ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަޅު އަޅަންވީ ރައީސް ނަޝީދަށް، ލަފާގެ ދަށުން މަސައްކަތްކުރައްވާ ބޭފުޅުންނަކަށް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބިވަޑައިގަތް ނާކާމިޔާބީއަށްފަހު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަމުން ދަނީ ޕާޓީއާއި ދެކޮޅަށެވެ. ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށެވެ. “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ރައީސް ނަޝީދު ކުރިއަށް ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދު މުގުރާފައެވެ. ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ޕާޓީގެ މެންބަރުން އިންތިހާބުކޮށްފައިވާ ރިޔާސީ ކެޑިޑޭޓާއި ދެކޮޅަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވަނީ ޕާޓީގެ އިސް ސަފުގައި ތިއްބެވި މެންބަރުންނާއިއެކުއެވެ.

އެމްޑީޕީގެ ކޯލިޝަނުން ބޭރުވުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއިއެކު ސިޔާސީ މަޝްވަރާތަކެއްކޮށް، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްވެސް ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން” ފަރާތުކުރެއްވިއެވެ. އެހެން ޕާޓިއެއްގައި ހުންނަވައި، ވާދަވެރި އެހެން ޕާޓީތަކާއިއެކު މިފަދަ މަޝްވަރާތަކެއް ކުރެއްވީ ކޮން ހަމައެއްގެ މަތިންތޯ ސުވާލުއުފެދެއެވެ. ހައްތަހާވެސް ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފު، ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކެވެ.

އަމިއްލަ ޕާޓީ ވެރިކަމުގައި އޮތްއިރު، ޕާޓީގެ ވެރިކަން ގޯސްކޮށް، ޕާޓީއާއި ދެކޮޅަށް ވާހަކަދެއްވުމާއި، މިފަދަ ކަންކަންވެސް އެއީ ކަނޑައެޅިގެން ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެކެވެ. މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ގަވާއިދުގައިވާ ކަންކަމަށް ބަލާއިރު، އެ ގަވާއިދުގައި ގައި ބުނާ ގޮތުން ޕާޓީގެ އަސާސީ ގަވާއިދާއި، ސިޔާސަތުތަކާއި އުސޫލުތަކާއި، ކަނޑައެޅުންތަކާއި، އަދި އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށް ސުލޫކު ބަހައްޓާ އެ ގަވާއިދުގައި ބުނެފައިވާ ކަންކަން ގަބޫލުރަންޖެހޭނެއެވެ.

އޭގެ ތެރޭގައި ޕާޓީގެ މަސްލަހަތުތަކަށް ބުރޫނާރާނެ ގޮތަށް އެ މެންބަރެއްގެ އުޅުން ބެހެއްޓުމާއި، ހާއްސަކޮށް ޕާޓީގެ އަހްލާގީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުން ހިމެނެއެވެ. އަދި ގައުމީ މަޖިލީހުން ކަނޑައަޅާ އިޝްތިރާކު މެދުނުކެނޑިދެއްކުމާއި، ޕާޓީގެ އަމާޒުތަކާއި މަގުސަދުތަކައި، އުސޫލުތަކައި، ސިޔާސަތުތަކައި، ޕާޓީއަށް މުހިންމު ކަންކަން ކުރިއެރުރުވުމަށް މަސައްކަތްކޮށް އަދި އެކަންތައްތައް ދިފާއުކުރުމަށްފަހު އަސާސީ ގަވާއިދުން ޕާޓިގެ މެންބަރުންނަށް މަޖުބޫރުކޮށްފައިވެއެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައިވާކަމަށް ކަނޑައަޅާ ފިޔަވަޅެއް އަދި މިހާތަނަށް އަޅާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށެވެ. އެއީވެސް ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފުވަމުން އަންނަތާ އެތަކެއް ދުވަހެއް ފާއިތުވީ ފަހުން، އަމާޒުވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށެވެ. ސީދާ ކަނޑައެޅިގެން ގަވާއިދުތަކާއި ހިލާފުވުމަށް، ޕާޓީގެ އަސާސްތައް މުގުރުމަށް އެތައް ދުވަހަކަށް އެމްޑީޕީއިން ފުރުސަތުދިނެވެ.

ދާދިފަހުން ހުކުން ކުރި ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އަމަލުކުރިކަމަށް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ގަބޫލުކުރައްވައެވެ. އަދި މިކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ އިއްތިހާދުގައިވެސް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ހަރަކާތްތެރިވެއެވެ. މި މަސައްކަތުގެ ތެރެއިން، ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމުގައި އާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަޒުލުކުރުމުގައިވެސް “ފިކުރެއްގެ ދިރުން” ގެ ތާއީދު އޮތްކަމަށް ވިދާޅުވީ އާޒިމްއެވެ. ނަމަވެސް މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް މަޖިލީހަށް ވެއްދިއިރު، އޭގައި “ފިކުރެއްގެ ދިރުން” މެންބަރުންގެ ސޮއިއެއް ނެތެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން އާޒިމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ބެލި ގޮތުގެ ރިޕޯޓުން ދޭހަވާ ގޮތުގައި އާޒިމް ވަނީ ރިއްފަތުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށައެޅި މައްސަލައިގައި ސޮއިކޮށްފިއެވެ.

އާޒިމްއަށް ފިޔަވަޅު އަޅާފައި މިވަނީ، ޕާޓީގެ އަސާސީ ގަވާއިދާއި މެންބަރުން ހިލާފުވަމުންދާއިރުވެސް ފިޔަވަޅު ނާޅާކަމުގެ ފާޑު ޕާޓީއަށް ކިޔަމުންދަނިކޮށެވެ. މިކަމަށް ރައްދުދީ އެމްޑީޕީއިން ބުނަމުން ދިޔައީ ފިޔަވަޅު އަޅާނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު، ވަގުތު ޖެހުމުންކަމަށެވެ. އުފެދޭ ސުވާލަކީ ފިޔަވަޅު އެޅީ އިންސާފުންތޯއެވެ. އަޅަންޖެހޭ ހަމަތަކާއި އުސޫލުގެ ދަށުންތޯއެވެ.

ފުރަތަމަ އެމްޑީޕީގެ އަސާސީ ގަވާއިދު އެއްކިބާގައި ބޭއްވުމަށްފަހު، އިންސާނީ ހަމަތަކުން ބަލާއިރު، ކުށެއްގައި ބަޔަކަށް ތުހުމަތުކުރެވެނީނަމަ، އެންމެ ފުރަތަމަ ބަލަންޖެހޭނީ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ކާކުތޯއެވެ. އެތައް ބަޔަކު އެއްވެގެން ކަމެއްކުރައްވަނީނަމަ، އެކަމުގައި އެއްބާރުލުން ދެއްވި މީހަކުވެސް ހުންނަވާނެއެވެ. ކަމެއް ހުއްޓުވަން ބޭނުންވަނީނަމަ އޮތް ގޮތަކީ، އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާއަށް ނާސޭހަތްދީ، އެކަން ހުއްޓާލުމަށް އެންގުމެވެ. އެއަށްފަހުވެސް އެކަން ތަކުރާރުކުރައްވަނީނަމަ ފިޔަވަޅު އެޅުމެވެ.

އާޒިމާއި، އެމްޑީޕީގެ “ފިކުރެއްގެ ދިރުން” ގެ ދެންވެސް ތިއްބެވިއްޔާ ތިއްބެވި މެންބަރުނެއް، ސަރުކާރާއި ދެކޮޅަށް، އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފަށް މަސައްކަތްކުރައްވަމުން އެ ގެންދަވަނީ ރައީސް ނަޝީދުގެ ލަފާއާއި މަޝްވަރާގެ ދަށުންނެވެ. އެހެންކަމަށްވާނަމަ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ، ރައީސް ނަޝީދަށެވެ. ކަން ހިންގާ ކުރިއަރުވަން ހުންނެވި ބޭފުޅާ ބެހެއްޓެވުމަށްފަހު، އޭނާގެ ލަފާގެ ދަށުން މަސައްކަތްކުރައްވާ މީހުންނަށް ފިޔަވަޅު އަޅައިގެން ފިޔަވަޅު އެޅުމުގެ މަގްސަދެއް ހާސިލެއް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: