ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ގާބިލް ކަމެއް އީސީގެ ނެތް: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ގާބިލްކަން އިލެކްޝަންސް ކޮމިޝަނުގައި ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމުމަށް ފަހު ހުށަހެޅި ކޮމެޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި މިހާރު އީސީން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު އެކަން ކުރުމުގެ ގާބިލްކަން ކޮމިޝަންގައި ނެތްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެން ކަމުން ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެއްޓުމުގެ ބާރު އިލެކްޝަން ކޮމިޝަންގެ އަތުން ނަގައި އެކަން އުވާލަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ބާރު ދޭންވީ ސިޔާސީ ޕާޓީތަކަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭނަމަ ދޭންވީ އިންތިހާބުތަކުގައި ޕާޓީތަކުން ވާދަކޮށް ހޯދާ ނަތީޖާއަށް ބަލައިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މީހުން ވަނުމާއި ވަކިވުމުވުމުގެ ކަންކަން އީސީން ކުރިއަށް ގެންދާ ގޮތުން ދުވަހަކުވެސް އީސީއަށް އެކަން ނުކުރެވޭނެ ކަމަށެވެ. އެގޮތުން ޕާޓީއަކުން ވަކިވުމަށް އީސީއަށް ހުށަހަޅާ ފޯމުގެ ވެސް ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލްކަން އީސީގެ ނެތްއިރު ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން އީސީން ކުރުމުގެ ސަބަބުން ސިޔާސީ ޕާޓީތަކަސް ނިސްބަތްވާ އެތައް ބައެއްގެ ހައްގުތައް ވެސް ގެއްލޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅިފައިވާކަން ވެސް އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އީސީން އަމަލު ކުރަމުންދާ ގޮތާއިމެދު ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު  ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ފޯމުތައް ސައްހަ ނޫންނަމަ ފޯމް ހުށައަޅާ ޕާޓީ ޖޫރިމަނާ ކުރުމަށް ނިންމިއިރު، އިލެކްޝަންސް ކޮމިޝަނުގައި ފޯމްގައިވާ ފިންގާ ޕްރިންޓް ސައްހަތޯ ބެލޭނެ ގާބިލިއްޔަތުކަން ނެތްކަމަށް އީސީން ވަނީ މަޖިލީހުގެ ކޮމެޓީގައި ބުނެފައެވެ.

ޕާޓީތަކުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި މެދު ބޮޑެތި ކަންބޮޑުވުން ފާޅުކޮށް، ދަފްތަރު އޮޅުވާލާ “ވަގު ފޯމް” ރަޖިސްޓްރީކޮށް އީސީގެ ފަރާތުން ޕާޓީތަކަށް މެންބަރުން ހަމަކޮށްދިނުމަށް މަސައްކަތް ކުރާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އާންމު ވާހަކަތަކެކެވެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އީސީއަށް ހުށައަޅާ ފޯމްތައް ޕްރޮސެސް ކުރުމުގައި ލަސްވުމުގެ ސަބަބަކީވެސް ފޯމުތައް ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައް ނިންމުމަށް ވަގުތު ނަގާތީކަމަށެވެ.

ފޯމްތައް ސައްހަތޯ ކަނޑައެޅުމުގައި ބައްލަވަނީ ދެ ކަމަކައްކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން އެބޭފުޅުންނަށް ލިބޭ ފޯމްތަކުގެ މައުލޫމާތު ކޮންމެ އާދިއްތަ ދުވަހަކު ވެބްސައިޓުގައި އިއުލާންކުރަންކަމަށާއި މިފަދައިން އިއުލާނުކޮށް އެއްވެސް ފަރާތެއްގެ ޝަކުވާއެއް އެބަ އޮތްތޯ ބައްލަވަންކަމުގައި ވިދާޅުވިއެވެ. އަދި ފޯމުގައިވާ ވެރިފަރާތުގެ ނަންބަރުގެ ގޮތުގައި ލިޔެފައިވާ ނަންބަރަށް، އެމީހަކު ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވުމަށްޓަަކައި ފޯމެއް ފުރާ ހުށައެޅިއްތޯ ސުވާލުކޮށް އެއްވެސް ޝަކުވާއެއް އޮތްތޯ، މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ބައްލަވަންކަމުގައި ހަބީބް ވިދާޅުވިއެވެ.

މިގޮތަށް ފޯމްގެ ވެރި ފަރާތާއި ސުވާލުކޮށް އެއްވެސް ޝަކުވާއެއް އައިސް، އެއީ ސައްހަ ފޯމެއް ނޫންކަން ކަށަވަރުވެއްޖެނަމަ ފޯމް ހުށައަޅާފައިވާ ސިޔާސީ ޕާޓީ 5،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އީސީން ވަނީ ނިންމާފައެވެ. އަދި މިފަދައިން ތަކުރާރު ވަނީނަމަ 10،000 ރުފިޔާއަށް ޖޫރިމަނާގެ އަދަދު ބޮޑުވާނެކަމަށާއި ފޯމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތްތަކުގެވެސް މައުލޫމާތު ބަލައި ސައްހަ ނޫންނަމަ އެ ފަރާތްތަށްވެސް ކުށްވެރިވެ ޖޫރިމަނާ ވާނެކަމަށް އީސީން ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: