ފައިސާ ނުވަތަ، އެކަމާއި ގުޅުވާ ޑީލުތައް ނޫން އިތުރު ވާހަކައެއް ކުރީގެ ރައީސް އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވާތަން ދުވަހަކު ވެސް ނުފެންނަކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ބެހޭ ސިލްސިލާ މައުލޫމާތުތައް ދިނުމުގެ ބައްދަލުވުމުގައި މިއަދު ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން ކުއްލިއަކަށް ސްޓޭންޑު ބަދަލު ކުރުމުން އުފެދިފައިވާ މައްސަލައަށެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައވާ ބޭފުޅުންނާއި، ޚާރިޖީ ސިޔާސަތުތައް ދަންނަ ކަނޑުގެ ދިރާސާތަކުގެ އިލްމު އެނގިވަޑައިގަންނަވާ ބޭފުޅުން ހިމެނެ އެވެ.
ރާއްޖެއިން މީގެ ކުރިން ދަމަހައްޓަމުން އައި ސްޓޭންޑު ބަދަލު ކުރުމަކީ، ގޯހެއްކަމަށް ވާހަކަތައް ދެކެވޭތީ ”ސަންގު“ އިން ވަނީ މައްސަލައިގައި ރައީސް ޔާމީންގެ ވިސްނުންފުޅަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހާމަކުރަމުން ގެންދަނީ، އެ މައްސަލައިގައި އެމަނިކުފާނު ދެކިލައްވާ ގޮތްކަމަށެވެ. އަދި ވިދާޅުވީ ޗާގޮސް ވަނީ މޮރިޝަސްއަށް ވިއްކާލާފައިކަމަށާއި އެކަމާއި މެދު ސުވާލު އުފެދޭ ވަރުގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ފާޑުކިއުންތަކާއި، ތުހުމަތުތަކަށް ހުއްޓުމެއް ނެތި ސަރުކާރުން ރައްދު ދެމުން ދާއިރު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފައިސާ އަދި ޑީލް ފަދަ ބަސްތައް އެއީ ރައީސް ޔާމީންގެ އާއްމު ބަހުރުވަކަމަށެވެ. އަދި މި ބަސްތައް ބޭނުން ނުކޮށް ރައީސް ޔާމީންގެ އެއްވެސް ވާހަކަފުޅެއް ފުރިހަމަވީތަން ފަހުގެ ތާރީހެއްގައި ފެނިފައި ނެތް ކަމަށް ވިދާޅުވި އެވެ.
”ފައިސާގެ ވާހަކަ ނުލާ ރައީސް ޔާމީނަށް މިފަހުން އެއްވެސް ވާހަކައެއް ދެކެވުނުތޯ… ފާޑުވިދާޅުވާ ކޮންމެ ފަހަރެއްގައި އަބަދުވެސް ކޮންމެވެސް ފައިސާއެއްގެ ވާހަކަ… ނޫނީ ޑީލެއްގެ ވާހަކަ… ފައިސާ އާއި ނުލައި އެއްވެސް ވާހަކައެއް ނުދެކެވޭ.. ދެން އެއްވެސް ވާހަކައެއްގެ ހެއްކެއް ވެސް ނުދެއްކޭ“ މިއުވާން
ރައްޔިތުންގެ ޓެކްސް ފައިސާ މެދުވެރިކޮށް، ދައުލަތުން ދޫކުރާ ފައިސާ ބޭނުންކޮށްގެން ސިޔާސީ ޕާޓީތައް ހިންގާއިރު މިއަށްވުރެ ޒިންމާދާރު ވާން ޖެހޭކަމަށް މިއުވާން ވިދާޅުވި އެވެ. ނަމަވެސް ފެންނަނީ ރައްޔިތުންނަށް އޮޅުވާލައި، ކަމުގެ ހަގީގަތް އޮޅޭ މިންވަރަށް ދޮގު ވާހަކަތައް ފަތުރާ މަންޒަރުކަމަށް މިއުވާން ތުހުމަތު ކުރެއްވި އެވެ.
”ކޮން ފައިސާއެއްގެ ވާހަކައެއް ތޯ… ކޮން ޑީލެއްގެ ވާހަކައެއް ތޯ މިދައްކަވަނީ“ މިއުވާން
2019 ގައި އެންމެ ފުރަތަމަ މޮރިޝަސް އާއި ދެކޮޅަށް ވޯޓު ދިނުމުން އެކަމަށް ވެސް އިދިކޮޅުން ފާޑުކިއުންތައް އަމާޒު ކުރިކަމަށާއި، މިއަދު އެބޭފުޅުން ބޭނުންވި ގޮތަކަށް އަމަލު ކުރުމުން އަނެއްކާ ވިސްނުން ބަދަލު ވާން ވީ ކީއްވެގެން ތޯ މިއުވާން ސުވާލު އުފެއްދެވި އެވެ. އެހެންކަމުން ވިއްކާލިކަމަށް ތުހުމަތު ކުރައްވަނީ ރާއްޖޭގެ ކޮން ބައެއްކަން ސާފު ނުވާކަމަށާއި ސިޔާސީ ބޭނުމަމަށް ކޮންމެ މީހަކަށް ވެސް ވާހަކައެއް ދެއްކޭނެކަމަށް މިއުވާން ވިދާޅުވި އެވެ.

