ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލު ބެލެނިވެރިންގެ ކަންބޮޑުވުން: ދަރިވަރުން މަގުމަތިވާން ބޭނުމެއް ނޫން!

ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބިއްޔާގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ އިމާރާތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަނީ ވަރަށް ދަތިހާލުގައިކަމަށާއި، މާޒީ ތަކުރާރުވެ ދަރިވަރުން މަގުމަތިވާން ބޭނުން ނުވާކަން ފާހަގަކޮށް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވުމުގެ ސަބަބުން އަރަބިއްޔާގެ ދަރިވަރުން މިވަގުތު ތައުލީމު ފުރިހަމަ ކުރަމުން ދަނީ ވަގުތީ އިމާރާތެއްގަ އެވެ. ދިޔަ އަހަރުން ފެށިގެން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް، މައްސަލަ ގޯސްވީ އިމާރާތުގެ ހާލަތު މީޑިއާގެ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވާން ފެށުމުންނެވެ.

ތަނުގެ އެސެސްމެންޓެއް ހެދުމަށް ފަހު އެޑިއުކޭޝަނުން ނިންމީ، އަރަބިއްޔާ ސްކޫލުގެ އިމަރާތް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރުން އެއީ އެންމެ ފަނގަޅު ގޮތަކަށް ނުވާތީ ވަގުތީ ގޮތުން އެހެން އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ. އަދި އިތުރު އެހެން ސްކޫލެއްގެ ދަރިވަރުންނާއި އެކު އެކުވެގެން ކިޔެވުންތައް ކުރިޔަށް ގެންދަން ހުށަހެޅުމުން ބެލެނިވެރިން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ އިމާރާތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަނީ މުހިންމު އެތައް ކަމަކުން މަހްރޫމްވެގެން ތިބެ ކަމަށްބުނެ އެސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ގިނަ ޝަކުވާތަކާއި އެކު މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެޑިއުކޭޝަން މިނިސްޓަރާއި އެކު ބައްދަލުވުންތައް ބޭއްވި އެވެ. އަދި ސްކޫލުގެ ބެލެނިވެރިން އެ ކަންބޮޑުވުންތައް އޭރު ވެސް މީޑިއާތަކާއި ހިއްސާ ކުރި އެވެ.

ސްކޫލު އެޅުމަށް ދީފައިވާ، ބާ ޖަމާލުއްދީނު ބިމުގައި އަރަބިއްޔާ ސްކޫލުގެ މަސަައްކަތް ކުރިޔަށް ގެންދާނެކަން ހާމަކުރުމަށް ފަހު ތަން ސާފު ކުރުމުގެ މަސައްކަތް ފަށައި އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ބިން ޖަމާލުއްދީން ސްކޫލުގެ އާ ކްލާސްރޫމް ބަރިއަކާއި ޕާކިންއަށް ބޭނުން ކުރާނެ ކަމަށެވެ. އަދި ތަނުގެ ޓެރަސް އަކީ ދެ ސްކޫލުގެ ވެސް ތަނެއްގެ ގޮތުގައި އެއްކޮށް ބޭނުން ކުރާނެކަން ހާމަކުރި އެވެ.

800 ދަރިވަރުން ތިބޭ އަރަބިއްޔާގެ ދަރިވަރުންނަށް މިއީ، އެއްވެސް އިންސާފުވެރި ނިންމުމެއް ނޫންކަން ފާހަގަކޮށް މިއަދު ބެލެނިވެރިން މީޑިއާތަކާއި ބައްދަލުކޮށް ސްކޫލް ޕީޓީއޭގެ ނައިބު ރައިސާ އާއިޝަތު ޝާދިޔާ ވިދާޅުވީ، ސްކޫލު އުފެދިގެން މިއަދާއި ހަމައަށް ވެސް އިވެމުން އައީ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ކަމަށެވެ. ނަމަވެސް ދަރިވަރުންނާއި، މުދައްރިސުން އަދި އިސްވެރިން ވެސް އެކަމުގެ މާބޮޑެތި ޝަކުވާތަކެއް ކުރިން ނުކުރާކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތަށް، މާލެ، ހުޅުމާލެ ފެރީ ޓާމިނަލް ޖެހިގެން ވަގުތީ ގޮތުން މަސައްކަތްތަކަށް އެޅި އިމާރާތެއް މިވަގުތު ސްކޫލެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އަސާސީ އެތައް ހައްގަކުން މަހުރޫމްވެ ތިބެކަމަށް ޝާދިޔާ ވިދާޅުވި އެވެ. ސްކޫލުގެ ޕީޓީއޭ ބައްދަލުވުންތަކާއި އަދި ދަރިވަރުންގެ ޕީއީ ކުރިޔަށް ގެންދާނެ އެއްވެސް ޖާގައެއް ތަނުގައި ނެތްކަން އޭނާ ފާހަގަ ކުރި އެވެ.

އެގޮތުން އިތުރު ހަރަކާތަކަށް، ނުވަތަ ޕީއޭއަށް ހެންވޭރު ދަނޑު ބޭނުން ކުރެވޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް ދަރިވަރުން ގޮވައިގެން ސްކޫލުން ދަނޑަށް ދާނީ ކިހިނެއްތޯ ޝާދިޔާ ސުވާލު އުފެއްދި އެވެ. އަދި އެގޮތަށް ދަރިވަރުން ގެންދާ ނަމަ އެ ދުވަހެއްގެ މެންދުރު ސެޝަނުގެ ކުލާސްތައް ކެންސަލް ކުރަން ޖެހޭކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ޝާދިޔާ ވިދާޅުވީ ސްކޫލުގައި މިހަތަނަށް ދަރިވަރުންނަށް ލެބޯޓްރީ އަދި ލައިބްރަރީގެ ހިދުމަތް ނުދެވޭ ކަމަށެވެ. ދަރިވަރުންނަކީ އަބަދު ކުލާސް ރޫމުގެ ތެރޭގައި ތިބެން ޖެހޭ ކުދިން ނޫންކަމަށާއި، އިތުރު ހަަރަކާތްތައް ކުރިޔަށް ގެންދިއުން މުހިންމުކަން ފާހަގަކޮށް ޝާޒިޔާ ވިދާޅުވީ އެފަދަކަމެއް ކުރިޔަށް ގެންދާނެ ވެސް ޖާގައެއް ދަރިވަރުންނަށް ނެތް ކަމަށެވެ. ކުރިންނަކީ ދުޅަހެޔޮ ސިއްހަތެއްގެ ކުދިންނަށް ވާން ޖެހޭކަމަށް ބުނަމުން ދާއިރު އަރަބިއްޔާގެ ދަރިވަރުންނަށް އެކަން ކަށަވަރުކޮށްދޭން ކުރެވުނުކަމެއް ނެތްކަމަށް ޝާދިޔާ ވިދާޅުވި އެވެ.

ސްކޫލެއްގެ ދަރިވަރުންނާއި، އަދި ބެލެނިވެރިންނަށް އެ ކުދިންނަށް ލިބޭ މަގާމުތަކާއި ސެޓްފިކެޓުތައް ދިނުން ފަދަ ރަސްމިއްޔާތުތަކަކީ އެންމެ ބައިވެރިވާން ބޭނުންވާ ޖަލްސާތައް ނަމަވެސް އެންމެ ފަހުން ވެސް ސްކޫލު ކުދިންނަށް މަގާތައް ދޭން ބޭއްވި ޖަލްސާގައި ބެލެނިވެރިންނާއި އިތުރު މީހުންނަށް ބައިވެރިނުވެވުނުކަމަށް ޝާޒިޔާ ވިދާޅުވި އެވެ. ޝާދިޔާ ވިދާޅުވީ ކުދިންތައް ޖަލްސާގައި ބައިވެރިވާން ޖެހުނީ ގޫގަލް މީޓް މެދުވެރިކޮށް ކަމަށެވެ.

އަރަބިއްޔާއަށް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވުމުން ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް މިއަދު ބެލެނިވެރިން ތިބީ މާޔޫސްކަމެއްގެ ތެރޭގައިކަމަށް ޝާދިޔާ ވިދާޅުވި އެވެ.

މި ކަންބޮޑުވުންތަކާއި އެކު ރައީސާއި ބައްދަލުކުރުމަށް އެކި ފަހަރުމަތީން ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭކަމަށް ޝާދިޔާ ވިދާޅުވި އެވެ.

ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލެއްގެ ބައެއް އަޅަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އެކު ދާދިފަހުން ވަނީ ސޮއިކޮށްފަ އެވެ. 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، އެ މަޝްރޫއު ހަވާލުކުރީ 168 މިލިއަން ރުފިޔާއަށެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ތަނުގައި އަރަބިއްޔާ ސްކޫލުގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެ އެވެ. އަދި ޖަމާލުދީނުގެ ބައެއް ތަނުގައި އަޅަނީ، ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރާތީީ އެވެ. އެކަމަށް ބޭނުންވާ 34 ކުލާސް ރޫމް ބާޖަމާލުއްދީން ބިމުގައި އަޅާނެ އެވެ.

ސަރުކާރުގެ ސިޔާސަތަކީ ސްކޫލުތައް އެއްދަންފަޅިއަށް ހިންގުމާއި އެކު، ބިން 25،000 އަކަފޫޓަށް ވުރެ ބިން ކުޑަ ނުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: