އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ، މޭރީ ގްރޭސްގެ މަރުވެވައިފާ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ހަމަ އެ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި އުޅޭ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ދަންޖެހުނީކަމަށް ބުނެ މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން އޮންނަ އުސޫލުގެ ދަށުން ފުލުހަށް ރިޕޯޓު ކުރިއިރު، މައްސަލަ ތަހުގީގު ކުރަން ފެށީ މަރުގައި ޝައްކު އުފެދޭ ބައެއް ކަންތައް ފާހަގަ ކުރެވުމުގެ ސަބަބުންނެވެ. އަދި ފުލުހުން ހިންގި ތަހުގީގު ފަށައި ކުރިޔަށް ދަނިކޮށް، މީޑިއާތަކުން މާވިން އާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން ނަރުހަކާއި ގުޅުން އޮންނަކަމަށް ރިޕޯޓު ކުރި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 06 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ގެންދަން ބޭއްވި އަޑުއެހުމުގައި ލަމްހާގެ ފަރާތުން ދެ ކަމެއް ޝަރީޢަތަށް ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅުމަކީ ހެކިބަސް ނެގުމުގެ މަރުހަލާ ލަމްހާ ކޯޓަށް ހާޒިރުވެ ހުރެ ކުރިއަށް ގެންދާށެވެ. މިހާރު ޝަރީޢަތުގައި ލަމްހާ ބައިވެރިވަނީ މާފުށީ ޖަލުގައި ހުރެ އޮންލައިންކޮށެވެ.

ލަމްހާގެ ވަކީލު ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ ކޯޓަށް ހާޒިރުވެ ކުރިއަށް ގެންދަން އެދޭ މައިގަނޑު ސަބަބަކީ ހެކިންނާއި ސުވާލު ކުރުމުގައި ދައްކަން ޖެހޭ ވާހަކަތައް ދައްކާއިރު ލަމްހާ ބޭނުންވާ ގާނޫނީ އެހީތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ކޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި ހާޒިރުން ވެގެން ކަމަށް ވާތީ ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ލަމްހާގެ ފަރާތުން ހުށަހެޅީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުން ކުރިއަށް ގެންގޮސް ދިނުމަށެވެ. އެގޮތަށް ހުށަހެޅި ސަބަބެއް ކަމަށް ލަމްހާގެ ވަކީލް ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ނުކޮށް ކުރިއަށް ގެންގޮސްފިނަމަ އެކި މީޑިއާތަކުގައި އެކި ގޮތަށް ރިޕޯޓް ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވެ ތަފާތުއެކި ގޮތަށް މައްސަލައާއި ގުޅޭ ގޮތުން ވާހަކަ ދެކެވޭ ކަމަށެވެ. އަދި އެކަމަކީ އިންސާފަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި  ވަކީލް ފާހަގަ ކުރެއްވިއެވެ. އަހެން ކަމުން ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ކޮށްގެން ކުރިއަށް ގެންދަން ލަމްހާގެ ފަރާތުން ވަނީ ސިޓީއެއް ވެސް ހުށަހަޅާފައެވެ.

ލަމްހާ ހުށަހެޅި ދެ ހުށަހެޅުމުގެ ތެރެއިން ލަމްހާ ކޯޓަށް ހާޒިރުވެ ހުރެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ގެންދަން ހުށަހެޅި ހުށަހެޅުމާއި އެއްގޮތަށް ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ގެންދަން ޝަރީޢަތުން ވަނީ ނިންމާފައެވެ. ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުން ކުރިއަށް ގެންގޮސް ދިނުމަށް އެދި ލަމްހާ ހުށަހެޅި ހުށަހެޅުމަށް ޝަރީޢަތުން ނިންމީ ސިއްރު ނުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދެން ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާގެ ފިރިމީހާގެ މައްޗަށެވެ. ފިރިމީހާ  މާވިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދާއުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މާވިންގެ މައްޗަށް މި ދައުވާ އުފުލީ، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި މޭރީގެ ބޮލަށާއި، ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

މޭރީ މަރުވީ ދަންޖެހިގެންކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގަބޫލު ނުކުރާތީ އާއި އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކެގެ ސަބަބުން ކަމެވެ.

އޭނާ މަރުވީ ބްލަންޓް އިންޖަރީ ނުވަތަ އެއްޗަކުން ބާރަށް ޖެހުމުން ލިބޭ ފަދަ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުން ދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: