ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަމްހާގެ އެކުވެރިއެއްގެ ހެކި ބަސް؛ މާވިން ޑިޕޯޓުކޮށްފާނެ ތޯ ލަމްހާ ސުވާލު ކުރި، މާޔޫސްކަމެއް ފާހަގައެއް ނުވޭ

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ، މޭރީ ގްރޭސްގެ މަރުވި ދުވަހު ހަލީމަތު ލަމްހާ އޭނާ ގުޅާފައި އެކަމުގެ މައުލޫމާތު ދިންކަމަށާއި އަދި އެކި ފަހަރު މަތިން ގުޅައި ތަހުގީގު ކުރިޔަށް ދާނެކަމަށް ބެލެވޭ ގޮތަކާއި މެދު ސުވާލުކުރިކަމަށް ބުނެ މައްސަލައިގައި ތުހުމަތު ލަމްހާގެ އެކުވެރިއަކު ކޯޓުގައި ހެކި ބަސް ދީފި އެވެ.

2021، އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި  އެވެ. މާވިން އާއި އެކު މި މައްސަލައިގައި ތުހުމަތު ކުރާ، ލަމްހާއަކީ އޭނާގެ ލޯބިވެރިޔާ އެވެ.

ދަންޖެހުނީކަމަށް ބުނެ މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން އޮންނަ އުސޫލުގެ ދަށުން ފުލުހަށް ރިޕޯޓު ކުރިއިރު، މައްސަލަ ތަހުގީގު ކުރަން ފެށީ މަރުގައި ޝައްކު އުފެދޭ ބައެއް ކަންތައް ފާހަގަ ކުރެވުމުގެ ސަބަބުންނެވެ. އަދި ފުލުހުން ހިންގި ތަހުގީގު ފަށައި ކުރިޔަށް ދަނިކޮށް، މީޑިއާތަކުން މާވިން އާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން ނަރުހަކާއި ގުޅުން އޮންނަކަމަށް ރިޕޯޓު ވެސް ކުރި އެވެ.

މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި، ލަމްހާގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި އޭނާއާއި ގުޅޭގޮތުން މީޑިއާތަކުގައި އެކި ހެޑްލައިންތަކުގައި ހަބަރުތައް ގެންނަކަމަށާއި އެއީ ދައުލަތުން ގަސްތުގައި ކުރާކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.

އޭގެ އިތުރުން ބަލި ހާލަތު ވެސް ފާހަގަ ކުރި އެވެ. އޭނާ ބުނި ގޮތުގައި ޖަލުގައި އަމިއްލައަށް އެކަނި ބައެއް ކަންކަން ކުރަން ޖެހޭތީ އުނދަގޫ ވެ އެވެ.

މީޑިއާތަކުން ޝަރީއަތް ކަވަރު ކުރާތީ، އޭނާއަށް ޖަލުގައި އެކި މީހުންގެ ފުރައްސާރަ ކުރިމަތިވާކަމަށް ލަމްހާ ބުނެފައި ވެއެވެ. އަދި ލަމްހާ ވަނީ ހެކި ބަސް ނެގުން ސިއްރު ކުރުމަށް ވެސް އެދިފަ އެވެ.

ލަމްހާއާއި ދެކޮޅަށް ޝަރީއަތުގައި ހެކި ބަސް ދިން އޭނާގެ އެކުވެރިޔާއަކީ ފުލުހެކެވެ. މާވިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އޭނާ ހިއްސާ ކުރިކަން ފާހަގަކޮށް ހެކި ބަސް ދިން އޮފިސަރު ބުނީ މޭރީ އާއި ލަމްހާ ދެމެދު މައްސަލަތަކެއް ޖެހި އެކަން ހައްލު ކުރުމަށް ވާހަކަ ވެސް ދައްކާފައިވާނެ ކަމަށެވެ.

އޮފިސަރު ކިޔައިދިން ގޮތުގައި، އެއީ ދެ މީހުންގެ ގުޅުން އެނގި އެ މައްސަލަ އައިޖީއެމްއެޗަށް ހުށަހަޅާނެކަމަށް މޭރީ ބުނުމުން ލަމްހާ އެކަމާ ކަންބޮޑުވެ އެ ވާހަކަ ބުނުމުން ސުލްހަ ވޭތޯ މަސައްކަތްކޮށްފައި ވާނެ އެވެ. އެކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް އައި ނަމަވެސް، ފަހުން އަނެއްކާވެސް ލަމްހާ އާއި މޭރީ ދެމެދު މައްސަލަތަކެއް ޖެހި ގޯސްވިކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، އޭގެ ފަހުން މޭރީ އާއި އޭނާ ދިމާވެފައި ނުވެ އެވެ. އެކަމަކު އެ މައްސަލައިގައި ލަމްހާ އޭނާއާއި ވާހަކަ ދެއްކި އެވެ. އެގޮތުން، މޭރީ މަސައްކަތް ކުރީ މާވިން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއ ހޯދުމަށްކަމަށް ބުނެ ލަމްހާ އެކަން ހިއްސާކުރިކަމަށާއި އެކަމަށް މަގުފަހި ކުރުމަށް މޭރީ އޭނާގެ އަމިއްލަ ނަފުސަށް ގެއްލުން ދޭން މަސައްކަތް ކުރާކަމަށް ލަމްހާ ބުނިކަމަށް ހެކިވެރިޔާ ޝަރީއަތުގައި ބުންޏެވެ.

މެރީ ދަންޖެހިގެން މަރުވިކަމަށް ގުޅާފައި އެވާހަކަ ބުނީ ލަމްހާކަމަށާއި، އޭނާ އޭރު ވެސް ބޭނުން ވީ މާވިން ޑީޕޯޓު ކުރުން ފަދަ ކަމެއް ހިނގާފާނެ ތޯ ސާފު ކުރުމަށްކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ލަމްހާ ގުޅައިގެން ވާހަކަ ދެއްކި ވަގުތު އޭނާގެ އެއްވެސް ކަންބޮޑުވުމެއް، ނުވަތަ ހިތާމައިގެ އަސަރެއް އަޑުން ފާހަގަ ނުކުރެވޭކަމަށް ހެކިބަހުގައި ބުންޏެވެ.

ހެކިވެރިޔާ އިތުރަށް ބުނެފައި ވަނީ، ލަމްހާ އޭގެ ފަހުން މައްސަލައިގައި ދެން ކަންތައް ވެދާނެ ގޮތާއި މެދު ވަރަށް ގިނަ ފަހަރަށް ގުޅައި ސާފު ކުރި އެވެ. ލަމްހާ އޭނާއަށް އެކި ފަހަރު މަތީން ގުޅައި ކުރި ސުވާލުތަކުގެ ތެރޭގައި މާވިން ޑީޕޯޓުކޮށްފާނެ ތޯ އާއި، ތަހުގީގު ކުރިޔަށް ދާނެ ގޮތް ވެސް ސާފުކޮށްދޭން އެދުނު ކަމަށެވެ.

އެކުވެރިޔާ ހެކި ބަސް ދިންއިރު ލަމްހާ އެކަމަކަށް އިންކާރެއް ނުކުރެ އެވެ. ނަމަވެސް ދިފާއީ ވަކީލުންގެ ސުވާލަކަށް އޭނާ ބުނީ އެ މައްސަލައިގައި އެއްވެސް މައުލޫމާތެއް އަމިއްލަ އިސް ނެގުމަށް ނުދިނީ އޭނާއަކީ ފުލުސް އޮފިސަރަކަށް ވެފައި ތަހުގީގަކާއި ނުގުޅޭ މީހަކު އެކަމުގެ ތެރެއަށް ނުވަދެވޭނެތީ ކަމަށެވެ.

މިއަދު އިތުރު ދެ މީހެއްގެ ވެސް ހެކި ބަސް ނެގި އެވެ. އެއީ މޭރީ އުޅުނު ގޭގެ ކެމެރާގެ ސީސީޓީވީ އާއި މާލޭގެ އެހެން ބައެއް ސަރަހައްދުތަކުގެ ވީޑިއޯ ފުޓޭޖުތައް ތަހުލީލު ކުރި އޮފިސަރެވެ. އޭނާގެ ހެކި ބަހުގައި ބުނެފައި ވަނީ، މޭރީ މަރުވި ދުވަހު މާވިން އައިޖީއެމްއެޗަށް ސައިކަލެއްގައި މާވިން އާއި މޭރީ ދެ އެވެ. އެއަށް ފަހު މާވިން އެނބުރި ގެޔަށް އައުމަށް ފަހު ދަރިފުޅު ގޮވައިގެން ގޮސް އިތުރު މީހަކާއި ހަވާލު ކުރެ އެވެ. ނަމަވެސް އެ މީހަކު، ސީސީޓީވީއަށް ނާރަ އެވެ.

ފުލުސް އޮފިސަރު ބުނި ގޮތުގައި، ވީޑިއޯތަކުން މޭރީ އެނބުރި ގެޔަށް ދާތަން ވެސް ފެނެ އެވެ. އަދި އޭގެ ފަހުން މޭރީ އާއި މާވިންގެ ދަރިފުޅު ގޮވައިގެން މީހަކު އެގެ ކައިރިޔަށް އައުމުން މަތީ ފްލޯއަކުން ވައްޓާލާ ތަޅުދަނޑިއެއް ބޭނުންކޮށްގެން ގެޔަށް ވަދެ އެވެ.

ކުއްޖާ ގޮވައިގެން ވަންނަތާ 20 ވަރަކަށް މިނެޓު ފަހުން ހަމަ އެ މީހާ ގެއިން ނިކުންނަކަމަށާއި، އެކަމަކު އޭނާ އިމާރާތުން ނިކުތުމަށް ދޮރު ހުޅުވަނީ ތަޅުގެ އަތްގަނޑުގައި ޓީޝާޓުން ހިފަހައްޓައިގެން ހުރެކަމަށް ހެކި ބަސް ދިން އޮފިސަރު ބުންޏެވެ.

އެމްބިއުލާން އައިސްގެން، މޭރީގެ ހަށިގަނޑު ގެންދާތަން ފެންނަނީ އޭގެ ފަހުންކަމަށާއި އޭރު މާވިން ވެސް އެތަނުގައި އުޅުނުކަމަށް އޮފިސަރު ކިޔައިދިނެވެ.

މީގެއިތުރުން ދެން ހެކި ބަސް ދިން އޮފިސަރަކީ، އައިޖީއެމްއެޗާއި މޭރީގެ ގެއަށް ދިޔަ ފުލުސް މީހާ އެވެ. އޭނާ ބުނީ، މާވިން އާއި ސުވާލު ކުރުމުން މޭރީ މަރުވީ ބެޑްޝީޓެއް ބޭނުންކޮށް ދަންޖެހިގެންކަމަށް ބުނި ކަމަށެވެ.

މޭރީ މަރުވެފައި އޮތް އިރު އޭނާގެ މޫނު ރަތްވެފައިވާކަމަށާއި އަދި އޭނާގެ ހެދުން ތެމިފައިވާއިރު ފައިގައި ނިޝާނެއް ހުރިކަމަށް ހެކިބަހުގައި އޮފިސަރު ބުންޏެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ލަމްހާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީޑިއާތަކުން ފާހަގަ ކުރުމުން އޭނާ ވަނީ އަމިއްލައިން ރާއްޖޭގެ އޮންލައިން ނޫހަކަށް އިންޓަވިއުއެއް ދީ މޭރީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ކުރެވޭ ތުހުމަތުތައް ދޮގުކޮށް ހޮސްޕިޓަލުގެ އެހެން ނަރުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 42%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: