ރާއްޖެ ތަރައްގީވެގެން އައުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާ ކޮށްފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ޗައިނާ- ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށާއި ޗައިނާ ރިޕަބްލިކަށް ވެގެންދިއުމަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިިހުވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ސިފަކުރައްވާފައެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިންގް އަށް ތަހުނިޔާ ރައްދުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާލުވީ، ޗައިނާ ރާއްޖޭގެ ގުޅުމަކީ، ރާއްޖެއިން ވަރަށް އަހައްމިއްޔަތު ދީގެން ދަމަހައްޓާ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމުން، ރާއްޖެއާއި ޗައިނާގެ ރައްޔިތުންގެ ގާތްކަން ދައްކުވައިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އެކުގައި ހުންނަ ބައިވެރިއެއްކަމަށެވެ. އަދި ދެގައުމަށްވެސް މަންފާ ކުރާ ގާތް ގުޅުމެއް އޮންނަކަމަށް އެމަނިކުފާނު ފާހާގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ސާލިހުވަނީ ޗައިނާގެ އެހީގައި ނިންމާފައިވާ އެކި މަޝްރޫއުތަކަށް އަލިއަޅުއްވާލާފައިއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ފްލެޓުތައްކަމަށްވާ ސިނަމާލެ ފްލެޓުތަކާއި، ހުޅުމާލެ ބުރިޖާއި ހިޔާ ފްލެޓު އަދި ވެލާނާ އެއަރޕޯޓު ބޮޑުކުރުމާއި ފޮރިން މިނިސްޓްރީގެ ބިލްޑިންގް މަރާމާތު ކުރުންވެސް ހިމެނެވެ.
މިހާރުވެސް ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ހުރިކަމަށް އަލިއަޅުވައި ރައީސް ސާލިހު ވިދާޅުވީ، ގިނަ ރަށްތަކެއްގައި ޗައިނާއިން ބިނާ ”މައިކްރޯ ގްރިޑް ޑީސެލިނޭޝަން ޕްރޮޖެކްޓް“ ގެ ސަބަބުން ސާފު ފެން ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ޒަމާންތަކަށް ދެމިގެންދާނެއް ހައްލެއް އަންނާނެކަމަށެވެ. އަދި ޗައިނާއާއި ގުޅިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށްވެސް ބޮޑެތި ފައިދާތައް ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަ ނިންމާލައްވަމުން ރައީސް ސާލިހުވަނީ އަންނަނިވި އަހަރުތަކުގެ ތެރޭގައި ދެގައުމުގެ ގުޅުން އިތުރަށް ހަރަދަނާވެގެންދާނެކަމުގެ ޔަގީން ކަން އޮތް ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ޗައިނާގެ އެމްބަސެޑަރު ވޭންގް ލީޒިން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު، ކެބިނެޓު މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

