ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހާ މަޝްވަރާ ނުކޮށް ސަރުކާރުން ޗާގޯސްގެ މައްސަލައިގައި ގޮތް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ނުކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ގޮތް ނިންމުމަކީ ބލައިގަނެވޭނެ ކަމެއް ނޫން ކަމަށް އައްޑޫސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ކުރިން ގެންގުޅުނު “ސްޓޭންޑް” ބަދަލުކޮށް މަރިޝަސްއާ އެއްކޮޅަސް ވޯޓު ދޭން ނިންމުމާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް ބަލައި އިންކުއަރީއެއް ހެދުމަށް ގަވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ.

މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވަނީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި، އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި “ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ޢަމަލު ކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިން” ކަމަށް ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (1) ގައި ބަޔާންކޮށްފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހެން އޮތްއިރު އައްޑޫ ސިޓީގެ ދެކުނުން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބައެއް ހިމެނޭ ގޮތަށް، ފޯޅަވައްސާއި އެކު އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ލޯވް އޮފް ދަ ސީއަށް ހުށަހަޅާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން މިހާތަނަށް ވަކާލާތުކޮށްފައި ވަނީ މޮރިޝަސްއާއި ދެކޮޅަށް ކަމަށްވެފައި، މޮރިޝަސްއަށް ތާއީދުކޮށްފިނަމަ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ނެކަމުގެ ބިރު ބޮޑުވާކަމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ވާހަކަ ދައްކަމުން އަހުމަދު ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަސްގަނޑުން ވިޔަސް އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ކަމަށްވިޔަސް އެންމެ އިންޗިއެއް ވެސް ގެއްލިގެން ދިއުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއްގައި ދިވެހި އެއްވެސް ރައްޔިތަކު ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެކެވެ. އަދި ވަކިން ހާއްސަކޮށް ޗާގޯސްއަކީ އައްޑޫސިޓީ އާއި ފުވައްމުލަކާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާތަނެއްކަން ނަމުން ވެސް ތާރީހުން ވެސް އެނގޭ ކަމަށެވެ. އެހެން ކަމުން އައްޑޫސިޓީގެ ކަނޑުގެ ސަރަހައްދުން އިންޗިއެއްވިޔަސް ގެއްލިގެންދާފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ އޭނާ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އަދި އައްޑޫސިޓީގެ އެއްވެސް ރައްޔިތަކު އެފަދަ ކަމަކަށް ތާއިދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ކުރިން ސަރުކާރުން ގެންގުޅުނު “ސްޓޭންޑް” ބަދަލުކޮށް ކަންކަން ނިންމުމުގެ ކުރިން ކަމުގެ މާހިރުންނާ މަޝްވަރާނުކޮށް އެކަން ކުރެއްވީތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ބަޔަކު މީހުން ތަނެއް އަޅުވެތިކޮށްގެން އުޅުމަށް ފަހު އެތަނަކުން މީހުން ހުސްކުރުމަށް އެހެން ބަޔަކަށް ދިނުމުން އެއީ އެތަނުގެ ހައްގުވެރިން އަތުން އެތަން ގެއްލެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންކަމުން ޗާގޯސްގެ މައްސަލައިގައި ސަރުކާރުން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތް ބަލައި ނުގަނެވޭ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އާދަމް ޝަރީފްގެ މައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނާއި އަރިސް ބައެއް މެމްބަރުން ފާހަގަކުރެވެ އެވެ.

އިންކުއަރީއެއް ހެދުމަށް ތާއީދުކޮށް އީވާ ވިދާޅުވީ، މަޖިލީހުގެ ގަވައިދުން އެކަމަށް ތަންދޭ ކަމަށެވެ.

މައްސަލައިގައި ސަރުކާރުން ނެރުނު ބަޔާން ދިފާއުކޮށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވެސް ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތްކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާނަމަ ދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރަށް އެ އެއްބަސްވެވުނީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިއަދު ވެސް ގެންގުޅުއްވާ ވިސްނުމަކީ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެތަން ދޫކުރެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗާގޯސްގެ މައްޗަށް ބާރު ހިންގާ ޤައުމެއްގެގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެއަށް ހިމެނޭ ބަޔާމެދު މޮރިޝަސްއިން ވަކާލާތުކުރުމުގެ ފުރުޞަތު ހަނިކަމަށް ވާއިރު، އެކަމަށް ރިޢާޔަތް ކުރުމެއް ނެތި، ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ޤައުމުކަމުގައި ރާއްޖެއިން ނިންމި، އެ ނިންމުމަކީ ރާއްޖެއަށް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއްކަށް އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: