ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްސަސާގެ އިތުބާރު ގާއިމު ކުރަން ފުލުހުން ބޭނުމީ އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް!

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގުގައި އިންސާފަށް ވާސިލުވުމަށާއި، އާއްމުންގެ އިތުބާރު ގާއިމު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ނިންމުމާއި އެއްގޮތަށް ކުރިޔަށް ގެންދިއުން މުހިންމުކަމަށް ފުލުހުން ބުނެފި އެވެ.

ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު މަރުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތު މެޔަށް ތަދުވާތީ ވާތީ އެހީއަށް އެދުމުން ވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެއީ ހުސް ފޭކުކަމަށް ނުވަތަ އެކްޓުގެ ގޮތުގައި ބުނެ ބުނެ ތިއްބަ އެވެ.

ލޯންޗުގައި ތިބި މީހުންނާއި ހަވާލާދީ އާއިލާއިން ބުނީ އަބްދުﷲ ލޯންޗުގައި އޮވެ ޑޮކްޓަރަކަށް ގެންގޮސްދޭން އެދި ރޮއެ އާދޭސް ކުރިކަަށެވެ. އޭގެ ދޮޅު ގަޑިއިރު ފަހުން އެނާގެ ހަރަކާތް ހުއްޓުމުން ފުލުހުން އެނާ ގެންގޮސް ލީ އެ ރަށާއި ޖެހިގެން އޮންނަ މަޑަވެލިއަށެވެ. އަދި އަބްދުﷲ ގެ ފުރާނަ ނެތް ހަށިގަނޑު، ރަށަށް ގެންގޮސްފައިވާކަމަށް އާއިލާއަށް މައުލޫމާތު ދިނީ މަޑަވެލި ރައްޔިތުންނެވެ. މައްސަލަ ގޯސްވެ، މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައުމުން ފުލުހުން ބުނީ އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމައި ހަށިގަނޑު މާލެ ގެނެސްފައިވާކަމަށެވެ. ނަމަވެސް އާއިލާއިން އެކަމަށް ދެކޮޅު ހަދަ އެވެ.

އާއިލާއަށް އަބްދުﷲ ގެ މޫނު ވެސް ނުދައްކައި، ޖަނާޒާ ބޭއްވުމުގެ ފުރުސަތު ނުދީ ޕޯސްޓުމޯޓަމަށް ރާއްޖެއިން ބޭރަށް ގެންދާތީ އެކަމާއި ދެކޮޅު ހަދައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އަޑުއެހުމެއް ކުރިޔަށް ގެންދިޔަ އެވެ.

ޝަރީއަތުގައި ފުލުހުންގެ ފަރާތުން ބުނީ، އަބްދުﷲ ގެ މަރުގެ މައްސަލައިގައި ނެޝަނަލް އިންޓެގްރިޓީ އާއި ގުޅިގެން ކުރިޔަށް ގެންދަނީ ޖިނާއީ، ޖޮއިންޓު ތަހުގީގެއް ކަމަށެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައި ވަނީ އެކަމުގެ އިޖުރާއަތުތައް ފުރިހަމަވުމާއި ފުލުހުންގެ މައްޗަށް މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީކަމަށް ބުންޏެވެ.

ފުލުހުން ބުނީ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދުނު ނަމަވެސް، އެކަމުގެ ގާނޫނީ އެއްވެސް ހުތްޖަތެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައި ނުވާކަމަށެވެ. ފުލުހުން ބުނީ ޕޯސްޓުމޯޓަމް ހެދުމުން، މީހާ މަރަށް ހުށަހެޅިގެން ދިޔަ ގޮތާއި މަރުވުމަށް ދިމާވި ހުރިހާ ނައްސެއް އެ ރިޕޯޓުން އެނގިގެން ދާނެ ކަމަށެވެ.

އާއިލާގެ އެއްވެސް ރުހުމަކާއި ނުލައި، ޕޯސްޓުމޯޓަމް ނުހެދޭނަކަމަށް ބުނި ނަމަވެސް ފުލުހުން އެކަމަށް ބޭނުން ވެއްޖެ ހާލަތެއްގައި އެއްވެސް ބައެއްގެ ހުއްދަ ހޯދަން ނުޖެހޭނެކަމަށް މައްސަލައިގެ ރައްދުގައި ފުލުހުން ބުންޏެވެ. އަދި މައްސަލައިގައި ތަދައްހުލުވި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވެސް ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޕޯސްޓުމޯޓަމް ހެދޭނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތަހުގީގަކީ ޖިނާއީ ތަހުގީގެއްކަމުން އެދެނީ ޕޯސްޓުމޯޓަމް ހެދުމާއިގެން ކުރިޔަށް ދިއުމަކަމަށް ވަކީލު ވިދާޅުވި އެވެ.

އަބްދުﷲ ގެ އާއިލާއަށް އަދި ވެސް އޭނާގެ މޫނު ދައްކާފައި ނުވެ އެވެ. ބޭނުން ވަނީ ވީހާވެސް އަވަހަށް އަބްދުﷲ ވަޅުލުމަށްކަމަށާއި، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައި ކުރާކަމަކުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން ފާހަގަކޮށް އާއިލާއިން ބުނީ އެފަދަ ރިޕޯޓަކުން ފެންނާނެ އިހުމާލެއް ނެތް ކަމަށެވެ. އާއިލާއިން ބުނެފައި ވަނީ އިތުރަށް، އެއްވެސް މައްސަލައެއް ޖައްސަން ބޭނުން ނުވާކަމަށާއި، ބޭނުން ވަނީ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

ތަކުރާރުކޮށް ފުލުހުން ބުނީ، ގާނޫނީ ގޮތުން އެބާރު އެ މުވައްސަސާއަށް ލިބިގެން ވާކަމަށާއި އާއިލާގެ އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-17 ވަނަ މާއްދާއާއި ހަވާލާދެއްވައި ފުލުހުން ބުނީ އިންސާފަށް ވާސިލުވުން މުހިންމު ކަމަށެވެ.

ޝަރީއަތް ނިންމާލުމުގެ ކުރިން ދިން ފަހު ފުރުސަތުގައި ޕީޖީން ބުނީ، މި މަހުގެ 31 ގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އަބްދުﷲ ގެ ހަށިގަނޑު ޕޯސްޓުމޯޓަމަށް ގެންދާނެ ކަމަށެވެ. ޕީޖީން އެކަން ސިވިލް ކޯޓުގައި މިއަދު ހާމަ ކުރިއިރު އާއިލާއަށް އެއްވެސް އިދާރާއަކުން އެ އެންގުން އަންގާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

މައްސަލައިގައި ކުރިޔަށް ގެންދިޔަ އަޑުއެހުންތައް ނިންމާލައި، ދެން އޮންނާނީ ހުކުމް ކުރުމެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޝަރީއަތުން މައްސަލައިގައި ވީހާވެސް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: